REPORT: Rilwan massalaiga gurubaan kuranee aadhaige 2 fuluhun, bodun kobaa?
image
ފުލުހުންތަކެއް--
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި ގުރުބާން ކުރަނީ އާދައިގެ ދެ ފުލުހުން، ބޮޑުން ކޮބާ؟

ދެހާސް ސާދަވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިގެން ހޯދަން ފެށި ހިސާބުން ފެށިގެން ވެސް އެންމެން ވެސް އަހަމުން ދިޔައީ ރިލްވާން ގެއްލުވާލީ ކޮން ބަޔަކު އަޑީގައި ހުރެގެން ހެއްޔެވެ. ރިލްވާނަށް ވީ ކިހިނެއް ހެއްޔެވެ. ރިލްވާން ގެއްލުވާލަން ޖެހުނީ ކޮން ސަބަބަކާއި ހެދި ހެއްޔެވެ. އެތައް އަހަރެއްގެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އުފެއްދި، ގެއްލުވާލާފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މި ސުވާލުތަކުގެ ޖަވާބު ދީފި އެވެ. ނަމަވެސް "މާސިންގާ" ބޮޑު ސުވާލު މާކެއްގެ ތެރެއިންނެވެ.
ރިޔާސީ ކޮމިޝަނުން ބުނަމުން ދިޔައީ ރިލްވާން ގެއްލުވާލި މައްސަލައިގެ އަޑީގައި ތިބީ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އަލްގައިދާ ކަމަށެވެ. އަދި އެކަން ކުރީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްގައިދާ ގޮފިން ކަމަށް އެ ފަރާތުން ހާމަކުރި އެވެ. މި ރިޕޯޓުގައި ރިޔާސީ ކޮމިޝަނުގެ އެ ވާހަކަތައް ދޮގު ކުރާކަށް ވެސް އަދި ތެދު ކުރާކަށް ވެސް ނެތީމެވެ. މަރު ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބައެއް ސުވާލުތަކަށް ޖަވާބު ލިބުނު ނަމަވެސް ޖަވާބު ނުލިބޭ އަދި "މާސިންގާ" ސުވާލު މާކެއް އެބައޮތެވެ. އެއީ ރިލްވާން ސީރިޔާގެ ހަނގުރާމާގައި ބައިވެރިވާން ދިޔަ ކަމަށް ބުނެ ވަގު ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ދެ ފުލުހުންގެ ވާހަކަ އެވެ. މި ވާހަކައިގެ ތެރެއިން އެތައް ސުވާލު މާކުތަކެއް ނިކުމެއެވެ.

ރިލްވާން ގެއްލުމާއި އެކު ތަފާތު އެކި ގޮތް ގޮތަށް ވާހަކަތައް ދެކެވެން ފެށި އެވެ. ބައެއް ފަރާތްތަކުން ރިލްވާން ގެއްލުނީ ދީން ގަބޫލު ނުކުރާތީ ކަމަށް ބުންޏެވެ. ނަމަވެސް އެންމެ ބޮޑަށް ދެކެވުނީ ރިލްވާން ގެއްލުނީ މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅޭ ގިނަ ހަގީގަތްތަކެއް އޭނާއަށް އެނގޭތީ އެވެ.

ތަހުގީގުގެ ތިކިތައް އެއް ތިއްކާއި އަނެއް ތިކި ގުޅާލެވުނު ނަމަވެސް ބައެއް ތިކިތައް ވަންނަނީ ސުވާލު މާކެއްގެ ތެރެއަށެވެ. ބައެއް ސުވާލުތަކަށް ޖަވާބު ލިބުނު ނަމަވެސް އަނެއް ބައި ސުވާލުތައް ހުރީ މި ދެންނެވި ހެންނެވެ.

ރިލްވާން ގެއްލުނީ ކުރިން ވެސް ފާހަގަކުރި ގޮތަށް ހަތެއް އޮގަސްޓު 2014 ގައެވެ. އޭގެ ދުވަސް ކޮޅެއް ފަހަތަށް ފީނާލަން ހިނގާށެވެ. ރިލްވާން ގެއްލުމުގެ ދުވަސްކޮޅެއް ކުރި އެވެ. 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ފުލުހުންގެ ބަޔަކު ރިލްވާންގެ ފޯނު ކޯލު އަޑުއެހި ކަމަށް ވެއެވެ. ފޯނު ކޯލު އަޑުއެހީ ކޯޓު އަމުރެއް ހޯދައިގެންނެވެ. މި ފޯނު ކޯލުތައް އަޑުއެހިތާ ބަރާބަރު 18 ވަނައަށްވީ ދުވަހުގެ ރޭ ރިލްވާން ގަދަކަމުން ކާރަކަށް އަރުވައިގެން އެ ގެންދިޔަ ތަނަކަށް ގެންދިޔައީ އެވެ. މި ހިސާބުން ފުލުހުން ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރަން ފެށި އެވެ. ނަމަވެސް ފިނިހަކަ ދުވެލީގަ އެވެ.

