Office Imaaraatheh nulibumun Huravee Building Husnukurevifai
image
ހުރަވީ ބިލްޑިންގް-- ފޮޓޯ: ސަން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އޮފީސް އިމާރާތެއް ނުލިބުމުން، ހުރަވީ ބިލްޑިން ހުސްނުކުރެވިފައި!

ދުވަސްވެ، ރެނދުލާފައިވާ ހުރަވީ ބިލްޑިންގްގައި ގިނަ އަދަދެއްގެ އޮފީސްތައް ހިންގަމުން އަންނައިރު އެތަން ހުސް ނުކުރެވިގެން އުޅެނީ އޮފީސް އިމާރާތެއް ނުލިބިގެން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
މީގެ 33 އަހަރު ކުރިން ހުޅުވި އެ އިމާރާތުގެ ޝީޓުން ބައެއް ވެއްޓިގެންވެސް އެތައް ބަޔަކާ އަނިޔާވެފައިވެއެވެ. އަދި އެތަނުގައި ޕާކުކޮށްފައި ހުންނަ ސައިކަލުތަކަށް ވެސް އިމާރާތުގެ ތަންތަން ކަނޑައިގެންގޮސް ވެއްޓުމުގެ ސަބަބުން ގެއްލުންވެފައި އެބަހުއްޓެވެ.

ކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި އިމިގްރޭޝަނާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޔުނިޓްތައް ވެސް ހިންގަމުން އަންނައިރު އެތަން ހުސްކުރަން ނިންމާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނީ މިދިޔަ އޭޕްރީލް މަހުގެ 23 ގައެވެ.

އޭގެ ފަހުން ހަތަރު މަސް ފާއިތުވެފައިވާއިރު ޕްލޭނިން މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނަރަލް އަހުމަދު ތޮލްހަތު މިއަދު ވިދާޅުވީ އެތަން ހުސްކުރުމަށް އޮފީސް އިމާރާތެއް ހޯދުމަށް އިއުލާނުކުރި ނަމަވެސް އަދި ތަނެއް ލިބިފައި ނުވާ ކަމަށެވެ.

"އޮފީސް ޖާގަ އެވައިލަބަލް ވެއްޖެއްޔާ ހަމަ ވީހާވެސް އަވަހަކަށް އަޅުގަނޑުމެން ހުސްކޮށްލާނަން،" އެތަން ހުސްކުރާނީ ކޮންއިރަކުތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތޮލްހަތު ވިދާޅުވިއެވެ.

އެތަން ހުސްކޮށް ތަޅާލި ނަމަވެސް އެތަނުގައި އާ އިމާރާތެއް އެޅުވުމުގެ ވިސްނުމެއް އަދި މިނިސްޓްރީގައި ނެތެވެ. އެ ބިމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެސް ތޮލްހަތު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު ވެސް އެ އިމާރާތް ހުސްކޮށް، ތަޅާލަން ސަރުކާރުން ނިންމި ނަމަވެސް އެކި ސަބަބުތަކާހުރެ މިއަދާ ހަމައަށް ވެސް އެތަން ހުސްކުރެވޭ ގޮތެއް ނުވެއެވެ.
ހިޔާލު