Fandiyaaru Hassan Ali Suspend Kohfi
image
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ-- ފޮޓޯ: ހައި ކޯޓު
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކޮށްފި

ވަގަށް ނެގުމަށް ފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ރިލްވާން ރާއްޖެ އިން ބޭރަށް ގޮސްފައިވާކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓެއް ހެއްދުމަށް އިރުޝާދު ދިން ކަމަށް ބުނާ ފައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ރިލުވާން ގެއްލުނު ދުވަސްވަރު ހަސަން އަލީ ހުރީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގަ އެވެ. ޖޭއެސްސީން މިއަދު ބުނީ އޭރު އިންޓެލް ދެ ފުލުހަކާ ގުޅިގެން ހަސަން އަލީ، ރިލްވާން ބޭރަށް ފުރިކަން ދެއްކުމަށް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަމުން އަންނަ ކަން ރިޔާސީ ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން ހަސަން އަލީ އެކަހެރިކޮށް ބެހެއްޓުމަށާއި ވަޒީފާއަށް ނުނިކުމެ މަޑުކުރަން އެންގުމަށް ނިންމީ ރިޔާސީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރާކަން އަންގާފައި ވާތީ ކަމަށް ޖޭއެސްސީން ބުނެ އެވެ.

ސަސްޕެންޑް ކުރި އިރު އޭނާ ވަނީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައިފަ އެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަސަން އަލީ ކުރިމަތިލެއްވީ ވެސް، ރިލްވާންގެ މައްސަލަ އާ އޭނާ އާ ގުޅުމެއް އޮތުމުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަން ޖޭއެސްސީން ހާމަކުރި ފަހުންނެވެ.
ހިޔާލު