އޭގެ ފަސް މަސް ފަހަށް ޖެހިލަމާ ހިނގާށެވެ. އެއީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަސް ތެރެ އެވެ. ނޫސްތަކުގެ ސުރުހީއަށް އެރި ހަނދާން ކިޔުންތެރިން ވެސް ވާނެ އެވެ. މަރްހޫމް ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ބޭރަށް ފޮނުވާލި ވާހަކަ އެވެ. ސުވާލުތަކުގެ ފެށުމަކީ މިއީ އެވެ. އޭރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ ކޮން ބޭފުޅެއް ހެއްޔެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އޭރު ހުންނެވި އަބްދުﷲ ޔާމީންގެ އޭރުގެ ޑިފެންސް މިނިސްޓަރަކީ ދަނގެތި ދާއިރާގެ މިހާރުގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމެވެ. ނަމަވެސް އަމިއްލަ ދަތުރެއްގައި ނާޒިމް ފުރާވަޑާއިގަންނަވާތީ، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމަށް އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ހަވާލު ކުރެއްވި އެވެ. އެއީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިނގަމުން ދިޔަ މޯލްޑިވްސް އިމިގްރޭޝަން، ޑިފެންސް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. އެ ބަދަލު ކުރި ގޮތަށް ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިމިގްރޭޝަން ހިންގަމުން ދިޔައީ ޑިފެންސް މިނިސްޓްރީގެ ބެލެނެވެރިކަމުގެ ދަށުންނެވެ.

މި ހިސާބުން މަރު ކޮމިޝަންގެ ރިޕޯޓުގައިވާ މައުލޫމާތެއް ހިމަނާލާނަމެވެ. އެއީ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރާ ދެ ފުލުސް އޮފިސަރަކު އޭރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން ހަސަން އަލީއާ ބައްދަލު ކުރެއްވި ވާހަކަ އެވެ. އެ ރިޕޯޓުގައި އެ ދެ ފުލުހުން ކޮންޓްރޯލާއާ ބައްދަލު ކުރީ ރިލްވާން ސީރިޔާއަށް ދިޔަ ކަމަށް ބުނެ ވަގު ޕާސްޕޯޓެއް ހަދައި ދިނުމަށް އެދުމަށެވެ. އެހެންކަމުން މިކަމެއް ވެސް ހިނގައިގެން ދިޔައީ އަދީބަށް ވަގުތީ ގޮތުން ޑިފެންްސް މިނިސްޓްރީ ހިންގުމަށް ހަވާލު ކުރެއްވި ފަހުން ކަމަށް ބެލެވުމުގެ ޖާގަ އެބައޮތެވެ.

ދެވަނައަށް އުފެދޭ ސުވާލަކީ މި ދަންނަވާ ދެ ފުލުސް އޮފިސަރުން ހަސަން އަލީއާ ބައްދަލުކުރަން އެދުނީ ކިހިނެއްތޯ އެވެ. އެ ބައްދަލުވުން ހަމަޖެހިގެން ދިޔައީ ކިހިނެއް ހެއްޔެވެ. އަދީބުގެ ފަރާތުން ހެއްޔެވެ. ނޫނީ ފުލުހުންގެ ތެރެއިން އިތުރު އޮފިސަރުންތަކެއް ހަމަ މި މައްސަލައިގެ އަޑީގައި ތިބެގެން ރޭވި ބައްދަލުވުމެއް ހެއްޔެވެ. ބައެއް ފަރާތްތަކުން އެ ބައްދަލުވުން ރޭވީ ސީދާ އަދީބު ކަމަށް ބުނެފައިނެތީ ދަންނަވާލާނަމެވެ. އަދީބަކީ އޭރު ސަރުކާރުގެ އެންމެ ބާރުގަދަ ބޭފުޅާ އެވެ. ހަސަން އަލީއާ އަދީބު އެހާ ގާތްނަމަ އެ ދެ ފުލުހުން ނުފޮނުވާ ވެސް އެކަން އަދީބަށް ވަގު ޕާސްޕޯޓެއް ނުހެއްދެންވީ އެއްވެސް ސަބަބެއް ނެތެވެ. މީގެ އަނެއް ކޮޅުވެސް ހަމަ އެބަ އޮތެވެ. އެއީ އަދީބުގެ ބާރުގަދަ ބޭފުޅެއްކަން ދައްކަން ބޭނުން ނުވެގެން ދެ ފުލުހުން ފޮނުވީ ކަމަށް ވެދާނެ އެވެ.

