Raees ge Manadhoo dhathuru fulhah fahu Male vadaigenfi
image
ރައީސް ސޯލިހު ނ. މަނަދޫގައި-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ރައީސް ސޯލިހު މަނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނ. މަނަދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ "މިލަދެކުނު އަދަބީ އީދު 2019" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ރަށަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.

ރޭ މަނަދޫ ބަނދަރު ސަރަހައްދުގައި އޮތް "މިލަދެކުނު އަދަބީ އީދު 2019" ޖަލްސާގައި ރައީސް ސޯލިހު ވަނީ އެކި މުބާރާތްތަކަުން އެއްވަނަށް ލިބުނު ދަރިވަރުންނާއި ސްކޫލުތަކަށް ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

އަދަބީ އީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީހަށް ދަރިވަރުންނާއި އާންމުން ހޭލުންތެރިކުރުވައި، އެ ކަންކަމަށް އޮންނަ ޝައުގުވެރިކަމާއި ލޯބި އިތުރުކުރުމުގެ މަގްސަދުގައި ދިވެހި ބަހުގެ އެކެޑަމީން ބާއްވަމުން އަންނަ އަދަބީ ހަރަކާތެކެވެ.

މި އީދަކީ މި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ނ. މަނަދޫގައި ކުރިޔަށްގެންދިޔަ އަދަބީ އީދެކެވެ. މިއީ ދިވެހިބަހުގެ އެކެޑަމީއިން ގައުމީ ފެންވަރުގައި ބާއްވާ ފަސްވަނަ އަދަބީ އީދެވެ. މީގެ ކުރިން މި އަދަބީ ޢީދު ބާއްވާފައި ވަނީ ގއ، ގދ، ޅ އަދި މ އަތޮޅުގަ އެވެ.

މި ފަހަރުގެ އަދަބީ އީދުގައި ކުރިއަށް ދިޔަ އެކިއެކި އަދަބީ މުބާރާތްތަކުގައި ނ. އަތޮޅުގެ 10 ރަށެއްގެ 10 ސްކޫލަކުން ޖުމްލަ 200 އަށްވުރެ ގިނަ ދަރިވަރުންނާއި އަދި އާންމުންގެ ތެރެއިން 19 މީހުން ބައިވެރިވެފައި ވެއެވެ.

މި އަދަބީ އީދުގައި ކުރިޔަށް ގެންދިޔަ ބައެއް ހަރަކާތްތަކުގެ ތެރޭގައި ތުއްތު ކުދިންގެ ސަގާފީ ހަވީރަކާއި، ހާއްސަ ފޮތް މައުރަޒަކާއި، ޅެންވެރިކަމުގެ ހުނަރު ދަސްކޮށްދިނުމާއި، ސަރުކާރުގެ މުއައްސަސާތަކަށް ދިވެހި ބަސް ހެޔޮ ގޮތުގައި ދަސްކޮށްދިނުމާއި، ދަރިވަރުންނާއި މުދައްރިސުންނަށް ވާހަކަދެއްކުމުގެ ހުނަރުދަސްކޮށްދިނުން ހިމެނެ އެވެ.

ރައީސް ސޯލިހުގެ އަރިހުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި، ދިވެހި ބަހާއި ތާރީހަށް ލޯބި ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާލު