Dinghy bandun jahaali sarahahdhun fohteh fenihje
image
ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުން ފެނުނު ފޮށި--
0 ކޮމެންޓް
 

ލޯންޗު ބަންޑުން ޖަހާލި ސަރަހައްދުން ފޮއްޓެއް ފެނިއްޖެ

މީގެ ދެ ވަރަކަށް ހަފުތާ ކުރިން ހދ. ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުން ޖަހާލާ ފަސް މީހުން މަރުވި ހާދިސާ ހިނގި ސަރަހައްދުން ރޭ ފޮއްޓެއް ފެނިއްޖެ އެވެ.
އެ އަތޮޅު ނޮޅިވަރަމްފަރުން ފުރައިގެން ހަނިމާދޫއަށް އެމީހުން ދަތުރު ކުރަމުން ދިޔައީ ޗުއްޓީއަށް މާލެ އައުމަށެވެ. އެގޮތުން ޖުމްލަ 10 މީހުން ދަތުރު ކުރި އެ ހާދިސާގައި ފަސް މީހުން މަރުވިއިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ އެއް އާއިލާގެ ހަތަރު މެމްބަރުންނެވެ.

އެ ހިތާމަވެރި ހާދިސާއަށް ދެ ހަފުތާވެފައި ވާއިރު ރޭ އެ ސަރަހައްދުން ފީނި ބަޔަކަށް ވަނީ ފޮއްޓެއް ފެނިފަ އެވެ. ފޮށި ފެނުނު މީހުންގެ ތެރެއިން އެކަކު ފޭސްބުކްގައި ބުނީ އެ ސަރަހައްދުގައި ފީނަނިކޮށް ފޮއްޓެއް ފެނިފައިވާ ކަމަށާއި ފޮއްޓަށް ގެއްލުމެއް ނުދީ ވަރަށް އަމާނާތްތެރިކަމާއެކު ހަނިމާދޫ ފުލުހުންނަށް ފޮށި ހަވާލުކޮށްފައިވާ ކަމަށެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އަންނައުނު އަޅާ އެ ފޮށި މޫދުގައި އޮންނަތާ ދުވަސްވުމުން އޮތީ ފެހި ޖަހަން ފަށާފަ އެވެ. އެއީ އެ ދުވަހު ލޯންޗުން ދަތުރު ކުރި މީހެއްގެ ފޮއްޓެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި މަރުވީ ހުސެއިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މައުސޫމް އަދި އެ ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ފާތިމަތު ގުރައިޝާ އަދި އޭނާގެ ދަރިފުޅު އީރާ ހަސަން ސިރާޖުގެ އިތުރުން އައިޝަތު އަލީ އެވެ.

އެ ހާދިސާއާއެކު ކަނޑު ދަތުރު ކުރާއިރު ލައިފް ޖެކެޓު އެޅުމަށް މަޖުބޫރު ކުރުމަށް ގޮވާލާ ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިމަސް ތެރޭގައި ލައިފް ޖެކެޓް އެޅުން މަޖުބޫރު ކުރާނެ ކަމަށް ބުނެފަ އެވެ.
ހިޔާލު