Rilwan massallaigai Fuluhunge ihumaaleh nei: NIC
image
ރިލްވާން --
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި ފުލުހުންގެ އިހުމާލެއް ނެތް: އެންއައިސީ

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފިއެވެ.
އެންއައިސީން މިހެން ބުނެފައިވަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާ އިން 2014 ވަނަ އަހަރު ހުށަހެޅި މައްސަލައިގެ ޖަވާބުގައެވެ.

އެގޮތުން މި މަހުގެ ފަސްވަނަ ދުވަހު އެންއައިސީން ރިލްވާންގެ އާއިލާ އަށް ދީފައިވާ ޖަވާބުގައި ބުނެފައިވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައިނުވާތީ ފުލުހުންގެ އިހުމާލެއް އެކަމުގައި ނެތް ކަމަށެވެ.

ފުލުހުންގެ އިހުމާލު ނެތް ނަމަވެސް މަރު ކޮމިޝަނުން ތަހުގީގު ކުރި ރިލްވާންގެ މައްސަލާގައި ރިލްވާން ސީރިޔާއަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމުގެ ގޮތުން އޭރުގެ ކޮންޓްރޯލާ ހަސަން އަލީއާ އިންޓަލިޖެންސްގައި މަސައްކަތް ކުރަމުން ދިޔަ ދެ ފުލުހަކު ބައްދަލުކުރި ކަމަށްވެއެވެ. އަދި އެ މައްސަލާގައި އެ ދެ ފުލުހުން ވަނީ މިހާރު ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައެވެ.

މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގަދަކަމުން ރަތްކުލައިގެ ކާރަށް ރިލްވާން އެރުމަށް ފަހު އޭނާ ވަނީ ޑިންގީއެއްގައި ކަނޑު އުޅަނދަކާ ހިސާބަށް ގެންގޮސްފައި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެގޮތުން އެރަތް ކާރަށް އެރުވިއިރު ކާރުގަ ކުރީގައި ތިބި ދެމީހުން، އަޅުގަނޑުމެނަށް އެދެމީހުން ވެސް އެނގޭ، އޭގެތެރެއިން އެކަކަކީ އާލިފް ރައުފް، ފަހަތުގަ އެހެން މީހަކުވެސް ހުރި، މިދެންނެވީ ގަދަކަމުން އެރުވި މީހާ، ދެން ފަހަތުން ސައިކަލުން އިތުރު ތިން މީހުން އާދޭ، ގޮސް ރިލްވާން އަރުވަނީ ޑިންގީ އަކަށް، ޑިންގީ އަކަށް އަރުވައިގެން ގޮސް ކަނޑުގަ ދުއްވާ އުޅަނދަކަށް އަރުވައިގެން އޭނާ ވަނީ މަރާލާފަ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގެ ކުރިން އެމީހުން ވަނީ ޝަހާދަތް ލައިދީފައެވެ. އަދި ޝަހާދަތް ލައިދިނުމަށް ފަހު އޭނާ މަރާލާނެތޯ އެމީހުންގެ މެދުގައި ވެސް ދެބަސްވުންތައް އުފެދުނުކަން ފާހަގަކޮށް ސުއޫދު ވަނީ އެމީހުން ރިލްވާން މަރާލީ ދާއޮޅައިގެން ކަމަށް ވިދާޅުވެފައެވެ.

ތަހުގީގަށް ފުށުއަރާފާނެތީ ޑިންގީގައި ތިބި މީހުންގެ މައުލޫމާތު ސުއޫދު ހިއްސާއެއް ނުކުރައްވައެވެ.

ރިލްވާނު ކިޑްނެފް ކޮށްގެން ގެންދިޔަ ރަތް ކާރުގެ ތެރެއިން ފެނުނު އިސްތަށިތަކުގެ ޑީއެންއޭ ރިލްވާނުގެ މަންމަގެ ޑީއެންއޭއާ ދިމާވާ ކަމަށާއި އަދި ރިލްވާނުގެ އެޕާޓުމަންޓުން ނެގި ދަތް އުނގުޅާ ބުރުހުގެ ސާމްޕަލްއާ ވެސް ދިމާވާ ކަމަށް ސުއޫދު ފާހަގަކުރެއްވި އެވެ.
އެންއައިސީ ރިލްވާން
ހިޔާލު