Fuvahmulak ga 24 gadi iru viyafaari kurevey sarahahdhu thah kanda alhaifi
image
ފުވައްމުލަކު ސިޓީ-- ފޮޓޯ: ވީނިއުސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފުވައްމުލަކުގައި 24 ގަޑިިއިރު ވިޔަފާރި ކުރެވޭ ސަރަހައްދުތައް ކަނޑައަޅައިފި

ފުވައްމުލަކު ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނީ ތިން ސަރަހައްދެއްގައި ކަމަށެވެ.

އެއީ ފުވައްމުލަކު މެދު ދާއިރާގެ ގާޒީ މަގާއި ދެކުނު ދާއިރާގެ މުހައްމަދު ޖަމާލުއްދީން މަގާއި ފުވައްމުލަކު އުތުރު ދާއިރާގެ ގެއްމިސްކިތް މަގެވެ.

ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން އެ ސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

އަދި ވިޔަފާރިކުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުން ކުރާ އެއްޗެހިކަމާއި ހުއްދަ ދޫކުރެވޭނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަ ވާން ޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކްކުރުމަށް ފަހުގައި ކަމަށް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.

އޭގެ އިތުރުން ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސާފައި ހުންނަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ވަނީ ހުޅުމާލޭގައި ވެސް 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ތިން ސަރަހައްދެއް މިމަހުގެ ތެރޭގައި ކަނޑައަޅާފަ އެވެ. އެއީ ނިރޮޅުމަގާއި ހުވަނދުމާ ހިނގުމާއި ފެރީޓާމިނަލް ސަރަހައްދެވެ.
ހިޔާލު