Bodu alifaan: Roaveetha? Noonee roa kollee tha!?
image
މިދިޔަ ހުކުރު ދުވަހު ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު--
0 ކޮމެންޓް
 

ބޮޑު އަލިފާން: ރޯވީތަ، ނޫނީ ރޯ ކޮށްލީތަ!؟

މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ހެންވޭރުގައި ހުރި ތިލަފުށި ނަމަކަށް ކިޔާ ގެއެއްގެ ގުދަނުގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާއަކީ މިފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާ އެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެސް ބުނެފައި ވަނީ އަލިފާންގަނޑު އެހާ ބޮޑަށް ރޯވީ އެ ގުދަނުގައި ރޯވެގެން ކަމަށެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ފަސް ގަޑިއިރު ފަހުން ނިއްވާލެވުނު އިރު އެ ހާދިސާގައި އެކަކު މަރު ވިއެވެ. އަދި ހަތް ގެއެއް އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ. މި ހާދިސާގެ ސަބަބުން އެ ގެތަކުގައި ދިރިއުޅެމުން ދިޔަ 400 އަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. އެ ހާދިސާ ހިނގާފައި ވަނީ ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ ތެރެއިން ވެސް ތޮއްޖެހުން ބޮޑު މަގެއް ކަމަށްވާ އަބަދަށް ފެހި މަގުގަ އެވެ. ކޮންމެއަކަސް މި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފުން ތަހުގީގު ކުރަމުން އަންނައިރު މި ހާދިސާއާ ގުޅިގެން މިހާރު މިވަނީ އެހެން ވާހަކައެއް ދެކެވެން ފަށާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެމްބަރު އިބްރާހީމް މުއިއްޒުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހ. ތިލަފުށީގޭގައި ހުރި ގުދަނާއި އެ ގުދަނާއި ޖެހިގެން ހުރި ގެތަކުގައި އަލިފާން ރޯވި ހާދިސާއަކީ ރާވައިގެން ބަޔަކު ދިން ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. މިކަމާއި ގުޅޭ ގޮތުން ފުލުހުން ވެސް އަދި އެމްއެންޑީއެފަކުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަ ކޮށްފައެއް ނުވެ އެވެ.

މުއިއްޒުގެ މި ވާހަކަތަކަށް އާއްމުންގެ ފަރާތްތަކުން އަންނަނީ ޝުއޫރު ފާޅުކޮށް ވާހަކަ ދައްކަމުންނެވެ. ބައެއް ފަރާތްތަކުން ސަރުކާރުގެ މަޖިލިސް މެންބަރަކު އެފަދައިން ޕޯސްޓެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވިގެން ވާހަކަ ދެއްކުމުން ހެންވޭރު އުތުރަށް ނިސްބަތްވާ ބައެއް މީހުން ވަނީ އެއީ މުއިއްޒުގެ ފޭސްބުކް އެކައުންޓުކަން ޔަގީން ވެސް ކޮށްދީފަ އެވެ.

މެންބަރު މުއިއްޒުގެ މި ވާހަކަތައް ރޭ ހަތަރު ދަމު ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ އެފަދަ ވާހަކައެއް މެންބަރު މުއިއްޒު ދެއްކެވުމަކީ މައްސަލައެއް ކަމަށެވެ. މައްސަލައަކީ އެފަދަ ވާހަކައެއް ނޫނެވެ. އޭގެ ނުރައްކަލާއި ބިރުވެރިކަމުގެ ވާހަކަ އެވެ. އެހެންކަމުން މި މައްސަލައަކީ ބަލާ ތަހުގީގު ކުރެވެން ޖެހޭނެ މައްސަލައެއްގެ ގޮތުގައި ބައެއް އާއްމުން ޓްވީޓާގައި ޝުއޫރު ފާޅުކޮށްފައި ވެއެވެ.

