Hageegee laamarukazee nizaam fennaany kon dhuvahakun baa?
image
މާލެ-- ފޮޓޯ: ނޭޝަނަލް ޖިއޮގްރަފިކް
ފާތުމަތު ނަޒުފާ އިރުޝާދު
3 ކޮމެންޓް
 

ހަގީގީ ލާމަރުކަޒީ ނިޒާމު ފެންނާނީ ކޮން ދުވަހަކުންބާ؟

ރަށްރަށާއި އަތޮޅުތައް ހިންގުމުގައި ކަތީބުންނާއި، ކުޑަ ކަތީބުންނާއި، އަތޮޅުވެރިންނާއި، އެހީތެރިންނާއި އަދި ނައިބުން މަސައްކަތް ކުރި ޒަމާން ހިނގައްޖެ އެވެ. މި ނިޒާމަކީ އެވޭލާ ނިޒާމުގެ ވިސްނުމެއް ކަމަށް ބުނެ ޒަމާނީ ނިޒާމަކަށް މި ނިޒާމް ބަދަލުކުރުމަށް ގިނަ ބަޔަކު ދިޔައީ ހިޔާލުފާޅު ކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ މައި ސަރުކާރާއި ރަށްތަކުގެ ވެރިކަން ވަކިކޮށް މިނިވަން މުސްތަޤިއްލު ބައެއްގެ ގޮތުގައި ހަދައިގެން މެނުވީ މި ރާއްޖެ ތަރައްޤީ ނުވާނެ ކަމަށެވެ.
އެ ކަތީބީ ނިޒާމުގެ ދުވަސްވަރު ނިމި މިހާރު ދިވެހީން ދަނީ ކައުންސިލަރުންގެ ނިޒާމުގެ ދުވަސްތައް ދެކެމުންނެވެ. މައުމޫން ސަރުކާރުން ފެށިގެން ގެންގުޅެމުން އައި ލާމަރުކަޒީ ނިޒާމުގެ ހިޔާލު، ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފެބްރުއަރީ މަހު އިފްތިތާހުކޮށް ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ތައާރަފް ވެގެން ދިޔައެވެ. މި ނިޒާމަށް ދިވެހީން މަރުހަބާ ކީ ފޮނި އުންމީދުތަކާއި އެކުގައެވެ.

އެއަށްފަހު 2013 ވަނަ އަހަރު ވެރިކަން ބަދަލުވެ، ކުރީގެ ރައީސް ޔާމީން ބޭނުންވީ ލާމަރުކަޒީ ނިޒާމް ދުރުގައި ބާއްވާ މަރުކަޒީ ނިޒާމް ރާއްޖޭގައި ޤާއިމް ކުރާށެވެ. ލާމަރުކަޒީ ނިޒާމަކީ ވެރިކަމަށް ހުރި ބޮޑު ބިރެއް ކަމަށް ބުނެ ސިޓީ ކައުންސިލްތަކުގެ ބާރުތައް ވެސް ވަނީ އަތުލައިގަނެފަ އެވެ. މަރުކަޒީ ވިސްނުމެއް ގެންގުޅުއްވިއިރު ހުރިހާ ވިސްނުމެއް ހުރީ މާލެ ސިޓީ ތަރައްޤީ ކުރުމަށެވެ.

ޔާމީނުގެ ވެރިކަން ވެސް ނިމި ރައީސް ސޯލިހުގެ ވެރިކަމުގެ ދުވަސްތައް ދެކެމުންދާއިރު އެމަނިކުފާނުގެ ވިސްނުންފުޅު އޮތީ ޔާމީނު ގެނައި މަރުކަޒީ ނިޒާމް ދޫކޮށް ކައުންސިލްތަކަށް ވެސް ބާރުތައް ދީގެން ރައްޔިތުންނަށް ފައިދާވާނޭހެން ލާމަރުކަޒީ ނިޒާމް އަލުން އަނބުރާ ރާއްޖެ ގެނައުމަށެވެ. ސުވާލަކީ ރާއްޖޭގެ ތަރައްގީއަށްޓަކައި އެންމެ އެކަށީގެންވާ ނިޒާމަކީ ކޮން ނިޒާމެއްތޯ އެވެ. މާލެއަށް ހުރިހާ ބާރުތައް ތޮއްޖައްސާލާ މަރުކަޒީ ނިޒާމް ނުވަތަ ކައުންސިލްތަކަށް ބާރުދީގެން ހިންގާ ލާމާރުކަޒީ ނިޒާމުތޯ އެވެ؟ މިކަމުގައި އެކި މީހުންގެ ވިސްނުމާއި ހިޔާލު ތަފާތު ވާނޭ ކަން ޔަޤީނެވެ.

