Masveringe massala thakuge hallu: Tharahgee nuvaa Felivaru kaaruhaanaa!
image
މިފްކޯ އޮފީސް-- ފޮޓޯ: ސަން
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

މަސްވެރިންގެ މައްސަލަތަކުގެ އަސްލު: ތަރައްގީ ނުވާ ފެލިވަރު ކާރުހާނާ!

"މަސް އައިނު ކިތަންމެ ދަހިވެފައި ބާނާ ހިތްވިޔަސް، މަސް ނުކިރި ގިނަ ދުވަސް ކިއުގައި ޖެހިގެން މަސް ކިރުމުން، ހަލާކުވެގެން އެއްލާލަން ޖެހޭ މަހުގެ އަދަދު ވަރަށް ގިނަ،" އެއީ މަސްވެރިއަކު ހިޔާލު ފާޅުކުރި ގޮތެވެ. މިހާރަކަށް އައިސް، ހުރިހާ މަސްވެރިންގެ ޝުއޫރު ވެސް ހުރީ އެގޮތަށެވެ.
މަސްވެރިންނަށް ދިމާވާ މައްސަލަތަކުގައި ނުރުހުން އަމާޒު ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށެވެ. މިފްކޯއިން ފެލިވަރުގައި ހިންގާ ކާރުހާނާއަށް މިހާރު 33 އަހަރު ވެފައި ވާއިރު، އެތަނުގެ ހާލަތު ހުރި ގޮތުގެ ވާހަކައަކީ މީގެ ކުރިން އެނގިފައިވާ ވާހަކަތަކެއް ނޫނެވެ.

އިއްޔެ ފެލިވަރަށް ދަތުރުކޮށް، ކާރުހާނާ ބަލައިލަން ފުރުސަތު ލިބުމާއެކު، އެ ކާރުހާނާ މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ އެވެ. ދިވެހި މަސްވެރިންނަށް އެ މައްސަލަތައް ދިމާވާ ސަބަބު ވެސް ވަރަށް ރަނގަޅަށް ތަސައްވަރުވެގެން ހިނގައްޖެ އެވެ.


ފެލިވަރުގައި އޮތް ދޯންޏެއް--

ފެލިވަރުގެ ކާރުހާނާގެ ހާލަތު

ނަވާރަ ސަތޭކަ އަށްޑިހަ ހަވަނަ އަހަރު 50 ޓަނުގެ މަސް، ދަޅުގައި ބަންދުކުރެވޭ ވަރުގެ ކާރުހާނާއެއް ފެލިވަރުގައި ހުޅުވިގެން ދިޔަ އެވެ. ކާރުހާނާ އަށް 33 އަހަރު ގުނަމުން ދާއިރު އެތަނުގެ އާލާތްތަކަށް ކޮންމެ ވެސް ވަރެއްގެ ބަދަލެއް އައިސްފައިވީ ނަމަވެސް މަސް ބަންދު ކުރާ ކާރުހާނާގެ ހާލަތަށް އެއްވެސް ވަރެއްގެ ބަދަލެއް އައިސްފައެއް ނެތެވެ.

ފެލިވަރުގައި މަސް ގަނޑުކުރާ ސްޓްރޯޖުގެ ކެޕޭސިޓީއަށް ވެސް މިއަދާ ހަމައަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. މަސް ރައްކާ ކުރެވޭ މިންވަރު ދިޔައީ ދަށަށެވެ.

"މަސް ގަނޑުކުރާ ކޮންމެ ސްޓޯރޭޖެއްގައި 250 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެ. އެކަމަކު މިހާރު ބާސްކެޓުތައް ނެތުމާއި އެހެނިހެން މައްސަލަތަކާއި ހުރެ ރައްކާކުރެވެނީ ޖުމްލަ 600 މެޓްރިކް ޓަނުގެ މަސް،" މަސް ގަނޑުކުރާ ސްޓޯރޭޖް ކެޕޭސިޓީގެ ހާލަތު މިފްކޯގެ އޮފިޝަލަކު ކިޔައިދިނެވެ.


