Amilla dhanduga China athun Raajje balivejje
image
ޗައިނާއާ ދެކޮޅަށް ނިކުތް ރާއްޖޭގެ ޓީމް--
މިއުނާ ހަސަން
0 ކޮމެންޓް
 

އަމިއްލަ ދަނޑުގައި ޗައިނާ އަތުން ރާއްޖެ ބަލިވެއްޖެ

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން ޗައިނާ އަތުން ބަލިވެއްޖެ އެވެ.
ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި ކުޅުނު މެޗު، ޗައިނާ ކާމިޔާބު ކުރީ 0-5 ގެ ނަތީޖާ އަކުން ރާއްޖެ ބަލިކޮށްގެންނެވެ.

މެޗު ފެށިގެން ފުރަތަމަ 15 މިނެޓު ރާއްޖެއިން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ވަރުގަދަ ހަމަލާތަކެއް އުފައްދައިގެން ރަނގަޅަށް ކުޅުނީ ޗައިނާ އިންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ރާއްޖޭގެ ޓީމް ފަރާތުން މާ އެދެވޭ ހަމަލާތަކެއް ނުފެނުނު ނަމަވެސް، ރާއްޖޭގެ ޑިފެންސް ލައިނާއި ކީޕަރު ވަނީ ޗައިނާގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ޗައިނާ ޓީމުން ފުލުފުލުގައި ރަނގަޅު ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ މެޗުގެ 34 ވަނަ މިނެޓުގައި އެޓީމުގެ ޝީ ވޫ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑް ނެގުމެވެ.

ރާއްޖެ ޓީމުގެ ފަރާތުން މާއެދެވޭ ހަމަލާތަކެއް ފެނިގެން ގޮސްފައި ނުވާއިރު، ޗައިނާއިން އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިތާ ގިނަ އިރުތަކެއް ނުވެ، މެޗުގެ 45 ވަނަ މިނެޓުގައި ލެއި ވޫ ކާމިޔާބުކޮށްދިން ލަނޑާއެކު ވަނީ ލީޑް އިތުރަށް ފުޅާކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-0 ގެ ނަތީޖާއަކުން ޗައިނާ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ފުރަތަމަ 11 މިނެޓު ރާއްޖެއިން ޗައިނާގެ ފަހަތަށް ބާރު ބޮޑުކޮށްގެން ރަނގަޅު ކުޅުމެއް ކުޅުނުއިރު، ރާއްޖެއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗުގައި ޗައިނާއިން ކާމިޔާބު ކުރި ތިންވަނަ ލަނޑު، ޕެނަލްޓީއަކުން ޒޫ ޔޭންގް ކާމިޔާބު ކޮށްދިން އިރު އެ ޓީމުގެ ހަތަރު ވަނަ ލަނޑު ވެސް ކާމިޔާބު ކޮށްފައި ވަނީ ޕެނަލްޓީ އަކުންނެވެ.

ޗައިނާގެ ދެވަނަ ޕެނަލްޓީއަކީ ރާއްޖެ ޓީމްގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެ ފައުލާއެކު އޭނާއަށް ދެ ރީނދޫ ކާޑާއެކު ވަނީ ރަތް ކާޑު ދައްކާފައެވެ.

މެޗުގެ ފަހު 10 މިނެޓު ރާއްޖެއިން އެއް ކުޅުންތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާއެކު ކުޅެމުން ދަނިކޮށް ޗައިނާއަށް ގެނެސްފައިވާ ބްރެޒިލްގެ ސްޓްރައިކާ، އެލެކްސަން ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑް ފުޅާ ކޮށްފައެވެ.

މެޗަށް ފަހުގައި ރާއްޖެ ޓީމުގެ ކޯޗް ޕީޓާ ސެގާޓް ބުނީ، މެޗުގެ ނަތީޖާ ބަދަލުވެގެން ދިޔައީ ޗައިނާ ޓީމަށް ލިބުނު ޕެނަލްޓީ ތަކުކެ ސަބަބުން ކަމަށެވެ.

ރޭގެ މެޗުގައި ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާން އަލީ އަޝްފާގް (ދަގަނޑޭ) ފެނިގެން ދިޔައިރު، އޭނާ ޓީމަށް ނަގާފައި ވަނީ ޗައިނާ މެޗަށް ކުޑަ ދުވަސް ކޮޅަކަށްވެފައި ވަނިކޮށެވެ.

އެހެންކަމުން އެކަށީގެންވާ ޓްރެއިނިންގައި، ޓީމާއެކު ފަރިތަކުރެވިފައި ނެތުމުގެ ސަބަބުން އަޝްފާގުގެ ކުޅުން ރޭ މެޗުގައި ފެނިފައެއް ނުވެއެވެ.
ހިޔާލު