Photo akun Fuvahmulaku ge maguthakuge haalathu!
image
ފުވައްމުލަކު މަގަކަށް ސައިކަލެއް ގަނބައިގެންފައި--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފޮޓޯއަކުން ފުވައްމުލަކުގެ މަގުތަކުގެ ހާލަތު!

އިއްޔެ އިރުއޮއްސުނު ވަގުތު ސޯޝަލް މީޑިއާގައި އާއްމުވި ފޮޓޯ އެކެވެ. ފެންނަނީ ފެން ހެދި ޗަކަވެފައި އޮތް މަގަކަށް ވޭވް ސައިކަލެއް ގެނބިފައި އޮތް މަންޒަރެވެ. ސައިކަލުގެ ދެބައި ކުޅަ އެއްބައި އަޑިއަށް ގެނބިފައި އޮތްއިރު ކައިރީގައި ސައިކަލުގެ ލޯގަނޑު ވެސް ވެއްޓިފައި އޮތެވެ. މިއީ އާބާދީގައި 13،038 މީހުން ދިރިއުޅޭ ފުވައްމުލަކު ސިޓީގެ މަގުތަކުގެ ހާލަތު ވަރަށް ރަނގަޅަށް ފެނިގެންދާ ފޮޓޯއެކެވެ.
ވާރޭ ވެހިއްޖެ ނަމަ މުޅި ރަށް ޗަކަ ވެއެވެ. ވަޅުގަނޑުތައް ވެސް އެހާ ގިނަ އެވެ. ކޮންމެ ދުވަހަކު އެ މަގުތައް ބޭނުން ކުރާ މީހަކަށް ނޫނީ އެކަމުގެ ބުރައާ ތަކުލީފެއް ވެސް ނުވިސްނޭނެ އެވެ.

ފުވައްމުލަކުގެ މަގުތައް ތަރައްގީ ކުރުމުގެ ވާހަކަ މިދިޔަ ސަރުކާރުގައި ވެސް ވަރަށް ގަދައަށް ދެއްކި އެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަގުތަކުގެ ޑިޒައިންކޮށް އެ މަސައްކަތްތަކުގެ އެންމެ ފަހުގެ މަރުހަލާ ނިއްމާފައިވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެކަށީގެންވާ ގޮތަކަށް އެ މަސައްކަތް ވެރިކަން ނިމުނުއިރު ވެސް ކުރިއަކަށް ނުދެއެވެ.

އެމަސައްކަތް ލަސްވި ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ރިންގް ރޯޑުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށާއި އެރަށުގެ ފެނާއި ނަރުދަމާގެ މަަސައްކަތް އެކޮށް ނުނިމޭތީ ބާކީ ހުރި ބޮޑެތި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ނުފެށި ލަސްވީ ކަމަށެވެ.

އެރަށު ސިޓީ ކައުންސިލުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް ސީއެންއެމްއަށް ވިދާޅުވީ މަގުތައް އެގޮތަށް އޮތުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ހިނގާ ކަމަށެވެ. އެގޮތުން އިއްޔެ ސައިކަލު ގަނބައިގެން ދިޔަ ހާދިސާއަކީ އެމަގުގައި ކަރަންޓު ކޭބަލެއް އެޅުމަށް އެތަން ކޮނެފައި ވަނިކޮށް ވާރޭވެހިގެން ހިނގި ހާދިސާއެއް ކަމަށް ވިދާޅުވި އެވެ.

"މަގު ކޮންނަ ކަމުގައިވާ ނަމަ ޖެހޭނެ އެތަނުގަ އެއީ ކޮނެފަ އޮންނަ ތަނެއްކަން އެނގޭނެ ގޮތެއް އޮންނަން. މަގު ކޮނުމުގެ އުސޫލެއް އެބަ އޮވޭ. އެފަދަ މަސައްކަތް ކުރާ ފަރާތްތަކުން އެބަ ޖެހޭ އެ އުސޫލުގައިވާ ގޮތަށް އަމަލު ކުރަން،" އޭނާ ވިދާޅުވި އެވެ.

އަނެއްކާ ވެރިކަން ބަދަލުވެ ރަށުގެ 31 މަގެއް ޒަމާނީ ފެންވަރަށް ހަދަން މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މަގު ހެދުމުގެ މަސައްކަތް ކުރީ އެމްއާރުޑީސީ އާއެވެ. އެކަމަކު އެމްޓީސީސީއާ ހަވާލުކޮށްފައި މިވަނީ އެ މަސައްކަތް އެކުންފުންޏަށް ނުކުރެވި އޮތުމުންނެވެ.

ފަލާހް ވިދާޅުވީ މި ސަރުކާރުން އަލުން އެރަށުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ފަށާފައި ވާއިރު އަދި އެ މަސައްކަތުގެ ސްޕީޑް ލަސްވެގެން ކިޔާވަރު ނުވާ ކަމަށެވެ.

"ރައީސް ސޯލިހުގެ ވައުދެއް އެއީ މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން. އަދި މިއީ ވެރިކަމުގެ ފުރަތަމަ އަހަރު. މަސައްކަތުގެ ސްޕީޑް ލަސްވެގެން އަދި ކިޔާކަށް ނުވޭ. ފުރަތަމަ އަހަރު މަސައްކަތް ފެށުމަކީ ވެސް ހިތްހަމަ ޖެހުމެއް،" އޭނާ ވިދާޅުވި އެވެ.

މަގުތައް ތަރައްގީ ނުކުރެވި ލަސްވުމުގެ ސަބަބުން ރަށުގައި ދިރިއުޅޭ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފު ބޮޑެވެ. ވާރޭވެހުމުން ހެދޭ ބޮޑު ފެންކޯރުގެ ސަބަބުން ސްކޫލަށް ދާން ވެސް ދައްޗެވެ.

އެގޮތަށް އޮތުމުން އުޅަނދު ފަހަރު ދުއްވަން ވެސް އިންތިހާއަށް ދައްޗެވެ. ވަޅުގަނޑަކަށް ވެއްޓޭނީ ކޮންއިރަކު ކަމެއް ނޭނގެ އެވެ. އެކްސިޑެންޓުތައް ހިނގާ މީހުންގެ ފުރާނައަށް ނުރައްކާ ވެއެވެ. މި މައްސަލަތަކަށް ހައްލެއް ލިބެން އޮތީ އެ މަސައްކަތް ދެވަނަ ފަހަރަށް ކުރަން ނުޖެހޭނެ ގޮތަކަށް އެރަށުގެ މަގުތައް އަވަހަށް ތަރައްގީ ކުރެވިގެންނެވެ.
ހިޔާލު