Fuluhun Male ge 4 Ge Eh Balaa Faas Kuran Fashaifi
image
ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނުގެ ތެރެއިން.-- ފޮޓޯ: ސީއެންއެމް
ސީއެންއެމް
0 ކޮމެންޓް
 

މަރުތައް ބަލާ ކޮމިޝަނުގެ އެދުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

ލައިވް ކަވަރޭޖް
23:14
10/09/2019
ފުލުހުން ބުނީ މަރުތައް ބަލާ ކޮމިޝަނުގެ އެދުމަށް ހިންގާ އޮޕަރޭޝަނުގެ ދަށުން މާލެ އާއި ހުޅުމާލޭގެ ދެ ތަނެއް މި ވަގުތު ބަލާ ފާސްކުރަމުން އަންނަ ކަމަށް.
23:13
10/09/2019
ބަލާ ފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށް ދާއިރު އެމްއެންޑީއެފުން ވަނީ ހަތިޔާރާއި އެކު މާލޭގެ މަގުތަކަށް ނިކުމެ، ހާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފަ.
23:11
10/09/2019
ބަލާ ފާސްކުރުމުގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި. އެގޮތުން އެ އޮޕަރޭޝަނުގެ ދަށުން ހުޅުމާލޭގެ ބައެއް ތަންތަނަށް ވެސް ފުލުހުން ވަނީ ވަދެފައި. އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު ދަނީ 127 ވަނަ ފްލެޓްގެ އެޕާޓްމަންޓެއް ބަލާ ފާސްކުރަމުން.
22:02
10/09/2019
ގ. އެކްސެލް ގެއަށް ވެސް ފުލުހުން މިރޭ ވަދެފައިވޭ. އެކަމަކު އެއީ ރިޔާސީ ކޮމިޝަނުން އެދިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ދަށުން ކުރި ކަމެއް ނޫން.

ފުލުހުން ބުނީ އެ ގެއަށް ވަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދިޔަ ވަކި އޮޕަރޭޝަނެއްގައި ކަމަށް. އެކަމަކު އެ އޮޕަރޭޝަނުގެ މާބޮޑު ތަފްސީލެއް އަދި ނުލިބޭ.
22:01
10/09/2019
ބާލާ ފާސްކުރުމުގެ އޮޕަރޭޝަން އަދިވެސް ނުނިމޭ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް.
19:50
10/09/2019
ފުލުހުންގެ އޮޕަރޭޝަންގައި ބަލަމުން އަންނަނީ ރިލްވާން މަރުގެ މައްސަލައާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަސް މީހަކާ ގުޅުންހުރި ތަންތަން. އެ ފަސް މީހުންނަކީ:

- ސާމިހު މުހައްމަދު (ސޯމިތު)، ތ. އޮމަދޫ އަތިރީގެ
- އަލީ ޝިޔާމް (ވީބީ އައްޔަ)، ހ. ވާލީ ވިލާ
- އަހުމަދު އަގްލީލް (ކިޑޫ)، ސ. ފޭދޫ، ގުރަހާގޭ
- މުހަންމަދު މަޒީދު (މަޒީދު)، މާލޭ ދަފްތަރު ނަންބަރު 471
- ރިލްވާން ރަހީނުކޮށްގެން ރަތް ކާރަށް އަރުވައިގެން ގެންދިޔައިރު އެ ކާރު ފަހަތުން ދިޔަ ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނާ ޝައްފާފު.
19:32
10/09/2019
ރިލްވާން މަރާލި ހަރުކަށި ޖަމާއަތުގެ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް އުޅޭ ކަމަށް ރިޔާސީ ކޮމިޝަނުން ހާމަކުރި އަގްލީލް (ކިޑޫ) ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައި.

ފުލުހުންގެ ތަރުޖަމާން "ސީއެންއެމް" އަށް ވިދަޅުވީ މިހާރު ފަށާފައިވާ އޮޕަރޭޝަނުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް.
19:12
10/09/2019
އެނގިފައިވާ ގޮތުގައި ފުލުހުން ބަލަމުން އަންނަނީ ފަސް ތަނެއް. އެއީ ރިލްވާން މަރުގެ މައްސަލަ އާ ގުޅުންހުރި ފަސް މީހަކު އުޅޭ ތަންތަން. އައްޑޫ ސިޓީގެ އެއް ތަނުގެ އިތުރުން ދެން ބަލަނީ މުޅިން ވެސް މާލޭގެ ތަންތަން.
19:00
10/09/2019
ފުލުހުން އަންނަނީ އައްޑޫ ސިޓީގެ ފެދޫގައި ހުންނަ ގުރަހާގެ ބަލައި ފާސްކުރަމުން ކަމަށް މައުލޫމާތު ލިބޭ. އެނގިފައިވާ ގޮތުގައި އެ ގެއަކީ ރިލްވާން މަރާލި ހަރުކަށި ޖަމާއަތުގެ އޮޕަރޭޝަންތަކުގައި އެންމެ އިސްކޮށް އުޅޭ ކަމަށް ރިޔާސީ ކޮމިޝަނުން ހާމަކުރި އަގްލީލް (ކިޑޫ) ދިރިއުޅޭ ގެ.

