Bodu thafaathakun City inn Watford balikoh 2 vana ga hamajehilaifi
image
މެންޗެސްޓާ ސިޓީ--
މިއުނާ ހަސަން
0 ކޮމެންޓް
 

ބޮޑު ތަފާތަކުން ސިޓީން ވެޓްފޯޑު ބަލިކޮޑް ދެވަނާގައި ހަމަޖެހިލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ ދެވަނާގައި ހަމަޖެހިލައިފި އެވެ.
މެންޗެސްޓާ ސިޓީ މެޗު ކާމިޔާބު ކުރީ ވެޓްފޯޑާއި ވާދަކޮށް 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު ފެށިގެން، ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ސިޓީންނެވެ.

އެގޮތުން ސީޓީ މެޗު ފަށާފައި ވަނީ ވެސް ލަނޑަކާއެކު އެވެ. މެޗުގެ ފުރަތަމަ މިނެޓުގައި އެ ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ ކެވިން ޑެ ބްރައިންގެ އެހީތެރިކަމާއެކު ޑޭވިޑް ސިލްވާ އެވެ.

ސިޓީގެ ފުރަތަމަ ލަނޑާއެކު އެ ޓީމު ހަމަޖެހިލުމާއެކު ވެޓްފޯޑުގެ ފަހަތަށް ބާރުބޮޑުވެ، ވެޓްފޯޑުގެ ބެން ފޮސްޓާ، ސިޓީގެ ރިޔާދް މަހްރޭޒަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީގެ ބޭނުން ހިފައި، ސާޖިއޯ އަގުއެރޯ ވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ދީފަ އެވެ.

ސިޓީ ދެ ލަނޑުގެ ތަފާތަކުން ލީޑްގައި އޮތް ނަމަވެސް، ނަތީޖާ ނެރުމަށް ވެޓްފޯޑުން މާ އެދެވޭ މަސައްކަތްތަކެއް ކުރި ތަނެއް ނުފެނެ އެވެ.

ނަތީޖާއެއްގެ ގޮތުން ސިޓީގެ ރިޔާދް މަހުރޭޒް ވަނީ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑް އިތުރަށް ފުޅާކޮށްފަ އެވެ.

ފުލުފުލުގައި ސިޓީން ވެޓްފޯޑުގެ ފަހަތަށް ބާރުބޮޑުކޮށް، މެޗުގެ 15 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ އެ ޓީމަށް ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.

ސިޓީން އެ ޓީމުގެ ފަސްވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށް ބޮޑު ލީޑެއް ނެގި އެވެ. އެ ލަނޑު ސާޖިއޯ އަގުއެރޯގެ އެހީތެރިކަމާއެކު ކާމިޔާބުކޮށް ދިނީ ނިކޮލަސް އޮޓަމެންޑީ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ނަތީޖާ ނެރުމަށް ވެޓްފޯޑަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ފުރަތަމަ ހާފް ނިމުނީ 5-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީގެ ކުޅުން އިތުރަށް ރަނގަޅުކޮށް، މެޗުގެ 48 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާ އެ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ.

ވެޓްފޯޑުން ނަތީޖާ ނެރުމަށް މަސައްކަތް ކުރި ނަމަވެސް މާ އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެ އެވެ.

ސިޓީގެ ހަތްވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކެވިން ޑެ ބްރައިންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދީ ބާނާޑޯ ސިލްވާ ވަނީ ހެޓްރިކް ހަދާފަ އެވެ.

މި މެޗުގައި ސިޓީން ކާމިޔާބު ކުރި އައްވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ސިޓީއަށް ކާމިޔާބުކޮށްދިނީ، މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ރިޔާދް މަހުރޭޒްގެ އެހީތެރިކަމާއެކު ކެވިން ޑެ ބްރައިން އެވެ.

މި ނަތީޖާއާއެކު ސިޓީ ލީގު ތާވަލުގެ ދެވަނާގައި އޮތީ ކުޅުނު ހަ މެޗުން ހޯދި 13 ޕޮއިންޓާއެކު އެވެ. ވެޓްފޯޑު ލީގުގެ ފުލުގައި އޮތީ ކުޅުނު ހަ މެޗުން ހޯދުނު ދެ ޕޮއިންޓާއެކު އެވެ.
ހިޔާލު