ސެންޓްރަލައިޒޭޝަން ނުވަތަ މަރުކަޒީ ނިޒާމަކީ ހުރިހާ ބާރުތަކެއް އެއް ބަޔަކަށް ދިނުމެވެ. މި ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ބާރުތައް ކުޑަވެގެންދެއެވެ. ކަންކަން ނިންމުން ފަދަ ބޮޑެތި ބާރުތައް އޮންނަނީ މަތީ ފަންތީގެ މީހުންނަށް އެކަންޏެވެ. މަރުކަޒީ ނިޒާމުގެ ދަށުން ޤަވާއިދުތަކާއި ލަނޑުދަނޑިތަކެއް ކަނޑައަޅައި އާ ސިޔާސަތުތައް ތަންފީޒުކުރުމަށް ބާރުއަޅައެވެ. ހަމަ އެހެންމެ ހިދުމަތުގެ ފެންވަރަށާއި ހައްސާސީ މައްސަލަތައް ނިންމާއިރު މަރުކަޒީ ނިޒާމުތައް މާ ރަނގަޅު ކަމަށް ފާހަގަކުރެވެ އެވެ.

ޔާމީނުގެ ވެރިކަމުގައި މަރުކަޒީ ނިޒާމުގެ ފިކުރު ގެންގުޅުނު އިރު، ގިނަ ބަޔެއްގެ ބަހަކަށްވީ މި ނިޒާމަކީ ރައްޔިތުން އެއްތަންކޮށް ތޮއްޖާސާލާ ފަދަ ނިޒާމެއްގެ ގޮތުގައެވެ. ހަމަ އެހެންމެ މި ސިޔާސަތަކީ މީހުން މާލެ އަށް އެއްކޮށް، ކުލިން އެމީހުން އަޅުވެތިކޮށް ގެންގުޅުމުގެ ސިޔާސަތެކޭ ވެސް ގިނަ މީހުން ބުނަމުން ދިޔައެވެ. ޔާމީނުގެ ސަރުކާރުގައި މާލެ ސިޓީ އަށް ގިނަ ތަރައްޤީތަކެއް ގެނެސް ރަށްތަކުގެ މީހުން ރާއްޖެ އައުމަށް ދައުވަތު ދެމުން ދިޔައެވެ. ހުޅުމާލޭގައި މީހުންނަށް ބޯހިޔާވަހިކަން ހޯދުމަށް ފްލެޓްތަކެއް އަޅަން ނިންމައި މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ބުރިޖަކުން ގުޅާލައި މާލޭގެ ރައްޔިތުންނަށް ދަތުރުކުރުމަށް ފަސޭހަތަކެއް ކޮށްދިނެވެ. ކަންތައްތައް މިގޮތަށް ވަމުން ދިޔައިރު ޔާމީނުގެ ސަރުކާރަކީ މާލެ ސަރުކާރެއް ކަމަށް ބުނެ ގިނަ ބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ. މާލެއަށް ބަދަލުވާން މަޖުބޫރުކޮށް ރަށާއި މާލޭގައި އަސާސީ ހިދުމަތްތައް ދިނުމުގައި ގިނަ ތަފާތުކުރުންތައް ގެންގުޅުނު ކަމަށް ގިނަ ބަޔަކު ދެކެމުން ދިޔައެވެ. މަރުކަޒީ ނިޒާމު ގެނައުމާއެކު ތަރައްގީ ރަށު ފެންވަރަށް ގެނައުމުގެ ބާރު ގެއްލެމުންދާ ކަމަށާއި ގިނަ ރައްޔިތުންގެ ހައްޤުތައް ގެއްލެމުންދާ ކަމަށް ބުނެ އަޑުއުފުލި ރައްޔިތުންނެއް ވެސް މަދެއް ނޫނެވެ.

ނަމަވެސް ތަރައްޤީ އަށް ފެންބޮވައިފައި ތިބި ބައެއް މާލޭގެ ރައްޔިތުންނަށް މަރުކަޒީ ނިޒާމް ވަނީ ކަމުގޮސްފަ އެވެ. މާލެއަށް ސިއްހީ ދާއިރާއިންނާއި އިމާރާތް ކުރުމުގެ ދާއިރާއަށް ގެނެވެމުންދާ ތަރައްޤީތައް އެމީހުން ދިޔައީ އުފަލާއެކު ބަލައިގަނެމުންނެވެ.

ދެން އޮތީ ޑީސެންޓްރަލައިޒޭޝަން ނުވަތަ ލާމަރުކަޒީ ނިޒާމުގެ ވާހަކަ އެވެ. ރާއްޖެއަށް އަނބުރާ ލާމަރުކަޒީ ނިޒާމު ގެނައުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގައި ހިމެނޭ މުހިންމު ވައުދެކެވެ. ލާމަރުކަޒީ ކުރުން މާނަކުރަނީ ކަންކަން ނިންމުމުގެ އިހްތިޔާރާއި ވަސީލަތްތައް ގުޅޭ އާބާދީއާ ގާތަށް އަދި އަމިއްލަ ޖަމިއްޔާތަކަށް ދޫކުރުމެވެ. މި ނިޒާމުގެ ތެރޭގައި ބައެއް އިދާރީ މަސްއޫލިއްޔަތުތައް މައި ސަރުކާރުން އެހެން ހިސާބުތަކަށް ގެންދިޔުމާއި މަރުކަޒީ ތަނެއްގެ ބާރުތަކާއި މުދާތައް އެހެން ތަންތަނަށް ގެންދިޔުން ފަދަ ކަންކަން ހިމެނެ އެވެ. ހަމަ އެހެންމެ ލާމަރުކަޒީ ނިޒާމުގެ އެހީގައި ބަދަލުވަމުންދާ މާހައުލަށް ހޭނުމަށް މަރުކަޒަށް ފަސޭހަވެ، އާ ހިޔާލުތަކާއި ކަންތައްތައް އުފަންވެ ކަންކަން ނިންމުމުގައި ގިނަ ބަޔަކު ބައިވެރިކުރުމުން އީޖާދީ ވިސްނުންތަކަކަށް މަގުފަހިވެއެވެ.

