Salaamathee fiyavalhu naalhaa imaaraaiy kuraa thanthan madhuvehje
image
މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އިމާރާތްކުރުމުގެ ގަވައިދު އައުމުން، ސަލާމަތީ ފިޔަވަޅު ނާޅާ އިމާރާތްކުރާ ތަންތަން މަދުވެއްޖެ

ކުރިއާ ހިލާފަށް ސަލާމަތީ ގޮތުން ފިޔަވަޅު ނާޅާ އިމާރާތް ކުރުމުގެ މަސައްކަތްކޮށްގެން ރިޕޯޓު ކުރާ މިންވަރު މަދުވެއްޖެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި އޮތް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނަރަލް އަހުމަދު ތޮލްހަތު ވިދާޅުވީ ކުރިން އެއްވެސް ވަރަކަށް ސޭފްޓީ ބޫޓަށް ނާޅާ މަސައްކަތް ކުރާ ކަމަށާއި އެކަމަކު މިހާރު ސޭފްޓީ ބޫޓަށް އަރައި ހެލްމެޓު ވެސް އަޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އަދި ވެސް ބައެއް މަސައްކަތްތެރިންނަށް އުނދަގޫ ވަނީ ސޭފްޓީ ބެލްޓު އަޅައިގެން މަސައްކަތް ކުރަން. އެމީހުން ބުނަނީ މިއީ ވަރަށް އުނދަގޫ ކަމެކޭ އުނަގަނޑުގަ ވާ ޖަހައިގެން އުޅެން ޖެހޭތީ،" ތޮލްހަތު ވިދާޅުވިއެވެ.

"ގާނޫނު ވުޖޫދުވެފަ ގާނޫނުގެ ދަށުން އަންނަންވީ ގަވައިދުތައް ވެސް ނެތް ކުރިއަކުންނެއް. އޭރާ މިހާރާ އަޅުގަނޑު ގަބޫލުކުރަނީ ތަފާތުވާނެ ކަމަށް،" ތޮލްހަތު ވިދާޅުވިއެވެ.

މިދިޔަ 2018 ވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ އިމާރާތް ކުރުމާ ބެހޭ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ޤަވާއިދުތަކުގެ ތެރެއިން ނުހަދާވާ 13 ގަވާއިދެއް ހެދުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ ޖެނުއަރީ މަހުގެ 15 ގައި އަމުރުކުރުމާއެކު އެ ގަވައިދު ވަނީ މިދިޔަ މާޗުގައި ގަވައިދު ހަދައި ގެޒެޓްކޮށްފައެވެ.

އެކަމާ ގުޅިގެން ތޮލްހަތު ވަނީ އެ ގަވައިދުތައް ވުޖޫދުވެގެން އައުމާއެކު ކޮންޓެކްޓަރުން ވެސް ވަރަށް ބޮޑަށް ސަލާމަތީ ކަންކަމަށް ސަމާލުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މީގެ ކުރިން ވާގޮތަކީ އަޅުގަނޑުމެންނަށް ހެދިފަ ހުންނަނީ ގައިޑްލައިންސް ނޫނީ އުސޫލެއް ހަދައިގެން އަޅުގަނޑުމެން ކުރިއަށް ގޮސްފަ އޮންނާނީ."

އިމާރާތް ކުރުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރުމުގެ ސަބަބުން ރާއްޖޭގައި ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ފުރާނަ ދިއުން ފަދަ ހާދިސާތައް ވެސް ހިމެނެއެވެ.

ތޮލްހަތު ވިދާޅުވީ އިމާރާތް ކުރުމުގެ ގަވައިދާ ހިލާފުވެގެން ބައެއް ތަންތަން ޖޫރިމަނާވެސް ކޮށްފައިވާނެ ކަމަށާއި އެގޮތުން މިހާތަނަށް ގަވައިދާ ހިލާފުވެގެން ޖޫރިމަނާ ކުރި އެންމެ ބޮޑު އަދަދަކީ ފަސް ލައްކަ ކަމަށެވެ. އެކަމަކު ޖޫރިމަނާ ކުރި ތަންތަނުގެ ތަފްސީލެއް ނުދެއްވައެވެ.

ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައި ވަނީ ހުޅުމާލޭގެ ލޮޓް 10799 ގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ކުރަމުންދަނިކޮށް އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މިދިޔަ ފެބްރުއަރީ މަހު ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން އެތަން އިމާރާތް ކުރަމުންދިޔަ އައިއެންއެންއެފް ކޮންސްޓްރަކްޝަނެވެ.

އޭގެ އިތުރުން މާފަންނުގައި ޑަބްލިއު ކޮންސްޓްރަކްޝަނުން އިމާރާތް ކުރަމުންދިޔަ ގެއެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ނުވަ އަހަރުގެ ރައުޝާން ޖިއާން މިދިޔަ ޑިސެމްބަރު މަހު މަރުވި ހާދިސާއާ ގުޅިގެން އެކުންފުނި ވެސް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.
ހިޔާލު