Rilwan ge massalla ahnna hafthaa gai PG ah fonuvanee
image
ރިލްވާން --
0 ކޮމެންޓް
 

ރިލްވާންގެ މައްސަލަ އަންނަ ހަފްތާގައި ޕީޖީއަށް ފޮނުވަނީ

ވަގަށް ނެގުމަށް ފަހު މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ އަންނަ ހަފްތާގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ރިލްވާންގެ މައްސަލާގައި ކޮށްފައިވާ ތަހުގީގުގައި ރިލްވާންގެ މައްސަލާގައި ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އަންނަ ހަފްތާގައި ފޮނުވާނެ ކަމަށެވެ.

ރިލްވާންގެ މައްސަލާގައި ދާދިފަހުން މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ މައްސަލައިގެ ގިނަ މައުލޫމާތުތަކެއް ނޫސްވެރިންނާއި ހިއްސާ ކުރައްވާފައެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގަދަކަމުން ރަތްކުލައިގެ ކާރަށް ރިލްވާން އެރުމަށް ފަހު އޭނާ ވަނީ ޑިންގީއެއްގައި ކަނޑު އުޅަނދަކާ ހިސާބަށް ގެންގޮސްފައި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެގޮތުން އެރަތް ކާރަށް އެރުވިއިރު ކާރުގަ ކުރީގައި ތިބި ދެމީހުން، އަޅުގަނޑުމެނަށް އެދެމީހުން ވެސް އެނގޭ، އޭގެތެރެއިން އެކަކަކީ އާލިފް ރައުފް، ފަހަތުގަ އެހެން މީހަކުވެސް ހުރި، މިދެންނެވީ ގަދަކަމުން އެރުވި މީހާ، ދެން ފަހަތުން ސައިކަލުން އިތުރު ތިން މީހުން އާދޭ، ގޮސް ރިލްވާން އަރުވަނީ ޑިންގީ އަކަށް، ޑިންގީ އަކަށް އަރުވައިގެން ގޮސް ކަނޑުގަ ދުއްވާ އުޅަނދަކަށް އަރުވައިގެން އޭނާ ވަނީ މަރާލާފަ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގެ ކުރިން އެމީހުން ވަނީ ޝަހާދަތް ލައިދީފައެވެ. އަދި ޝަހާދަތް ލައިދިނުމަށް ފަހު އޭނާ މަރާލާނެތޯ އެމީހުންގެ މެދުގައި ވެސް ދެބަސްވުންތައް އުފެދުނުކަން ފާހަގަކޮށް ސުއޫދު ވަނީ އެމީހުން ރިލްވާން މަރާލީ ދާއޮޅައިގެން ކަމަށް ވިދާޅުވެފައެވެ.

ތަހުގީގަށް ފުށުއަރާފާނެތީ ޑިންގީގައި ތިބި މީހުންގެ މައުލޫމާތު ސުއޫދު ހިއްސާއެއް ނުކުރައްވައެވެ.

ރިލްވާނު ކިޑްނެފް ކޮށްގެން ގެންދިޔަ ރަތް ކާރުގެ ތެރެއިން ފެނުނު އިސްތަށިތަކުގެ ޑީއެންއޭ ރިލްވާނުގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށާއި އަދި ރިލްވާނުގެ އެޕާޓުމަންޓުން ނެގި ދަތް އުނގުޅާ ބުރުހުގެ ސާމްޕަލްއާ ވެސް ދިމާވާ ކަމަށް ސުއޫދު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އަޅގަނޑުމެނަށް މިހާތަނަށް ހޯދި ހޯދުމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވެނީ ރިލްވާން އަބްދުﷲ ވަނީ މިދެންނެވީ ޖަމާއަތުގެ ފަރާތުން މަރާލާފައި ކަމަށް" ސުއޫދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވަނީ ރިލްވާންއާ ސީރިއާގައި ހަނގުރާމަ ކުރާ ދިވެހިންގެ ބަޔަކާއެކު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ދެއްކި ވާހަކަތަކެއް ވެސް ހިއްސާކޮށްފައެވެ.

ރިލްވާން އާއި ބިލާދުއްޝާމު މީޑިއާއިން އަބޫޖުދާން ދެއްކި ވާހަކަތައް ހިއްސާކުރިއިރު އަބޫޖުދާން ވަނީ ރިލްވާން އިސްލާމްދީން ގަބޫލު ނުކުރާކަމަށް ވެސް ތުހުމަތުތަކެއް ކޮށްފައެވެ. ރިލްވާން ލިޔުނު ލިޔުންތަކަކާ ގުޅިގެން އެ ތުހުމަތުތައް އެމީހުން އޭނާއާ މެދު ކުރިއިރު ރިލްވާން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.

ރިލްވާން ވަނީ އޭނާއަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކުރާ މީހެއް ނޫން ކަމަށާއި ދުވަހު ވެސް ﷲ އާއި ރަސޫލާއަށް ފުރައްސާރަކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. ރިލްވާން ވަނީ އޭނާގެ ގާތް މީހުންނަށް އޭނާ ނަމާދު ކުރާ ކަމަށާއި ރޯދަ ހިފާކަން ވެސް އެނގޭނެ ކަމަށް ބުނެފައެވެ.

އެކަމަށް ރައްދުދެމުން އަބޫޖުދާން ވަނީ ކުރިއަށް އޮތީ ކަޅު ދުވަސްތަކެއް ކަމަސް ބުނެފައެވެ.

ވީނުވީއެއް ނޭނގި ރިލްވާން ގެއްލުނުތާ މިހާރު ފަސް އަހަރު ދުވަސްވެފައިވާއިރު އޭނާ އެންމެ ފަހުން ފެނުނީ 2014 ވަނަ އަހަރުގެ އޯގަސްޓް އަށް ވަނަ ދުވަހުގެ ރެއެވެ.
ހިޔާލު