Azmiralda aai Shujoon furathama faharah Supreme Court gai mahsalaeh ballavanee
image
ފަނޑިޔާރު އަޒްމިރަލްދާ (ކ) އަދި ފަނޑިޔާރު ޝުޖޫން.-- ފޮޓޯ: މިހާރު
1 ކޮމެންޓް
 

އަޒްމިރަލްދާ އާއި ޝުޖޫން ފުރަތަމަ ފަަރަށް ސްޕްރީމް ކޯޓުގައި މައްސަލައެއް ބައްލަވަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން އެ ކޯޓަށް ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި ގުޅިގެން އެ ދެ ބޭފުޅުން އެ ކޯޓުގައި ބައްލަވާ ފުރަތަމަ މައްސަލަތަށް މިއަދަށް ތާވަލް ކޮށްފި އެވެ.
ރާއްޖޭގެ ތާރީހުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރައްވާ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންގެ ގޮތުގައި ތާރީހުގެ ތެރެއަށް ވަދެފައިވާ ޑރ. އަޒްމިރަލްދާ އާއި ޝުޖޫން ބެއްލެވުމަށް ހަމަޖެހިފައިވަނީ ތަފާތު ދެ މައްސަލައެކެވެ.

އެގޮތުން ޑރ. އަޒްމިރަލްދާ ވަނީ މިއަދު ހެނދުނު 10:00 ގައި ބޭއްވި މުހައްމަދު ފަޔާޒް، ވ. ޝުކުރަން ދައުލަތާއި ދެކޮޅަށް ހުށަހެޅި ވަޒީފަގެ މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގެ ތިން ފަނޑިޔާރުންގެ ބެންޗްގައި ހިމެނިފަ އެވެ. އެ މައްސަލަ ޑރ. އަޒްމިރަލްދާގެ އިތުރުން ދެން ބެއްލެވީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އެވެ.

ސްޕްރީމް ކޯޓުގައި ޝުޖޫން ބައްލަވާ ފުރަތަމަ މައްސަލަ އަކީ މިއަދު މެންދުރު ފަހު 13:00 ގައި ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ މަރްޔަމް ފަރުހާދާ ވަހީދު، ވ. ފުލިދޫ/ ބުލާޝަންމާގެ އާ ދެކޮޅަށް، ފާތިމަތު މަނިކެ، ހ. އޮށްކަފަ ހުށަހަޅާފައިވާ ހަޒާނާތުގެ މައްސަލައެކެވެ. ޝުޖޫންގެ އިތުރުން އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު ޢަބްދުލްގަނީ މުހައްމަދެވެ.

ޑރ. އަޒްމިރަލްދާ އަކީ މިހާތަނަށް ރާއްޖޭގެ ހައި ކޯޓުގައި ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ފަނޑިޔާރެވެ. އަދި ޕީއެޗްޑީ ހައްދަވައިގެން ރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ވެސް ޑރ. އަޒްމިރަލްދާ ހިމެނެ އެވެ. އަޒްމިރަލްދާގެ އިތުރުން ޕީއެޗްޑީ ހައްދަވައިގެން ހުންނެވި ފަނޑިޔާރަކީ މިހާރުގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޝުޖޫން އަކީ ރާއްޖޭގައި އައްޔަން ކުރެވުނު ފުރަތަމަ އަންހެން ދެ ފަނޑިޔާރުންގެ ތެރެއިން އެއް ބޭފުޅެކެވެ. އަދި އޭނާ އަކީ މިހާރު ދާދިފަހުން އިންތިހާބު ކުރެވުނު ބާ ކައުންސިލްގެ މެމްބަރެކެވެ.

ޑރ. އަޒްމިރަލްދާ އާއި ޝުޖޫން އަކީ ކުރިން އަމިއްލަ އަށް މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރުންނެވެ. އެގޮތުން ޑރ. އަޒްމިރަލްދާ ހައިކޯތުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2016ގަ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީ ކަމުން ޝުޖޫން އިސްތިއުފާ ދެއްވީ 2015ގަ އެވެ.
ހިޔާލު

ޙަސަންމަނިކް

ޝުޖޫން ލީޑުކުރައްވާ ޝަރީއަތްތަކުގެ ކުރިއަށް އޮތް ތާވަލުވެސް ޝަރީޢަތުގަ އިންނަވައިގެން ދެއްވާނެ. އެއީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. ވާނުވާގަ މައްސަލައިގެ ހަސްމުން ތިބޭކަށް ނުޖެހޭނެ. ވަރަށް ހީވާގި ޢަދުލުވެރި ފަނޑިޔާރެއް ޝުޖޫނަކީ. ހެޔޮ ރަހްމަތް ލައްވާށި.