Vilufushi and Madifushi ga police station ge aa imaaraaiy hulhuvaifi
image
ހޯމް މިނިސްޓަރު ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވަނީ-- ފޮޓޯ: ފުލުހުން
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ވިލުފުށީ އަދި މަޑިފުށީގައި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތް ހުޅުވައިފި

ތ. ވިލުފުށީ އަދި އެ އަތޮޅު މަޑިފުށީގައި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތެއް ހުޅުވައިފި އެވެ.
ފުލުހުން ބުނީ އަތޮޅު ތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ރައްކާތެރި މާހައުލެއް ރަށްރަށުގައި ގާއިމް ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އެގޮތުން ވިލުފުށީ އަދި މަޑިފުށީ ޕޮލިސް ސްޓޭޝަންގެ އާ އިމާރާތެއް އިއްޔެ ވަނީ އެ ދެ ރަށުގައި ހުޅުވާފަ އެވެ. އެ އިމާރާތް ހުޅުވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން ވިލުފުށި ކައުންސިލްގެ ނައިބް ރައީސް އިބްރާހީމް ޝާފިއު ވިދާޅުވީ ވިލުފުށީގައި 2016 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތް ދެމުން އަންނަ ކަމަށެވެ.

"ފުލުހުން އާ އިމާރާތެއް އެ ހުޅުވީ. ފުލުހުންގެ ހިދުމަތް ކުރިން ވެސް ލިބޭ. ވަގުތީ ތަނެއްގައި އެ ބޭފުޅުން އުޅުނީ، ސްޓޭޝަނެއް ހަދައިގެން. ސީދާ ޕޮލިހުންގެ ރަސްމީ އިމާރާތެއް އަދި އެ ހުޅުވީ،" ޝާފިއު ވިދާޅުވި އެވެ.

ވިލުފުށީގެ އާބާދީ އަކީ 2200 މީހުންނެވެ. އޭގެ ތެރެއިން ރަށުގައި މިހާރު ދިރިއުޅެނީ 1200 މީހުންނެވެ. އަދި ރަށުގައި ވަރަށް ކުށް މަދު ކަމަށް ޝާފިއު ވަނީ ވިދާޅުވެފަ އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން މަޑިފުށި ކައުންސިލްގެ ރައީސް އިސްމާއިލް ހިލްމީ ވިދާޅުވީ އެރަށުގައި ފުލުހުންގެ ހިދުމަތް ދޭން ފުރަތަމަ ފެށީ އާންމުގެ އިމާރެއްގައި ކަމަށެވެ.

"އެންމެ ފުރަތަމަ ހިންގަމުން އައީ ރައްޔިތުންގެ އިމާރާތެއްގައި. އެއީ 2013 ވަނަ އަހަރު. 2014 ވަނަ އަހަރު ކޮންޓްރެކްޓެއްގައި ސޮއިކުރި. ދެން 2016 ވަނަ އަހަރު ފުލުހުންގެ އަމިއްލަ އިމާރާތެއް ގާއިމް ކުރެވި ވަގުތީ ގޮތުން ހިދުމަތް ދޭން ފެށީ. އިއްޔެ ރަސްމީކޮށް އެ ހުޅުވީ،" ހިލްމީ ވިދާޅުވި އެވެ

މަޑިފުށީގެ އާބާދީ އަކީ 1358 މީހުންނެވެ. އޭގެ ތެރެއިން ރަށުގައި މިހާރު ދިރިއުޅެނީ 750 މީހުންނެވެ. އަދި އެރަށުގައި ވެސް ވަރަށް ކުށް މަދު ކަމަށް ހިލްމީ ވަނީ ވިދާޅުވެފަ އެވެ.

ހިޔާލު

ނޫރު

މަނަދޫ ޕޮލިސް އިސްޓޭޝަން ކޮބާ؟ ކޮންމެފަހަރަކު ބަޖެތުގަ ޖަހާ ބަޖެޓުން ގެއްލޭ އެއްޗެއް. ފުލުހުންގެ ހިދުމަތް އިހަށްދުވަހު ފެށި ތަންތަނުގަ މިހާރު އިމާރާތް ނިންމާލީ.
މިކަންކަން ކުރެވޭ ފެންވަރުގެ މީހަކު އަހަރެން ދެއްކީ. އެކަމު މަނަދޫ ޒުވާނުންތިބީ ބޯޅަ މުބާރާތެއްގަ ޖެހި މަސްތުވެފަ.