Terrorism gaanoonaai gulhey gothun sarukaaraai MDP ge mashvaraa maadhamaa!
image
އެމްޑީޕީގެ ޕީޖީ ލީޑަރުންނާއި އެކު ރައީސް ސޯލިހު --
0 ކޮމެންޓް
 

ޓެރަރިޒަމް ގާނޫނާއި ގުޅޭ ގޮތުން ސަރުކާރާއި އެމްޑީޕީގެ ޕީޖީގެ މަޝްވަރާ މާދަމާ!

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގްރޫޕާއި އެކު މަޝްވަރާ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިގޮތަށް ނިންމީ އެމްޑީޕީގެ ޕީޖީގެ ފަރާތުން ބައްދަލުކުރުމަށް އެދުމުންނެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މާދަމާ ރައީސް އޮފީހުގެ އިސްވެރިންނާއި އެޓާނީ ޖެނެރަލްއާ އެކު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުމުން ބިލުގައި ހުރި ކަންކަން ސާފުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އާޒިމް ސީއެންއެމްއަށް މީގެކުރިން ވިދާޅުވީ މެންބަރުންގެ ކަންބޮޑުވުންތަކެއް ބިލުގައި އެބަހުރި ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމެއް ކަމަށް އާޒިމް ސިފަ ކުރެއްވީ އަސާސީ ބައެއް ހައްގުތައް ހަނިވެގެން ދިއުމެވެ.

ބިލްގައި ވަނީ މިހާރުގެ ގާނޫނުގައި ޓެރަރިޒަމް މާނަ ކޮށްފައިވާ ވަރަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފަ އެވެ. އެއާއެކު އެފަދަ ކަންކަން ހުއްޓުވުމަށް މިހާރަށް ވުރެ ބޮޑެތި، ގިނަ ބާރުތައް ދީފައި ވެއެވެ.

ސަރުކާރުން ގެންނަން ހުށަހަޅާ އިސްލާހުގައި ޓެރަރިޒަމް މާނަކޮށްފައި ވަނީ ވަކި ސިޔާސީ އަދި ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި އަދި އެ ނޫން ވެސް ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމަށް އަމަލެއް ހިންގުމަކީ ޓެރަރިޒަމްގެ ގޮތުގަ އެވެ.

އެ އިސްލާހުގެ ދަށުން ފުލުހުންނަށް ލިބިގެންދާ ބާރުތަކުގެ ތެރޭގައި އެފަދަ ކަންކަން ކުރާ މީހުން ކޯޓު އަމުރަކާއި ނުލާ ހައްޔަރު ކުރުމުގެ ބާރާއި، އެފަދަ މީހުން ކޯޓަށް ނުގެންގޮސް 48 ގަޑިއިރު ބަންދުގައި ބެހެއްޓުމުގެ ބާރު ހިމެނެ އެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށް، ކޯޓް އަމުރެއް ނެތި ފުލުހުންނަށް އަމިއްލަ ތަންތަނަށް ވަދެވޭ ގޮތަށް ވެސް އެ އިސްލާހުގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރުން ޓެރަރިސްޓު ޖަމާއަތްތަކަށް ތާއީދު ކުރުމަށް ގޮވާލުމާއި، އެފަދަ ޖަމާއަތަކަށް ތާއީދު ކުރާ މީހެއްކަން ދޭހަވާ ފަދަ ހިޔާލު ފާޅުކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އަދި ޓެރަރިސްޓް ޖަމާއަތެއް ކުރިއެރުވުމަށް ނުވަތަ އެފަދަ ޖަމާއަތަކަށް އެއްވެސް މަންފާއެއް ލިބޭ ފަދަ ބައްދަލުވުންތައް ބާއްވައި، އެފަދަ ކަންކަން ރާވާ އިންތިޒާމުކޮށް، އެފަދަ ކަމަކަށް އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށް ކަނޑައެޅުމަށް އެ ބިލުގައި ހިމަނާފައި ވެއެވެ.

ޓެރަރިސްޓް ޖަމާއަތަކަށް ސަޕޯޓް ކުރުމުގެ ގޮތުން ނުވަތަ އެފަދަ ޖަމާއަތެއްގެ މީހެއްކަން ދޭހަވާނެ ފަދަ އަންނައުނު ލުމަކީ ވެސް ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެފައި ވެއެވެ. އަދި އިސްލާހުގައި ބުނެފައިވާ ގޮތުން، އެފަދަ ކުށެއް ކޮށްފިނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އެ މީހެއްގެ މައްޗަށް އަންނާނެ އެވެ.

ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް، ވަކި ގޮތަކަށް ކުރުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެ އެވެ. އޭގެ އިތުރުން އާންމުންގެ ސިއްހަތާއި، ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވުމުގެ އިތުރުން މުހިންމު އުމްރާނީ ވަސީލަތަކަށް ގެއްލުންދީ، އަސާސީ ހިދުމަތެއް މެދުކަނޑުވާލުމަކީ ވެސް ޓެރަރިޒަމްގެ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެ އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގައި މިހާރު ވެސް އޮންނަ ގޮތަށް އެފަދަ ކުށްތަކުގެ އަދަބަކީ 20-25 އަހަރާއި ދެމެދު ޖަލަށް ލުން ކަމަށް އަލަށް އެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުގައި ވެސް ބުނެ އެވެ.
ހިޔާލު