Gas fulhi govumun aniyaavi ekaku ICU ga, dhe meehaku HDU ga
image
އައިޖިއެމްއެޗް-- ފޮޓޯ: ޕީއެސްއެމް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ގޭސްފުޅި ގޮވުމުން އަނިޔާވި އެކަކު އައިސީޔޫގައި، ދެ މީހަކު އެޗްޑީޔޫގައި

ރޭ ނޯތު ހާބަރު ގައި އޮތް ބޯޓެއްގައި ރޭ ގޭސް ފުޅި ގޮވުމުން އަނިޔާވި މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި އަދި ދެ މީހަކަށް އެޗްޑީޔޫ (ހައި ޑިޕެންޑެންސީ ޔުނިޓް) ގައި ފަރުވާ ދެމުން އެބަ އާދެ އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަ މީހުން އައިޖީއެމްއެޗަށް ގެނެސްފައިވަނީ ރޭ 19:30 ހާއިރު ކަމަށެވެ.

އެމީހުންގެ ތެރޭގައި ހިމެނޭ ބިދޭސީ މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ. އިތުރު ބިދޭސީއަކާއި ދިވެހި މީހަކަށް ދަނީ އެޗްޑީޔޫ ގައި ފަރުވާ ދެމުންނެވެ.

އޭގެ އިތުރުން ބާކީ ތިބި މީހުންނަށް ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ އެންމެންގެ ހަށިގަނޑު ވެސް ވަނީ ފިހިފަ އެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ 30 އަހަރާއި 37 އަހަރާއި 42 އަހަރާއި 52 އަހަރުގެ މީހެއްގެ އިތުރުން 67 އަހަރުގެ ދިވެހި ފިރެހެނުންނަށާއި އަދި ދެ ބަންގްލަދޭޝް މީހަކަށެވެ.

ފުލުހުން ބުނެފައި ވަނީ އެ ހާދިސާ ހިނގީ ނޯތު ހާބަރު ގައި އޮތް "ބެސްޓު ލައިން" ބޯޓުގެ ފަލްކާ ތެރޭގައި ހުރި ގޭސް ފުޅިތަކުން ލީކްވުމުގެ ސަބަބުން ގޭސް ފުޅިއެއް ގޮވައިގެން ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ ބޯޓުގައި ހުރި ގޭސް ފުޅިތައް މަތީގައި ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން ފުލުހުންނަށް ވަނީ ފާހަގަވެފަ އެވެ.

ލީކުވަމުން ދިޔަ 83 ގޭސް ފުޅީގެ ތެރެއިން ގޮވާފައި ވަނީ އެންމެ ފުޅިއެކެވެ. ފުލުހުން ބުނީ އެ ގޭސްފުޅިތައް އަނބުރާ ކުންފުނިތަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ހިޔާލު