އައްޑޫ ލައިވް އިން ބުނާގޮތުގައި އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ގޮސްފައި. ފުލުހުން ވަނީ މި އޮޕަރޭޝަން ހިންގާއިރު މާލެ އާއި އައްޑޫގެ އާންމު ސަލާމަތީ ކަންކަން ވެސް ވަރުގަދަ ކޮށްފައިވާ ކަމަށް ބުނެފައި.
18:56
10/09/2019
މި އޮޕަރޭޝަނުގެ ދަށުން ފުލުހުން، ހ. ވާލީ ވިލާ އާއި ހ. ނައިޓް ވިއު އަދި ގ. އާނޫރާނީ އަށް ވަނީ ވަދެފައި. އޭގެ އިތުރުން ގާކޮށި ފްލެޓްތަކުގެ ފަސް ވަނަ ފަންގިފިލާގައި ވެސް ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބޭ.
18:49
10/09/2019
މިހާރު ފަށާފައިވާ އޮޕަރޭޝަނަކީ ރިޔާސީ ކޮމިޝަނުގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ އަމުރުތަކެއް ތަންފީޒުކުރަން ފުލުހުން ހިންގާ އޮޕަރޭޝަނެއް. އެނގިފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރާނެ އެކަމަކު އޮޕަރޭޝަނަށް ހުރަސް އަޅައިފިނަމަ އެ މީހަކު ފުލުހުންނަށް ހައްޔަރު ކުރެވޭނެ.
18:44
10/09/2019
ފުލުހުން ފަށާފައިވާ އޮޕަރޭޝަނަކީ މަރުތައް ބަލާ ކޮމިޝަނުން ބަލަމުން އަންނަ ކޮން މައްސަލައަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމެއް ހާމައެއް ނުކުރޭ. އެކަމަކު އެއީ އެ ކޮމިޝަނުން ދާދި ފަހުން މައުލޫމާތު ހިއްސާކުރި ނޫސްވެރިޔާ ރިލްވާންގެ މަރާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަން "ސީއެންއެމް" އަށް ވަނީ ކަށަވަރުވެފައި.

އެގޮތުން ފުލުހުންގެ އޮޕަރޭޝަނުގައި ބަލައި ފާސް ކުރާ ތަންތަނަކީ ރިލްވާން މަރުގެ މައްސަލަ އާ ގުޅުންހުރި މީހުންނާއި އެ މީހުންނާ ގުޅުންހުރި ތަންތަން ކަމަށްވޭ. މާލޭގެ އިތުރުން އައްޑޫގައި ވެސް ފުލުހުން މި އޮޕަރޭޝަން ކުރިއަށް ގެންދޭ. އެގޮތުން މި އޮޕަރޭޝަނުގެ ދަށުން އައްޑޫގައި ފުލުހުން ހަރަކާތްތެރިވަނީ އެންމެ ލޮކޯޝަނެއްގައި ކަމަށް މައުލޫމާތު ލިބޭ.
18:29
10/09/2019
ފުލުހުން މިހާރު ކުރިއަށްގެންދާ އޮޕަރޭޝަންއަކީ 'މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނުން' ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނޭ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގަނީ ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް ކަމަށް. އެގޮތުން ތަންތަނާއި މީހުން ބަލާފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ ކޮމިޝަނުގެ އެދުމުގެ މަތިން ފުލުހުން ކަމަށް ބުނޭ.

މި އޮޕަރޭޝަނުގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން ބައިވެރިވާ ކަމަށް ބުނޭ. އެގޮތުން މާލޭގެ ގެތަކަށް ވަތް ފުލުހުން ތިބީ މޫނު ނިވާކޮށްގެންކަން ފާހަގަވޭ.

އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަން ވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ވަނީ ބުނެފައި. އެހެންކަމުން ބެލެވޭގޮތުގައި މި އޮޕަރޭޝަނުގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަނާއި މީހުން ވެސް ބަލާ ފާސްކުރާނެ.

ފުލުހުން ބުނީ އެއްވެސް ފަރާތަކުން މިހާރު ކުރިއަށްދާ އޮޕަރޭޝަނަށް އެހީތެރިވެވޭފަދަ މައުލޫމާތެއް ދެއްވަން ބޭނުންފުޅުވާނަމަ 3322111 ނުވަތަ 119 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކޮށްދޭން އެދޭކަމަށް.
18:27
10/09/2019
ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގެ ދަށުން މާލޭގެ ބައެއް ގެތަކަށް މޫނު ނިވާކޮށްގެން ތިބި ފުލުހުން ވަނީ ވަދެފައި. އަދި އެ ގެތަކަށް އިތުރު މީހުންނަށް ނުވަދެވޭނޭހެން ވަނީ ބަންދުކޮށްފައި.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ އެދުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ ބަލާ ފާސްކުރުމުގެ އަމުރުތަކެއް ތަންފީޒުކުރުމަށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ތަފްސީލު އަންނަނީ....
ހިޔާލު