Premier League: City balivi iru, Liverpool eh vanaiga
image
ލިވަޕޫލްގެ މުހައްމަދު ސަލާހު--
މިއުނާ ހަސަން
0 ކޮމެންޓް
 

ޕްރިމިއާ ލީގު: ސިޓީ ބަލިވިއިރު، ލިވަޕޫލް އެއްވަނާގައި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުން ސިޓީ ބަލިވިއިރު، ލިވަޕޫލް ކުޅުނު މެޗުން މޮޅުވެ ތާވަލުގެ އެއްވަނާގައި ހަމަޖެހިލައިފި އެވެ.
ލިވަޕޫލް ކުޅުނު މެޗުން މޮޅުވީ ނިއުކާސަލް ޔުނައިޓެޑާއި ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅު ޕާސްތަކެއް ލައިގެން ކުޅުނީ ލިވަޕޫލުންނެވެ.

މެޗުގެ ފުރަތަމަ ހާފް ފެށިގެން މެޗުގެ ހަތްވަނަ މިނެޓުގައި ނިއުކާސަލް ޔުނައިޓެޑުން ވަނީ ލީޑް ނަގާފަ އެވެ. އެގޮތުން އެ ލަނޑު ކްރިސްޓިއަން އަޓްސޫގެ އެހީތެރިކަމާއެކު ކާމިޔާބުކޮށް ދިނީ ޖެޓްރޯ ވިލިއަމްސް އެވެ.

ނިއުކާސަލް ޔުނައިޓެޑުން ލީޑް ނެގި ނަމަވެސް، ލިވަޕޫލުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، ނިއުކާސަލްގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ލިވަޕޫލްގެ އެންޑްރޫ ރޮބާޓްސަންގެ އެހީތެރިކަމާއެކު ސާޑިއޯ މޭން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް، މެޗުގެ 40 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ވެސް އެ ޓީމަށް ކާމިޔާބުކޮށްދިން ސާޑިއޯ މޭން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ލީޑް އެ ޓީމަށް ނަގާދީފަ އެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑަށް ފަހުގައި ވެސް ލީޑް ފުޅާ ކުރާނެ ރަނގަޅު ފުރުސަތެއް އެ ޓީމަށް ލިބި ވަނީ ބޭކާރުވެފަ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން، ނިއުކާސަލް ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެހެން ނަމަވެސް އެ ޓީމަށް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތްނުވެފަ އެވެ.

ލިވަޕޫލުން ދެވަނަ ހާފްގައި، ނިއުކާސަލްގެ ގޯލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ. އެހެން ނަމަވެސް އެ ހަމަލާތައް ނިއުކާސަލްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ރޮބާޓޯ ފަމީނޯގެ އެހީތެރިކަމާއެކު، އެ ޓީމުގެ ތަރި މުހައްމަދު ސަލާހް އެވެ.

މި ނަތީޖާއާއިއެކު ލިވަޕޫލް ތާވަލްގެ އެއްވަނާގައި ހަމަޖެހިލިއިރު، ސިޓީ ވަނީ ނޯވިކް ސިޓީ އަތުން 2-3 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.


މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން، ރަނގަޅު ހަމަލާތަކެއް އުފައްދައިގެން ކުޅުނީ ނޯވިކް ސިޓީންނެވެ.

ނޯވިކްއިން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލީޑް ނަގާފަ އެވެ. އެގޮތުން މި ލަނޑު އެމީ ބުނެންޑިއާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށް ދިނީ، ކެނީ މެކްލީން އެވެ.

މެޗުގައި ސިޓީގެ ފަރާތުން މާއެދެވޭ ހަމަލާތަކެއް ފުރަތަމަ ހާފްގައި ފެނިގެން ގޮސްފައި ނުވާއިރު، ނޯވިކް އިން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާކޮށްފަ އެވެ.

ނޯވިކް ލީޑްގައި އޮއްވާ، ސިޓީ އަށް އެ ޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް މެޗުގެ 45 ވަނަ މިނެޓުގައި ކާމިޔާބުކޮށް ދިނީ ސާޖިއޯ އަގުއެރޯ އެވެ.

ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން ނޯވިކް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނޯވިކްއިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ދެވަނަ ފަހަރަށް ލީޑް އިތުރަށް ފުޅާކުރި އެވެ. ނޯވިކްގެ ތިންވަނަ ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމު ޕުއްކީ އެވެ.

ނޯވިކް ސިޓީ ލީޑްގައި އޮތް ނަމަވެސް، މެންޗެސްޓާ ސިޓީން ވަނީ މެޗު ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެގޮތުން މެޗު ނިމެން ކައިރިވެފައި ވަނިކޮށް ސިޓީން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ރޮޑްރީ ހެނާންޑޭޒް ވަނީ މެޗުގެ 88 ވަނަ މިނެޓުގައި ސިޓީއަށް ލީޑް ހަނިކޮށްދީފަ އެވެ.

މި ނަތީޖާއާއިއެކު ސިޓީ ތާވަލުގެ ދެވަނާގައި އޮތީ 10 ޕޮއިންޓާއެކު އެވެ. ލިވަޕޫލް އެއްވަނާގައި އޮތި 15 ޕޮއިންޓާއެކު އެވެ.
ފުޓްބޯޅަ
ހިޔާލު