މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމުގެ ގެއްލޭ ގޮތަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. މި އިސްލާހު މަޖިލީހުން ފާސްކުރީ 59 މެންބަރުންގެ ވޯޓުންނެވެ.
ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ ޔަޒީދާއި ޒަރީރުގެ މަގާމުގެ އިތުރުން މީރާގެ ބޯޑު އެއްކޮށް އެކުލަވާލަން ޖެހެނޭ ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ވަނީ ބޯޑަށް ބަދަލެއް ނުގެނައުމަށް ނިންމައިފަ އެވެ.
ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލޭނީ ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ. އެއް މަސް ދުވަސް ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް އަލުން މީހަކު އައްޔަން ކުރަން ޖެހޭނެއެވެ.
މިގާނޫނަށް ގެނެވުނު އިތުރު އިސްލާހުތަކުގެ ތެރޭގައި މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރުމުގެ ބާރު ވަނީ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ދީފައެވެ.
އަދި ކޮމިޝަނާގެ މަގާމުގެ މުއްދަތެއް މިހާރު ކަނޑައެޅިފައި ނެތުމުން، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަކީ ފަސް އަހަރުގެ ދެ ދައުރެއްކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހަކީ އިންކަމް ޓެކްސް ނެގުމުގެ ކުރިން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމުގެ ބޭނުމުގައި ހުށަހެޅި ބިލެއް ކަމަށް މީގެ ކުރިން މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.