ލާމަރުކަޒީ ނިޒާމް ޤާއިމްކުރުމަށް މަސައްކަތްތައް ކުރަމުންދާއިރު ރައީސް ސޯލިހު ވިދާޅުވެފައި ވަނީ މާލޭ ސަރަަހައްދަށް އައިސްފައިވާ ތަރައްގީ، ރާއްޖޭގެ އެހެނިހެން ރަށްރަށަށް ވެސް ލިބެންޖެހޭ ކަމަށެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު އެންމެ އަސާސީ ކަންތަކަށް ވެސް ރަށްރަށުގެ މީހުން މާލެ އަންނަން ޖެހޭކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ރަށްތަކުގެ ރައްޔިތުންގެ ހިޔާލުތައް ހޯދާ ރަށްތައް ތަރައްޤީކުރުމުގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ. ހަމަ އެހެންމެ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

"ހަމަ އެފަދައިން އިޖުތިމާއީ އެތައް މައްސަލަތަކެއް ވެސް އެކަމުގެ ސަބަބުން ކުރިމަތިވާނެ. މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީ ވެސް ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅުނު މަރުކަޒީ ވިސްނުން،" ރައީސް ވިދާޅުވި އެވެ. ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންތައްތައް މި ނިޒާމުގައި ހިމެނޭތީ ގިނަ ބަޔަކު މި ނިޒާމަށް ތާއީދު ކުރެއެވެ.

ލާމަރުކަޒީ ނިޒާމަކީ ހިތި ޒަހަރެއް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. ކައުންސިލްތަކަށް މެމްބަރުން އިންތިހާބް ކޮށްފައިވާ އިރު ގައުމާއި މުޖުތަމައުގެ މަސްލަހަތާއި ލާބަޔަށް ވުރެ ބޮޑަށް، ގިނަ ކައުންސިލްތަކުން ޕާޓީގެ ޝަރަފާއި މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންތައްތައް މަތީން ހަނދާން ނެތި ވަކި ބަޔެއްގެ ފައިދާއަށް އަމަލުތައް ކުރިއަށް ގެންދާ ކަމަށް ގިނަ މީހުން ބުނަމުން ދެއެވެ. އެ ނިޒާމްގެ އަސްލު ފުނޑުފުނޑު ވެފައިވާ ކަމަށާއި ބޮޑެތި މުސާރަތަކަކަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކު ކައުންސިލަރުންނަށް ހަރަދު ކުރަންޖެހޭ ކަމަށް ބުނެ މީހުން ހިތްހަމަނުޖެހުން ފާޅުކުރެ އެވެ.

ވެރިކަމަކަށް ފަހު ވެރިކަމެއް ބަދަލުވަމުން އަންނަ އިރު އެކި މީހުން މި ގެންގުޅެނީ ތަފާތު ވިިސްނުންތަކެވެ. މަރުކަޒީ ނިޒާމުން ލާމަރުކަޒީ ނިޒާމަށް ބަދަލުވަމުން އަންނަ އިރު ގިނަ ރައްޔިތުން މި ތިބެނީ އޮޅުންބޮޅުމެއްގެ ތެރޭގައެވެ.
ހިޔާލު

މަހަސީން

ބޮލުރޮދި ނުލިޔެބަލަ..

ސަލާން

ލާ މަރުކަޒީ ވެގެން ހަގީގީ ފައިދާއެއް ނިކުމެފިތަ. ލާމަރުކަޒީވެގެން ދިޔަ ކުޑަ ދުވަސްކޮޅުގައިވެސް ހަގީގީ ތަރައްގީއެއް ނުވަތަ އިޖުތިމާއީ ކުރިއެރުމެއް ލިބިއްޖެތޯ އެބަޖެހޭނުން ބަލާލަން. ހަމަ ލާމަރުކަޒީވެގެން ހުރިހާކަމެއް ހައްލުވާނެ ކަމައް ގުރުއާނުގަ ވަހީކުރައްވާފައި ވަނީތޯ.

އަލީ

ނަމެއްގަ ކުރާކަމެއް ތީ. މާލެ އާ ނުލާ އެއްކަމެއް ވެސް ވިޔަ ނުދޭނެ. ވެރިކަމަށް އަންނަން ވީމަ ކުޅޭ ގޭމެއް ތީ ކޮންމެ މީހަކުވެސް.