ކޮމިޝަން ރިޕޯޓުން އެނގޭ ގޮތުގައި ހަސަން އަލީ އިންކާރު ކުރެއްވީ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނެތި ރިލްވާނުގެ ޕާސްޕޯޓެއް ދިނުމަށެވެ. ނަމަވެސް ރިޕޯޓުން އެނގޭ ގޮތުގައި ހަސަން އަލީ ވެސް ވަނީ ރިލްވާން ރާއްޖެއިން ފުރައިގެން ދިޔަކަން ދެއްކުމަށް ރިލްވާންގެ ޕާސްޕޯޓުގެ ގަނޑެއްގެ ފޮޓޯއެއް ތައްޔާރު ކުރެވިދާނެ ކަމަށް ވިދާޅުވެ އެގޮތަށް ހެދުމަށް ލަފާ ދެއްވާފަ އެވެ.

މިކަމުގައި ޝާމިލުވަނީ ދެ ފުލުހުން އެކަންޏެއް ނޫން!

ހެކި ހުރީ މި ދެ ފުލުުހުންނަށް ކަމަށްވީ ނަމަވެސް ދެންމެ މި ހިއްސާ ކޮށްލި މައުލޫމާތުތަކުގެ ތިކިތައް ގުޅުވާލުމުން ވެސް ފުލުހުންގެ ތެރޭގައި ހަމަ މި މައްސަލައިގައި މަސައްކަތް ކޮށްދޭ ފުލުހުންތަކެއް އުޅޭ ކަމަށް ބެލެވެ އެވެ.

މި ދެ ފުލުހުންނަކީ އިންޓެލިޖެންސް ދެ ފުލުހުންނެވެ. އިންޓެލިޖެންސް ކޮން ޑިޕާޓްމަންޓެއް ކަމެއް ނޭނގެ އެވެ. ބޮޑަށް ބެލެވެނީ ކައުންޓަ ޓެރަރިޒަމް ޑިޕާޓުމަންޓު ކަމަށެވެ. ކޮންމެ ޑިޕާޓުމަންޓެއް ވިއަސް، މުޅި އިންޓެލިޖެންސްގެ ހެޑު ނެގުމަށް ފަހު ކޮންމެ ޑިޕާޓުމަންޓެއްގައި ވެސް އިތުރު ވެރިންތަކެއް ނުވަތަ އާދައިގެ އޮފިސަރުން ރިޕޯޓު ކުރާނެ އިތުރު ފުލުހުންތަކެއް އުޅޭނެ އެވެ. އެހެންކަމަށްވާ ނަމަ ތުހުމަތު ކުރާ ދެ ފުލުހުން މަސައްކަތް ކޮށްފައި މިވަނީ މި ދެންނެވި އެމީހުން ރިޕޯޓު ކުރަން ޖެހޭ ވެރިންނަށް ވެސް ހަމަ ނޭނގި ބާއްވަ އެވެ. ކޮންމެ ވެސް ސިފައެއްގައި އިންތިޒާމު ކުރެވިގެން ހިނގާ އިދާރާއަކަށް ވާތީ އެ ދެ ފުލުހުން ހަރަކާތްތެރި ވާނީ އިތުރު ބަޔަކަށް އެނގިގެންނެވެ. އެމީހުންގެ ފިޔަވަޅުތައް އެވެރިންނަށް އެނގެން ޖެހޭނެ އެވެ.

ހަމައެއާއެކު ކިޔުންތެރިންގެ ހަނދާން އާ ކޮށްލާށެވެ. ކުރީގެ ރައީސް ޔާމީން އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި އަދީބު ހައްޔަރު ކުރެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވެފައި ވާނެ އެވެ. އެމަނިކުފާނަށް އިންޓެލިޖެންސްގެ ރިޕޯޓު ލިބިވަޑައި ނުގަންނަވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޓެލިޖެންސް ރިޕޯޓު ގެންނާކަށް ލާޒިމެއް ނުކުރެ އެވެ. އެހެންކަމުން އެއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެއްޖެ ހިނދެއްގައި ގެންނަ ރިޕޯޓެކެވެ. ނަމަވެސް އެ ރިޕޯޓަކީ ހަފްތާއަކު އެއްފަހަރު ރައީސްގެ މޭޒުކޮޅަށް އަންނަ ރިޕޯޓެކެވެ.

