Terrorism gaanoonah bodu badhaleh, gina baaruthakeh libeyne!
image
ފުލުހުންގެ ސްވޮޓުން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން.-- ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

ޓެރަރިޒަމްގެ ގާނޫނަށް ބޮޑު ބަދަލެއް، ގިނަ ބާރުތަކެއް!

ޓެރަރިޒަމްގެ ގާނޫނަށް ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ ބަދަލުތައް ގެނައިމާއި އެކު އެފަދަ އަމަލުތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެކަން ހާމަވެއްޖެ އެވެ.
ދައުރުން ބޭރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާ އަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ތައްޔާރުވެފައިވާ ބިލްގައި ވަނީ މިހާރުގެ ގާނޫނުގައި ޓެރަރިޒަމް މާނަ ކޮށްފައިވާ ވަރަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަ ކޮށްފަ އެވެ. އެއާއި އެކު އެފަދަ ކަންކަން ހުއްޓުވުމަށް މިހާރަށް ވުރެ ބޮޑެތި، ގިނަ ބާރުތައް ދީފައި ވެއެވެ.

ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހުގައި ޓެރަރިޒަމް މާނަކޮށްފައި ވަނީ ވަކި ސިޔާސީ އަދި ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި، އެ ނޫން ވެސް ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމަށް އަމަލެއް ހިންގުމަކީ ޓެރަރިޒަމްގެ ގޮތުގަ އެވެ.

އެ އިސްލާހުގެ ދަށުން ފުލުހުންނަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި އެފަދަ ކަންކަން ކުރާ މީހުން ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކުރުމުގެ ބާރާއި، އެފަދަ މީހުން ކޯޓަށް ނުގެންގޮސް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ހިމެނެ އެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް، ކޯޓް އަމުރެއް ނެތި ފުލުހުންނަށް އަމިއްލަ ތަންތަނަށް ވަދެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި، އެފަދަ ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލު ފާޅުކުރުމަކީ ވެސް ކުށެއްގެ ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އަދި ޓެރަރިސްޓް ޖަމާއަތެއް ކުރިއެރުވުމަށް ނުވަތަ އެފަދަ ޖަމާއަތަކަށް އެއްވެސް މަންފާއެއް ލިބޭފަދަ ބައްދަލުވުންތައް ބާއްވައި، އެ ފަދަ ކަންކަން ރާވާ އިންތިޒާމު ކޮށް، އެފަދަ ކަމަކަށް އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށް ކަނޑައެޅުމަށް އެ ބިލުގައި ހިމަނާފައި ވެއެވެ.

ޓެރަރިސްޓް ޖަމާއަތަކަށް ސަޕޯޓް ކުރުމުގެ ގޮތުން ނުވަތަ އެފަދަ ޖަމާއަތެއްގެ މީހެއްކަން ދޭހަވާނެ ފަދަ އަންނައުނު ލުމަކީ ވެސް ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެފައި ވެއެވެ. އަދި އިސްލާހުގައި ބުނެފައިވާގޮތުން، އެ ފަދަ ކުށެއް ކޮށްފިނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ މީހެއްގެ މައްޗަށް އަންނާނެ އެވެ.

ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް، ވަކި ގޮތަކަށް ކުރުމަށް މަޖުބޫރުކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އޭގެ އިތުރުން އާންމުންގެ ސިއްހަތާއި، ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމުގެ އިތުރުން މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުންދީ، އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަކީ ވެސް ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެ އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައި މިހާރު ވެސް އޮންނަ ގޮތަށް އެފަދަ ކުށްތަކުގެ އަދަބަކީ 20-25 އަހަރާއި ދެމެދު ޖަލަށް ލުން ކަމަށް އަލަށް އެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުގައި ވެސް ބުނެ އެވެ.
ހިޔާލު

ތިރިބެ

އަދިވެސް އެފަދަމީހުންގެ މުދާހިފެހެއްޓުން ދައުލަތައްނެގުން ހުއްދަކުރުން ރަގަޅުވާނެ