މަސް ގަނޑުކުރާ ސްޓޮރޭޖް--

ފެލިވަރުގައި މަސް ކިރަން ބޭނުން ކުރަނީ އެންމެ ބޯޓެކެވެ. އެންމެ ބޯޓަކާއެކު އެތަކެއް ދަތިތަކެއް ދިމާވާތި މިހާރު ވަނީ ކޫއްޑޫގެ މަސްކިރާ ބޯޓެއް ފެލިވަރަށް ފޮނުވާފަ އެވެ. ފެލިވަރުގައި މަސް ކިރާ ދެ ބޯޓު މިހާރު އޮތް އިރު ދުވާލެއްގެ މައްޗަށް 80 ޓަނުގެ މަސް ކިރަ އެވެ.

"ފެލިވަރުގައި އޮޕަރޭޓް ކުރަމުން ދަނީ އެންމެ ކަލެކްޓާ ވެސެލް އެއް. ފެލިވަރުގަ އޮޕެރޭޝަންގަ ދަތިތަކެއް ހުރުމާއެކު ކޫއްޑޫގެ ކަލެކްޓާ ވެސެލް އެއް ގެނެސްގެން ދެ ކަލެކްޓާ ވެސެލް މިހާރު ބޭނުން ކުރަމުން އެބަދޭ. ކޭނަރީ އިން މި ނަގާ 50 ޓަނާއި އެއްކޮށް 30 ޓަނުގެ މަސް ކިރޭނެ،" މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

ކޫއްޑޫ ގައި ޖުމްލަ މަސްކިރާ ހަ ބޯޓު ބޭނުން ކުރަމުން ދެއެވެ. އެއީ 25 ޓަނުގެ މަސް ކިރޭ ހަތަރު ބޯޓާއި 45 ޓަނުގު ދެ ބޯޓެވެ.


ފެލިވަރުގައި އޮތް މަސްކިރާ ބޯޓެއް--

ކާރުހާނާގެ ކެޕޭސިޓީއާ ބެހޭ ގޮތުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އަކީ 200 ޓަނު ކަމަށާއި މަސްދޯނިތަކުން 400 ޓަނުގެ މަސް ގެންނަ އިރު ކިރައިލެވެނީ އެއް ބައި ކަމަށާއި ކިރައި ނުލެވޭ ބައިތަކަށް މަސްވެރިންނަށް އައިސް ފޯރުކޮށްދޭ ކަމަށެވެ.

ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް މިފްކޯ ހަދަނީ

މިފްކޯ އަށް ބިލިއަނަކަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ އިރު އަމްރު ވިދާޅުވީ ސަރުކާރުގެ ޕްލޭންތަކާއެކު މިފްކޯ އަކީ ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް މިއަހަރުގެ ތެރޭގައި ހައްދަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ޕްލޭން ކޮށްގެން މި އުޅެނީ އިރާދަ ކުރެއްވިއްޔާ މިފްކޯ އަކީ މިއަހަރު ނިމެން ވާއިރަށް ގެއްލުން ނުވެ ހިންގާ ކުންފުންޏަކަށް ބަދަލުކުރުން،" އަމްރު ވިދާޅުވި އެވެ.


މަސް ކަނޑަނީ--

މިފްކޯ އަށް ލިބެމުންދާ ގެއްލުންތައް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ އެންމެ ބޮޑު ގެއްލުމެއް ލިބެނީ މަސް ރައްކާ ކުރެވޭނެ ފްރީޒިން ކެޕޭސިޓީއެއް ނެތި ރައްކާ ނުކުރެވޭ މަސްތައް ތައިލެންޑަށް އެކްސްޕޯޓް ކުރަން ޖެހުމުން އެމީހުންނާއި ވާދަ ނުކުރިވެގެން ކަމަށެވެ.

"މިފްކޯ އެކަނި ދުވާލަކު 150 ޓަނު ކަލެކްޓް ކުރޭ. 50 ޓަން ބަންދުކުރެވުނީމާ ބާކީ އެބައިން 100 ޓަނުގެ މަސް. އެއަށް ހަދާނެ ގޮތެެއް ނޭނގިގެން މި ފޮނުވާލަނީ ތައިލެންޑަށް. ތައިލެންޑް ފެކްޓަރީތަކުން ބަންދު ކުރާ މަސް ވިއްކަނީ ބޭރުގަ ރާއްޖޭގެ މަހޭ ޖަހާފަ. އަޅުގަނޑުމެން ފެލިވަރުގަ ވެސް ރާއްޖޭގެ މަސް ބަންދުކޮށްގެން މި ދަނީ. ދައްކާލާފަ މި ބުނަނީ މީ ރާއްޖޭގެ މަހޭ. ބުނީމަ އެމީހުން ވެސް ދައްކާލާފަ ބުނޭ ރާއްޖެ މަހޭމީ. އެއަށްވުރެ އަގުހެޔޮކޮށް މި ވިއްކަނީ ވެސް،" އަމްރު ވިދާޅުވި އެވެ.

މަސް ބަންދު ކުރާ ކާރުހާނާ ބޮޑު ކުރަނީ

އަމްރު ވިދާޅުވީ މަސް ބަންދު ކުރާ ކާރުހާނާ ބޮޑު ކުރުމަށް މިހާރު ވެސް ރާވަމުންދާ ކަމަށާއި، ފަންޑު ވެސް ހަމަޖެހި މި އަންނަ އަހަރުގެ ތެރޭގައި ފެކްޓްރީ ބޮޑު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އާ ކާރުހާނާ އެއް އެޅުމުގެ ބަދަލުގައި ފެލިވަރުގެ ކާރުހާނާ ބޮޑު ކުރުމުން މާ ފައިދާވާނެ ކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ ފެލިވަރުގައި ހުރީ ކާރުހާނާއެއް ހުންނަން ޖެހޭ ސްޓެންޑާޑްގައި ކަމަށާއި އާ ކާރުހާނާއެއް އަޅާނަމަ އެ ދަތިތައް ވެސް ކުރިމަތިވާނެ ކަމަށެވެ. ފެލިވަރުގައި އުފައްދާ މަސް ދަޅުތައް ޔޫރަޕުގެ ގައުމުތަކަށް ފޮނުވާއިރު ކޮންމެ އަހަރަކު ވެސް އެމީހުން އެތަނުގެ ކާރުހާނާގެ ސްޓެންޑާޑް ބަލައި އޮޑިޓް ކުރަން އާދެ އެވެ.

ފޭޒްތަކަކަށް ބަހާލައިގެން ކާރުހާނާ ބޮޑު ކުރުމުގެ މަޝްރޫއު ކުރިޔަށް ދާއިރު އެންމެ މުހިންމު އަދި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ މަސް ރައްކާ ކުރާނެ ރަނގަޅު ނިޒާމެއް ބެހެއްޓުން ކަމަށް އަމްރު ވިދާޅުވި އެވެ.


ފެލިވަރު ކާރުހާނާ--

ހުރިހާ ތަނެއް ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށާއި ރަނގަޅު ކުރަން ނުޖެހޭ އެއްވެސް ތަނެއް ނެތް ކަމަށް އަމްރު ފާހަގަކުރެއް ވިއެވެ.

"ހުރިހާ ތަނެއް ވެސް އެބަ ޖެހޭ ރަނގަޅު ކުރަން. ރަނގަޅު ކުރަން ނުޖެހޭ އެއްވެސް ތަނެއް ނެތް،" އަމްރު ވިދާޅުވި އެވެ.

އެބޭފުޅުންގެ އުއްމީދަކީ އަންނަ އަހަރު މަސްވެރިކަން ރަނގަޅުވާ ދުވަސްވަރު މިކަހަލަ ދަތިތައް ދިމާނުވެ މަސްވެރިން ހިތްހަމަޖެހޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. މިފްކޯގެ ހާލަތު ރަނގަޅުވެގެން ދިޔުމަކީ މިހާރު މަސްވެރިންނަށް ދިމާވަމުންދާ ގިނަ މައްސަލަތަކަށް ހައްލެއްކަން ޔަގީނެވެ.
ހިޔާލު

ހެހެހެ

ތިތަން ބޭރުމީހުން ދޫކުރިފަހުން ވެފައޮތީ އެކިއިރު އެކިބޮޑުންނާއި އެބޮޑުންގެ އައުވާނުން ގަންނާނެގަނޑެއް ގަންނަ ޖަގަހަޔަކަށް. ތިތަން ހިންގަން ޙަވާލުކުރެވުނު މީސްމީހުންގެ ފަސްބައި ބަލައިލީމަ އެނގޭނެ ކޭއްތިފަހުރިވަރު. ކޮމެންޓު ޖަހާނެބާ؟