MIRA ge iss 2 magaamakah kurimathi lumuge furusathu hulhuvaalaifi
image
މީރާ--
މިއުނާ ހަސަން
0 ކޮމެންޓް
 

މީރާގެ އިސް ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑުން ހުސްވެފައިވާ ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލެއްވުމުގު ފުރުސަތު ހުޅުވާލައްވާފައި މިވަނީ، ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން އެ މަގާމުތައް ހުސްވެފައި ވާތީ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަދުން ފެށިގެން 30 ސެޕްޓެމްބަރު 2019 ގެ ނިޔަލަށެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެ އިސްލާހާއިއެކު އޭރުގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުގެ މަގާމު ވަނީ ގެއްލިފަ އެވެ.

މި ގާނޫނަށް ގެނެވުނު އިތުރު އިސްލާހާއިއެކު، މީރާގެ ބޯޑާއި ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އައްޔަން ކުރުމުގެ ބާރު ވަނީ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ދީފަ އެވެ.
މީރާ
ހިޔާލު