REPORT: Strokeh jehumun bali endhuga onnathaa 3 aharu!
image
ޝާދިޔާ ހަސަން--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސްޓްރޯކެއް ޖެހުމުން ބަލި އެނދުގައި އޮންނަތާ ތިން އަހަރު!

ހިތަދޫ އަށް އުފަން އުމުރުން 50 އަހަރުގެ ޝާދިޔާ ހަސަނަކީ 2016 ވަނަ އަހަރު ޖެހުނު ސްޓްރޯކް އަކާއެކު ބަލި އެނދުގައި އޮތް މީހެކެވެ.
"ދެހާސް ސޯޅައިގައި ޝާދިޔާ އަށް ސްޓްރޯކެއް ޖެހުނީ. ޖެހިގެން ވެއްޓުނީ ގޭ ދޮރު މައްޗަށް. ވެއްޓުނު ގޮތަށް އެއްވެސް ހަރަކާތެއް ވެސް ނުކުރެވޭ. ވާހަކައެއް ވެސް ނުދެކެވޭ،" އެ ހާދިސާ ކިޔައިދެމުން ޝާދިޔާގެ ފިރިމީހާ އިބްރާހިމް މޫސާ ސީއެންއެމް އަށް ބުންޏެވެ.

އެ ހާދިސާ ހިނގިތާ މާ ގިނަ އިރެއް ނުވެ ޝާދިޔާ ހިތަދޫ ރިީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ. ޖެހިގެން އައި ދުވަހު މާލެ ދާން ތައްޔާރުވުމަށް އާއިލާއަށް އެންގި އެވެ. ނަމަވެސް އެންމެ ފަހު ވަގުތު އައިޖީއެމްއެޗުން ލަފާ ދިނީ ހިތަދޫ ހޮސްޕިޓަލުން ޝާދިޔާއަށް ހުރިހާ ފަރުވާއެއް ކޮށްދިނުމަށެވެ.

އޭގެ ހަތް ދުވަސް ފަހުން އެއްވެސް މައްސަލަ އެއް ނެތް ކަމަށް ހޮސްޕިޓަލުން އެންގުމުން މާލެއިން ފަރުވާ ހޯދުމަށް އާއިލާ އިން ޝާދިޔާ ގެންދިޔަ އެވެ. އުންމީދު ކުރި ގޮތާއި ހިލާފަށް އައިޖީއެމްއެޗުން އެތައް ޓެސްޓުތަކެއް ހެދުމަށް ފަހު އޭޑީކޭ އިން ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އެއްވެސް ކަހަލަ ބައްޔެއް ނެތް ކަމަށެވެ.

"ހަތް ދުވަސް ކޮށްލާފަ ހިތަދޫ ހޮސްޕިޓަލުން ބުނީ އެއްވެސް މައްސަލަ އެއް ނެތޭ. މީހެއް ކައިރީގައި އާދޭސް ކޮށްގެން ގެންދިޔައީ އައިޖީއެމްއެޗަށް. އެކޮޅުން ވެސް ބުނީ ބައްޔެއް ނެތޭ. ދެން ޝާދިޔާ ގެންދިޔައީ އޭޑީކޭ އަށް. އެމްއާރްއައި އާއި ހުރިހާ ޓެސްޓުތައް ހެދުމަށް ފަހު އެތަނުން ވެސް ބުނީ އެއްވެސް މައްސަލަ އެއް ނެތޭ،" އިބްރާހިމް ބުންޏެވެ.

ރާއްޖެއިން އެއްވެސް ކަހަލަ ފަރުވާ އެއް ނުލިބުމުން ފައިސާގެ އެހީ ހޯދުމަށް ނޫހުގައި ޖަހައިގެން ޝާދިޔާ އިންޑިއާ އަށް ގެންދިޔައެވެ. ފަރުވާ ހޯދީ އިންޑިއާގެ އާނަންތަޕޫރި ހޮސްޕިޓަލުންނެވެ. ސްޓްރޯކެއް ޖެހުމުން ރާއްޖެއިން އޭނާ އަށް ފަރުވާއެއް ނުދިނީތީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރި ކަމަށް ޝާދިޔާގެ ފިރިމީހާ ބުންޏެވެ.
ޝާދިޔާގެ ބޭސް ފަރުވާ އަށް މިހާރު ތިން މަހުން އިންޑިއާ އަށް ދާން ޖެހެ އެވެ. ކޮންމެ ފަހަރަކު ވެސް އިންޑިއާ އަށް ގެންދަނީ ނޫހުގައި ޖަހައިގެން ލިބޭ އެހީ އިން ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާގެ އެންމެ ބޮޑު ކަންބޮޑުވަމަކީ ބޭސްފަރުވާ ކުރަން ޝާދިޔާ އަށް އާސަންދަ ނުލިބުމެވެ. އެންސްޕާ އިން ވެސް އެހީ ދޭން އިންކާރު ކުރީ އެވެ. އާސަންދަ އޮފީހަށް އެތައް ފަހަރަކު ސިޓީ ލައިގެން ވެސް އޭނާ އަށް އާސަންދަ އެއް ލިބޭ ގޮތެެއް ނުވި އެވެ.

ޝާދިޔާއަށް އިތުރަށް ފަރުވާ ހޯދައި ދޭން އާއިލާ އިން އެހީ ބޭނުން ވެއެވެ. މިއަދާ ހަމައަށް ޝާދިޔާގެ ބޭސް ފަރުވާއަށް ހަރަދު ކުރީ ދިވެހީންގެ ދީލަތި އެހީތަކުން ކަމަށް ފާހަގަ ކުރަމުން އެ ދިން އެހީތަކަށް އާއިލާ އިން ޝުކުރު އަދާކުރެ އެވެ.

އެކައުންޓް ނަމްބަރު: 7708387078101 އިބްރާހިމް މޫސާ (ޝާދިޔާގެ ފިރިމީހާ)
ނަމްބަރު: 7607740 އިބްރާހިމް މޫސާ (ޝާދިޔާގެ ފިރިމީހާ)

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު