Bodu alifaanuge vaguthu ves vakkan!
image
ހުކުރު ދުވަހުގެ ރޭ ހިނގާ ދިޔަ އަލިފާނުގެ ހާދިސާ--
މިއުނާ ހަސަން
0 ކޮމެންޓް
 

ބޮޑު އަލިފާނުގެ ވަގުތު ވެސް ވައްކަން!

ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި ބަޔަކު މީހުން ހާލުގައި ޖެހި، އުމުރު ދުވަހު ކުރި މަސައްކަތުން ކޮޅަށް ޖަހާފައިވާ ގޯތިގެދޮރު ބިމާ ހަމަވެ، ދިރިއުޅުން އަނދާ އަޅިއަށްވި ވަގުތުގެ ބޭނުން ހިފާ އޭގެ ނާޖައިޒު ފައިދާ ނެގި ބަޔަކު ދިވެހިންގެ ތެރޭގައި އެބަ އުޅެއެވެ.
ހ. ތިލަފުށީ ގޭގައި ހުރި ގުދަނެއްގައި ރޯވެ، ޖެހިގެން ހުރި އެހެން އިމާރަތްތަކަށް އަލިފާންގަނޑު ފެތުރި، ބޮޑެތި ގެއްލުންތަކެއް ލިބި، ހުކުރު ދުވަހުގެ ރޭ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން އެގޭގޭގައި ދިރިއުޅުނު މީހުން އެތަން ތަނުން ނިކުތް ވަގުތު ބަލައި، ވަގުން މިވަނީ އޭގެ ނާޖައިޒު ފައިދާ ނަގާފަ އެވެ.

އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ހާލުގައި ޖެހުނު މީހުން އެދުނު ވަގުތު ބަލައި، އެމީހުންނަށް އެހީތެރިވުމަށް ކަމަށް ބުނެ، ފައިސާ ހޯދަން ވަގުން މަސައްކަތްކުރި އެވެ.

"އެ ސަރަހައްދުގަ ހުރި ގެއެއްގެ ހަތް ވަނަ ފަންގިފިލާއިން 700 ޑޮލަރު (10،794ރ.) އާއި އެޕަލް ގަޑިއެއްގެ އިތުރުން އެއާޕޮޑެއް ވަގަށް ނަގާފައިވޭ. އަދި ހަމަ އެގޭގެ އަށް ވަނަ ފަންގިފިލާއިން 37،200ރ. ވަގަށް ނަގާފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވަގުތު އެ މައްސަލަ ތަހުގީގު ކުރަމުން ދާތީ އިތުރު މައުލޫމާތެއް ދެވޭކަށް ނެތް،" ފުލުހުން އިތުރަށް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހަކު ސީއެންއެމްއަށް ބުނީ އެވަގުތުކޮޅު ވެސް ބަޔަކު މީހުން ގެތަކަށް ވަދެ ވައްކަން ކުރި ހަބަރު ލިބުމުން ހައިރާންވެފައިވާ ކަމަށެވެ.

"އެ ހިސާބުގަނޑުން ވައްކަން ކުރި ހަބަރު އަޑު އިވުނީމަ ހައިރާން ވޭ. ދިވެހިންނަކީ މީހުންނަށް އަޅާލާ، އެއްބައިވަންތަ ހިތް ހެޔޮ ބައެއްކަން ދުނިޔެއަށް ދައްކުވައި ދިން ވަގުތު، އެއާ އިދިކޮޅަށް އުޅުނު ބަޔަކަ އުޅުނުކަން އެނގުމުން ވަރަށް އަސަރު ކޮށްފި. އަޅުގަނޑުމެންގެ އެއްވެސް އެއްޗެއް ނެތް. އަންނައުނާ، ދަރިން ސްކޫލަށްދާ ޔުނީފޯމާއި، ކިޔަވާ ސާމާނާ ހުރިހާ އެއްޗެއް އެވަނީ އަނދާ އަޅިއަށްވެފަ. އަދި ނޭނގެ ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް ވެސް. އުމުރު ދުވަހު ކުރި މަސައްކަތް އަޅިއަށްވެފަ އެ އޮތީ،" އެމީހާ ބުންޏެވެ.

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ މިހާތަނަށް ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަދި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާ އެވެ. އަ

ބައެއްގެ މުދާ އަނދާ އަޅިއަށްވަމުން ދިޔައިރު، ބަޔަކު މީހުން އަލިފާނުން ސަލާމަތްވުމަށް އެހީއަށް ގޮވަމުން ދިޔައިރު، އެކަމުގެ ނާޖައިޒު ފައިދާ ނަގައި ވައްކަން ކުރި މީހުންގެ ހިތުގައި އިންސާނިއްޔަތު ކަމުގެ އެއްވެސް ކުލުނެއް ނެތްކަން އެމީހުން އެވަނީ އަންގައިދީފަ އެވެ.

އަލިފާނުގެ ހާދިސާގައި މީހަކު މި ދުނިޔެއާ އަބަދުގެ އަބަދަށް ވަކިވެފައި ވާއިރު، ހަތަރު ގުދަނަކާއި ހަތް ގެއެއްގައި ރޯވެ، އެތަށް ގެއްލުމެއް ލިބި، ހުރިހާ އެއްޗެއް ގެއްލިގެން ދިޔައިރު، ވަގުންނަށް އިހްސާސްކޮށް ނުލެވުނީ ހާލުގައި ޖެހުނު މީހުންގެ ހާލަތެވެ. އެމީހުންނަށް ކުރާނެ އަސަރެވެ.
ހިޔާލު