Anas ge marah insaafu hoadhai dhinumah massaikkai kuraanan: Raees
image
އަނަސް--
0 ކޮމެންޓް
 

އަނަސްގެ މަރަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރާނަން: ރައީސް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ވަޅިން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރަށާއި އޭނާގެ އާއިލާއަށް އިންސާފު ހޯއްދަވައި ދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ރައީސް ވަނީ ރ. މީދޫއަށް ވަޑައިގެންފަ އެވެ. އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ވަނީ ވަކިން ބައްދަލުކޮށް އަނަސްގެ މަރުގެ މައްސަލަ ފާހަގަ ކުރައްވައި އެމައްސަލަ ބައްލަވައި ދެއްވައި އިންސާފު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.

އަނަސްގެ އާއިލާ އާއި ރަށުގެ ހެޔޮއެދޭ ރައްޔިތުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މައްސަލަ މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންގެންދާކަން ހާމަކުރައްވައިފަ އެވެ. އަދި އަނަސްގެއާއިލާއަށް އިންސާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެމްޓީސީސީ ފެރީއެއްގެ ކައްޕިއަކަށް އުޅުނު އަނަސް މަރާލާފައި ވަނީ މާލޭގައި ހުރި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ.

އަނަސްގެ މަރުގެ މައްސަލައިގެ އިތުރުން މިފަދައިން މަރާލާފައިވާ އެތައް ބައެއްގެ މަރުގެ މައްސަލަ އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ގިނަ މައުލޫމާތުތަކެއް ރިޔާސީ ކޮމިޝަނުން އާއްމުކޮށްފައި ވާއިރު އެ މައްސަލައާ ގުޅިގެން މާލެ ތެރޭގައި ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަނެއް ވެސް މިހާރު ހިންގަމުންނެވެ.
ހިޔާލު