Ranun hadhaafavaa faahaana thahteh vagah nagaifi
image
ރަން ފާހާނަ ތަށި--
0 ކޮމެންޓް
 

ރަނުން ހަދާފައިވާ ފާހާނަ ތައްޓެއް ވަގަށް ނަގައިފި

އިނގިރޭސިވިލާތުގެ ބްލެންހެއިމް ޕެލެސްގައި ހުރި 18 ކެރެޓް ރަނުން ހަދާފައިވާ ފާހާނަ ތައްޓެެއް ވަގަށް ނަގައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފަތިސް ގަޑީގައި ގޭންގަކުން ވަނީ ގަނޑުވަރުގެ ތެރެއަށް ވަދެ، އެ ފާހާނަ ތަށި ވަގަށް ގެންގޮސްފަ އެވެ.

"އެމެރިކާ"ގެ ނަން ދީފައިވާ އެ ފާހާނަ ތައްޓަކީ ގަނޑުވަރު ބަލާލުމަށް އަންނަ ފަރާތްތަކަށް ބޭނުން ކުރުމުގެ ހުއްދަ ދީފައި އޮންނަ ފާހާނަ ތައްޓެކެވެ.



އެ ފާހާނަ ތަށި އަދި ހޯދިފައި ނުވާއިރު، އެ މައްސަލައާ ގުޅިގެން އުމުރުން 66 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެއެވެ.

ފާހާނަ ތަށި ވަގަށް ގެންދިޔުމުން ގަނޑުވަރަށް ގެއްލުންވި އެވެ. އެގޮތުން ހޮޅިތަކުން ފެން ލީކުވެ، އެތަނުގެ ތެރޭގައި ވަނީ ފެންބޮޑުވެފަ އެވެ.

އެ ފާހާނަ ތައްޓަކީ އިޓަލީގެ އާޓިސްޓް މައުރީޒިއޯ ކަޓެލަން ކުރިއަށް ގެންދިޔަ މައުރަޒެއްގެ ބަޔެކެވެ. އެ މައުރަޒު ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ބްލެންހެއިމް ޕެލެސް އަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތަނެކެވެ. އެތަން ހަދާފައި ވަނީ 18 ވަނަ ގަރުނުގަ އެވެ. އެއީ އިނގިރޭސި ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް އުފަންވި ތަނެވެ.

ފާހާނަ ތަށި ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަމުން ދާއިރު، ގަނޑުވަރު ހުރީ ބަންދުކޮށްފަ އެވެ.

އެ ފާހާނަ ތައްޓަކީ 2017 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދޭން ހުށަހެޅި ފާހަނަ ތައްޓެކެވެ. ޓްރަމްޕް ބޭނުންވެވަޑައިގެންނެވީ މަޝްހޫރު އާޓިސްޓް ވޭން ގޯ ގެ ކުރެހުމެކެވެ. އެކަމަކު އޭގެ ބަދަލުގައި އެ ފާހާނަ ތަށި ހުށަހެޅި ކަމަށް ވެއެވެ.
ހިޔާލު