Rilwan ge Report gai huri mauloomaathu thah Leak vee majilis there akun noon: Idhikolhu
image
ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އެޕާޓީގެ ނާއިބު ރައީސް ޝިޔާމް--
0 ކޮމެންޓް
 

ރިލްވާންގެ ރިޕޯޓުގައި ހުރި މައުލޫމާތުތައް ލީކުވީ މަޖިލިސް ތެރެއަކުން ނޫން: އިދިކޮޅު މެމްބަރުން

ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ޕީޖީ ލީޑަރުންނަށް ލިބުނު ރިލްވާންގެ މައްސަލައިގެ ރިޕޯޓު ލީކުވީ މަޖިލިސް ތެރެއިން ކަމަށް ބުނާ ވާހަކަތަކަށް އިދިކޮޅު މެންބަރުން ރައްދު ދީފި އެވެ.
ދައުރުން ބޭރުގައި ބާއްވާ މަޖިލިސް ޖަލްސާގައި މިއަދު ވާހަކަދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މަޖިލިސް ރައީސް ޕީޖީ ލީޑަރުންނާއި ހިއްސާކުރި ރިލްވާން މައްސަލައިގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވާ އެއްވެސް އަކުރެއް އަދި ފިއްޔެއް ވެސް ލީކު ކޮށްފައި ނުވާނެ ކަމަށެވެ.

"އިއްޒަތްތެރި ރައީސް، އޭގައި ހުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތައް، އެ މައުލޫމާތުތައް އަޅުގަނޑެއް ހަމަގައިމުވެސް ލީކެއް ނުކުރަން،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ޝިޔާމް ވަނީ މަޖިލިސް ތެރެއިން ރިލްވާން މައްސަލައިގެ ތަހުގީގު ރިޕޯޓު ލީކުވެފައިވާ ކަމަށް ބުނެ ސަރުކާރުގެ އިސްވެރިން ދައްކަމުން ގެންދާ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އަދި އެފަދައިން ވާހަކަތައް ދައްކަވަމުން ބައެއް ފަރާތްތައް ގެންދަވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ޝިޔާމް ވިދާޅުވީ ރިޕޯޓު ލިބިފައިވާ ޕީޖީ ލީޑަރެއްގެ ހައިސިއްޔަތުން އެ ރިޕޯޓުގައި ހިމެނޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ވެސް އަދި ފަހުން ވެސް އާއްމުންނާއި ހިއްސާ ނުކުރާނެ ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަން އަދި ޔަގީން ކުރަން. އެހެން ޕީޖީ ލީޑަރުން ވެސް އެ ރިޕޯޓުގައިވާ މައުލޫމާތު ލީކު ނުކުރާނެ ކަމަށް،" ޝިޔާމް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރިލްވާންގެ މައްސަލާގައި މަޖިލީހުން ކުރާ މަސައްކަތްތަކަށް އެއްވެސް އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރާ ފަރާތްތަކުން ވެސް ރިލްވާންގެ ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ކަމެއް ނުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ހިޔާލު