Barcelona matchun ehvaruve, Chelsea kulhunu matchun bali vejje
image
ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗު--
މިއުނާ ހަސަން
0 ކޮމެންޓް
 

ބާސެލޯނާ މެޗުން އެއްވަރުވެ، ޗެލްސީ ކުޅުނު މެޗުން ބަލިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވެ، ޕޮއިންޓަކުން ފުއްދާލަން ޖެހުނު އިރު، ޗެލްސީ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ބާސެލޯނާ އާއި ބޮރޫޝިއާ ޑޯޓްމަންޑް ވާދަކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔައިރު، ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ޑޯޓްމަންޑަށް މެޗުގެ 57 ވަނަ މިނެޓުގައި ޕެނަލްޓީ އެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ޑޯޓްމަންޑްގެ ޕެނަލްޓީ އެ ޓީމަށް ނަގައި ދިނީ މާކޯ ރެއުސް އެވެ.

މާކޯ ރެއުސް ފޮނުވާލި ބޯޅަ، ބާސާގެ ކީޕަރު ޓާ ސްޓެގަން ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.

ބާސެލޯނާގެ ތަރި، އަދި އާޖެންޓީނާ ކެޕްޓަން ލިއޮނަލް މެސީ މެޗުގެ ފުރަތަމަ އެގާރާގައި ހިމަނާފައެއް ނުވެ އެވެ.

އަނިޔާގެ ސަބަބުން ފުރަތަމަ އެގާރާގައި ނުހިމެނުނު މެސީ ކުޅެން އެރީ އަންސުމޭން ފެޓީގެ ބަދަލުގަ އެވެ.

މެޗު ނިމެން ވަގުތު ކޮޅަކަށްވެފައި ވަނިކޮށް ބާސެލޯނާގެ ލުއިސް ސުއަރޭޒަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މި ނަތީޖާއާއެކު ބާސެލޯނާ އޮތީ ލީގު ގުރޫޕް އެފްގެ ތިންވަނާގައި އެއް ޕޮއިންޓާއެކު އެވެ. ބޮރޫޝިއާ ޑޯޓްމަންޑް އޮތީ ހަތަރުވަނާ ގައެވެ.

ރޭ ކުޅުނު މެޗުން ޗެލްސީ ވަނީ 1-0 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން ބަލިވެފަ އެވެ.


ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ދަނޑުގައި ކުޅުނު މިމެޗު ފެށިގެން، މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން ވަނީ ރަނގަޅަށް ކުޅެފަ އެވެ.

ނަތީޖާއެއްގެ ގޮތުން ޗެލްސީން ވަނީ ވެލެންސިއާގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފަ އެވެ.

ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ޗެލްސީ އަދި ވެލެންސިއާއަށް ވެސް ފުރަތަމަ ހާފްގައި ލީޑް ނެގޭ ގޮތެއް ނުވިއެ ވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ވެލެންސިއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، ޗެލްސީގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ވަނީ ފޮނުވާލާފަ އެވެ.

ވެލެންސިއާއިން ޗެލްސީގެ ފަހަތަށް ބާރުބޮޑު ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ ފަހުކޮޅަށް ދިޔައިރު ޗެލްސީއަށް ވެލެންސިއާ ހިފަހައްޓާ ނުލެވުމެވެ.

އެގޮތުން ވެލެންސިއާގެ ފުރަތަމަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ރޮޑްރިގޯ މޮރީނިއޯ މަޗާޑޯގެ އެހީތެރިކަމާއެކު ޑެނީ ޕަރެޖޯ ކާމިޔާބުކޮށްދީ ވެލެންސިއާ ލީޑް ނެގި އެވެ.

ވެލެންސިއާގެ ލަނޑަށް ފަހު މެޗުގެ 90 ވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.

އެގޮތުން ޗެލްސީއަށް ލިބުނު ޕެނަލްޓީ ރޮސް ބާކްލޭ ނަގައިދިން އިރު، އޭނާއަށް ވަނީ އެ ޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ.

މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގެ ގުރޫޕް އެޗްގެ ދެވަނާގައި ވެލެންސިއާ ތިން ޕޮއިންޓާއެކު އޮތް އިރު، ޗެލްސީ އޮތީ ތިންވަނާ ގައެވެ.
ހިޔާލު