Varu gadha Barcelona ladhu gannavaalumah fahu, Granada ehvana ah
image
ސްޕެނިޝް ލަލީގާ---
މިއުނާ ހަސަން
0 ކޮމެންޓް
 

ވަރުގަދަ ބާސެލޯނާ ލަދުގަންނަވާލުމަށް ފަހު، ގްރަނާޑާ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ގްރަނާޑާ ވާދަކުރި މެޗުން ބާސާ ބަލިކޮށް ގްރަނާޑާ ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
ގްރަނާޑާ މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުން ބާސާ ބަލިކޮށްގެންނެވެ.

ގްރަނާޑާގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ބާސެލޯނާ އިންނެވެ. އެހެން ނަމަވެސް ގޯލާ އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ފޮނުވާލާފައި ވަނީ ގްރަނާޑާ އިންނެވެ.

ގްރަނާޑާއިން މެޗުގެ ފެށުން ރަނގަޅުކޮށް މެޗުގެ ދެވަނަ މިނެޓުގައި ވަނީ ލީޑް ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރެމޯން އަޒީޒް އެވެ.

ގްރަނާޑާގެ ލަނޑާއެކު ބާސާއިން ވަނީ ކުޅުން ރަނގަޅުކޮށް ގްރަނާޑާގެ ފަހަތަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފަ އެވެ. އެހެން ނަމަވެސް ބާސާއަށް މާއެދެވޭ ނަތީޖާއެއް ވަނީ ނެރެވޭ ގޮތް ނުވެފަ އެވެ.

ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅު ޕާސްތަކެއް ބާސާއިން ލިނަމަވެސް، ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާއަކުން ގްރަނާޑާ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބާސެލޯނާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ހޯދާފަ އެވެ. އެހެން ނަމަވެސް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

ބާސެލޯނާގެ ތަރި ލިއޮނަލް މެސީ މެޗު ފަށާފައި ވަނީ ބެންޗުންނެވެ. އެހެން ނަމަވެސް ކާލްސް ޕެރޭޒްގެ ބަދަލުގައި މެޗުގެ 46 ވަނަ މިނެޓުގައި މެސީ ވަނީ ކުޅެން އަރާފަ އެވެ.

މެސީ އެރުމާއެކު، ގްރަނާޑާއަށް ޕްރެޝާ ބޮޑުވި ނަމަވެސް އެޓީމުން ވަނީ ބަދަލުގައި ބާސާގެ ފަހަތަށް ބާރުބޮޑުކޮށް ފުލުފުލުގައި ރަނގަޅު ހަމަލާތަކެއް ފޮނުވާލާފަ އެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ބާސާގެ އަޓޫރޯ ވިދާޅްގެ އަތުގައި ބޯޅައިން ޖެހުމުން، ގްރަނާޑާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމުން ވަނީ ލީޑް ފުޅާކޮށްފަ އެވެ.

ގްރަނާޑާއަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ އަލްވާރޯ ވަޑިލްވާ އެވެ.

މެޗުން މޮޅުވެ ގްރަނާޑާ ވަނީ ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފަ އެވެ.

ކުޅުނު ފަސް މެޗުން ބާސެލޯނާއަށް ހޯދިފައި ވަނީ ހަތް ޕޮއިންޓެވެ. މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ހަތް ވަނާގަ އެވެ.
ބާސެލޯނާ ލަލީގާ
ހިޔާލު