Lotus Tower aa eku 11 million dollaru gellijje!
image
ލޮޓަސް ޓަވަރު ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ: ޑެއިލީ މިރާ
0 ކޮމެންޓް
 

ލޮޓަސް ޓަވަރާއެކު 11 މިލިއަން ޑޮލަރު ގެއްލިއްޖެ!

ދެކުނު އޭޝިއާގެ އެންމެ އުސް ޓަވަރު ރޭ ސްރީ ލަންކާގައި ހުޅުވާފައި ވާއިރު، ދެ ބިލިއަން ރުޕީޒް (11 މިލިއަން ޑޮލަރު) ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
އެ ޓަވަރު އަޅާފައި ވަނީ ލަންކާ އާއި ޗައިނާއާ ދެމެދު 2012 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އެ ޓަވަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިރިސޭނާ ވިދާޅުވީ އެ ޓަވަރަށް 16 ބިލިއަން ރުޕީޒް އިންވެސްޓް ކުރަން ނިންމި ނަމަވެސް، ލަންކާއަށް ލިބިފައި ވަނީ އެންމެ 12 ބިލިއަން ރުޕީޒް ކަމަށެވެ.

ލަންކާއިން 2012 ވަނަ އަހަރު ވަނީ އެޑްވާންސް ފައިސާގެ ގޮތުގައި ދެ ބިލިއަން ރުޕީޒް ޗައިނާ ނޭޝަނަލް އިލެކްޓްރޯނިކްސް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަނަށް (ސީއީއައިއީސީ) ދީފަ އެވެ.

"ކަންދިމާކުރި ގޮތުން 2016 ވަނަ އަހަރު އައި އިރު، އަޅުގަނޑުމެންގެ ދެ ބިލިއަން ރުޕީޒް އާއެކު ސީއީއައިއީސީ ގެއްލިއްޖެ. އެ ބޭންކަށްވީ ގޮތެއް ތަހުގީގު ކުރަން އަޅުގަނޑު ހަވާލުކުރީ އަޅުގަނޑުމެންގެ ޗައިނާއަށް ހާއްސަ ސަފީރު ކަރުނަސެނާ ކޮޑިޓުވައްކު އާ. އޭނާ ވަނީ ބޭންކުން ދިން އެޑްރެހަށް ވަޑައިގެން ބައްލަވާފައި. އެ އެޑްރެހުގައި އެ ނަން ކިޔާ ބޭންކެއް އަދި ކުންފުންޏެއް ވެސް ނުހުރޭ. އެ ދެ ބިލިއަން ރުޕީޒް އަށް ވީ ގޮތެއް އެއްވެސް މީހަކަށް މިއަދާ ހަމައަށް އައިއިރު ނޭނގޭ. ފަހުން ސަރުކާރުން ނިންމީ ސަރުކާރުގެ އަމިއްލަ ހަރަދުގައި އެތަން (ލޮޓަސް ޓަވަރު) ނިންމަން،" ސިރިސޭނާ ވިދާޅުވި އެވެ.

އެ ޓަވަރު އެޅުމަށް ނެގި ލޯނު ދައްކަން ޖެހެނީ ދިހަ އަހަރަށް ބަހާލައިގެން އަހަރަކު 2.4 ބިލިއަން ރުޕީޒް ކަމަށެވެ. އެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ޗެންގް ޒުންޔުއާން ވެސް ވާހަކަދެއްކެވި އެވެ.

ލޮޓަސް ޓަވަރުގައި ޓެލެކޮމިއުނިކޭޝަން މިއުޒިއަމަކާއި، ރެސްޓޯރެންޓެކާއި، ސުޕާމާކެޓުތަކާއި، ފުޑް ކޯޓުތަކާއި، 400 މީހުންގެ ޖާގައިގެ ކޮންފެރެންސް ހޯލުތަކާއި، 1000 މީހުންގެ ޖާގައިގެ އޮޑޮޓޯރިއަމަކާއި، ލަގްޒަރީ ހޮޓެލް ކޮޓަރިތަކާއި، އޮބްޒަވޭޝަން ގެލެރީ އެއް ހިމެނެ އެވެ.

އެ ޓަވަރަކީ 350 މީޓަރު އުސް ޓަވަރެކެވެ.
ހިޔާލު