"މީގައި ނެތް ވަކި ފުލުހަކަށް އިނގިލި ދިއްކުރެވޭކަށް. މި ދައްކަނީ ވަރަށް އާދައިގެ ދެ ފުލުހެއްގެ ވާހަކަ. މި ދެ ފުލުހުންނަށް އޯޑަރު ދިނީ އަދީބު ކަމަށްވާ ނަމަ އެ ދެ ފުލުހުން އަދީބާއި ހަމައަށް ދާނެ ގޮތެއް އޮންނާނެ. ކޮންމެ ވެސް އިސްވެރިއެއް ތުރޫވެގެން ދޯ ދާނީ. އެއީ ކޮންމެ ބޭފުޅަކަށް ވިއަސް. އެހެން ވީމަ ހަމައެކަނި ދެ ފުލުހުންގެ ފަހަތުން ނޫން ކަންނޭނގެ ދުވަންވީ މިކަހަލަ ބޮޑެތި ކޭސްތަކުގައި. މުޅި މުއައްސަސާ އެބަ ޖެހޭ ރީސްޓޯ ކުރަން. އޭރުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިކަމަށް ހައްލެއް ލިބޭނީ،" ނަން ހާމަ ކުރަން ބޭނުން ނުވާ ފުލުހުންގެ އޮފިސަރަކު ސީއެންއެމްއަށް ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލުމުގައި ފުލުހުންގެ މުއައްސަސާއިން ވެސް ބޮޑު ރޯލެއް ކުޅެދީފައިވާ ކަމަށް ބެލެވިދާނެ އެވެ. އަދި މި ދެންނެވި ތާރީހުތަކުގައި ހިނގާފައިވާ ކަންކަމަށް ބަލާއިރު މިއީ އަހުމަދު އަދީބުގެ އަތެއް އޮވެގެން ފުލުހުންގެ ތެރެއިން ބައެއްގެ އެހީތެރިކަމާއި މަދަދު ލިބިގެން ހިންގި ކަމެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވިފަ އެވެ.

"އަހުމަދު އަދީބަކީ މުޅި ފުލުހުންގެ ހުރިހާ ވިންގަކަށް އަތްފޯރުވާ މީހެއް ނޫން. ފުލުހުންގެ ތެރޭގައި އޭނާގެ ނުފޫޒު އޮވޭ. އެކަން އެބަ އިނގޭތާ ތަހުގީގުތަކުންނާއި އަނެއްކާ މި މައްސަލައިން ވެސް. އެކަމަކު އޭނާގެ ނުފޫޒު ނުވަތަ ކޮންޓްރޯލް އޮންނާނެ ވަކިވަކި ފުލުހުންނަށް. ފުލުހުންގެ ކޮންމެ ގުނަވަނެއްގެ ވެސް ވަކިވަކި ފުލުހުންތަކެއް އުޅޭނެ. އެހެންވީމަ އޭރުގެ ހޯމް މިނިސްޓަރަށް ވެސް އަދި އިންޓެލިޖެންސްގެ ވެރިންނަށް ވެސް މިކަންކަން ނޭނގި ދާނެ،" އިތުރު ފުލުސް އޮފިސަރަކު ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް މިގޮތަށް ހުރުމުން މިއީ ހަމައެކަނި ދެ ފުލުހަކު ވެގެން ކުރެވިދާނެ ކަމަކާއި މެދު ޝައްކު އުފެެދެ އެވެ. އެ ދެ ފުލުހުންނަކީ އަމަލީ ގޮތުުން މިކަމުގައި އުޅުނު ދެ ފުލުހުން ކަމަށް ވެދާނެ އެވެ. ނަމަވެސް ދެން ތިއްބެވި ފުލުހުން ކޮބައިތޯ އެވެ.

އެހެންކަމުން ރިލްވާން މަރާލި މައްސަލާގައި އާދައިގެ ދެ ފުލުހުންނާ ހިސާބު މި މައްސަލަ ނިންމާލުމަކީ އިންސާފަކަށް ނުވާނެ އެވެ.
ހިޔާލު