Gaanoon ah genai badhalaai gulhigen Court thakuge idhaaree muvahzzafunnai badhalu kuranee
image
ޑީޖޭއޭއިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / މިހާރު
0 ކޮމެންޓް
 

ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުވުމާއި އެކު ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި ބައްދަލުކުރަނީ

ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދަށަށް ބަދަލުވުމާއި އެކު ކޯޓުތަކުގެ އިދާރީ މުވައްޒަފުންނާއި ބައްދަލުކޮށް މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން ކޯޓުތަކުގެ އިދާރީ ކަންކަމުގައި އުޅުއްވާ ފަރާތްތަކާއި ބައްދަލުކުރަން ޑީޖޭއޭއިން ނިންމައިފިއެވެ.
ޑީޖޭއޭއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ކޯޓުތަކުގެ އިދާރީ ކަންކަން ބޮޑަށް ހަވާލު ކުރެވިފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން އެ ކޯޓެއްގައި ހުންނަވާ ޗީފް އެޑްމިނިސްޓްރޭޓަރު ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިދާރީ ކަންކަން ކުރިއަށްދާނެ ގޮތް ވިލަރެސްކޮށް ކޯޓުތަކުގައި އިދާރީ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި އަދި ކޯޓު އޮޓޮމޭޝަންގެ ދަށުން އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މާލެއާ މެޖިސްޓްރޭޓު ކޯޓުތަކުގައި މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓުންނާއި މާދަމާ ރޭ ޑީޖޭއޭގެ ފަރާތުން ބައްދަލު ކުރާނެ ކަމަށެވެ.

އެގޮތުން މާދަމާ ރޭ 8:30ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އެ ބައްދަލުވުން ކުރިއަށް ދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މިހާތަނާއި ޖެހެންދެން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ހުރިހާ ކަމެއް އެ އިދާރާއިން ކުރަމުން ގޮސްފައިވާނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ގާނޫނަށް އައިސްފައިވާ ބަދަލާއި އެކުގައި، މުޅިން އައު ގަވާއިދެއް ހަދަން ޖެހޭ ކަމަށާއި އެ ގަވާއިދު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނެސްފައިވަނީ ކުރިން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ހިންގަމުން ގެންދިޔަ، ޑީޖޭއޭ ޖޭއެސްސީއަށް ބަދަލު ކުރުމަށެވެ. ޑރ. ނަޒީރު ވިދާޅުވީ މިހާރު އޮތީ އިންތިގާލީ މަރުހަލާއެއް ކަމަށާއި ނަމަވެސް އެ މަރުހަލާގެ ތެރޭގައިވެސް އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ކަމަށެވެ.
ހިޔާލު