ބައެއް ފަރާތްތަކުން މިކަން ގުޅުވަމުން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން އާއްމުކުރި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓާ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ދެއްކެވި ވާހަކަ "ކޯޓު ކޮށްގެން" ބައެއް މީހުން މެންބަރު މުއިއްޒުގެ ވާހަކަތަކަށް ޝުއޫރު ފާޅުކުރި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އާއްމު ކުރަން ޖެހޭނެ ކަމަށް ޓެރަރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އާއްމުންނާއި ހަމައަށް އެ ޖަމާއަތްތަކުގެ ނަންތައް ހާމަނުކޮށް އެމްއެންޑީއެފް އަތުގައި އެ ލިސްޓު ބޭއްވީ އެފަދަ ޖަމާއަތްތަކުގެ ނުރައްކަލުން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނީ މި ދުވަސްވަރަކީ ޓެރަރިސްޓުންގެ ވާހަކަ އާއި ޓެރަރިސްޓު ޖަމާއަތްތަކުގެ ވާހަކަތައް ވަރަށް ގަދައަށް ދައްކަމުން ގެންދާ ދުވަސް ކޮޅެއް ކަމަށެވެ. އަދި ރޯވި ގުދަން ހުރީ ފަޔާ ލޮރީއެއް ވެއްދޭނެ ކަހަލަ މަގެއްގައި ނޫން ކަމަށާއި އެހެންކަމުން މެންބަރު މުއިއްޒުގެ ވާހަކަތައް ގަބޫލު ކުރެވޭ ކަމަށެވެ.

ގުދަނުގައި އަލިފާނުގެ ހާދިސާ ހިނގި ފަހުން އެންމެން ވެސް ބުނަމުން ދިޔައީ ގުދަނުގެ ވެރިފަރާތް ނުވަތަ އެ ގުދަން ކުއްޔަށް ނަގައިގެން އުޅޭ ކުންފުނީގެ ވެރިން ކޮބައިތޯ އެވެ. މީޑިއާތަކުން ކުރި މަސައްކަތުން އެ ކުންފުނީގެ ވެރިންނާއި ވާހަކަ ދެކެވުނެވެ. ފިލާކަށް ނުވަތަ މައުލޫމާތު ނުދޭކަށް ނޫޅެ އެވެ.

ގުދަން ހިފައިގެން އުޅެނީ ގްރީންފާތު ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިބްރާހީމް ނަޝީދު ވިދާޅުވީ އެ ގުދަނުގައި ރޯވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސަބަބަކަށް އޭނާ ވިދާޅުވީ އެ ގުދަނަކީ ކަރަންޓު ވެސް ނެތް ގުދަނަކަށް ވާތީ ކަރަންޓު ޝޯޓެއްގެ ތެރެއިން ވެސް ރޯވާނެ ޖާގަ ނުހުންނާނެތީ އެވެ. އޭނާ ވިދާޅުވީ ގުދަނަށް ކަރަންޓު ބޭނުންވެއްޖެ ހާލަތެއްގައި ކަރަންޓު ގެންނަނީ ޖެހިގެން ހުންނަ ގުދަނުން ވާގަނޑެއް ގެނެސްގެން ކަމަށެވެ.

ގުދަނުގައި ހުރީ ޕޫލް ކެމިކަލާއި ޑިޓަޖެންޓާއި ސޮފްޓްނާ ފަދަ ތަކެއްޗެވެ. ކެމިކަލް ހިމެނޭ ބާވަތްތަކެއް ކަމަކު އެ ގުދަނުގައި ކަރަންޓު ނެތްއިރު އަމިއްލަ ޒާތުގައި ރޯވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް މިހާރު އުފެދޭނެ ސުވާލެކެވެ.

ގުދަނަކީ ހުއްދަ ނަގައިގެން ހުރި ތަނެއްކަން ކުންފުނީގެ ވެރިން މީޑިއާތަކަށް ހާމަކުރެއްވުމުގެ ކުރިން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު ނަޝީދު ވެސް ވިދާޅުވީ ހަމަ އެފަދައިންނެވެ. އެ ގުދަނަކީ ގަވާއިދާއި ހިލާފަށް ހުންނަ ތަނެއް ނޫން ކަމަށެވެ. އެންމެ ފަހުން ސިފައިން އިންސްޕެކްޓު ކުރަން އައިސްފައި ވަނީ ވެސް މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އެ އިންސްޕެކްޝަންގެ މުއްދަތު ހަމަވާނީ އަންނަ އަހަރަށެވެ.

ކޯސްޓަލައިން ހާޑުވެއާގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަށް ފަހު ސިފައިން އަންނަނީ ގަވާއިދުން މިފަދަ ތަންތަން ބަލާ އިންސްޕެކްޓު ކުރަމުންނެވެ. މައްސަލައެއް އުޅެންޏާ ހަމަގައިމު ވެސް ސިފައިން ވެސް އެކަމެއް ރަނގަޅު ކުރުމަށް އެ ކުންފުންޏަށް އަންގާނެ އެވެ.

މެންބަރު މުއިއްޒު މި ދެއްކެވި ވާހަކައަކީ އާދައިގެ ވާހަކައެއްގެ ގޮތުގައި ނަގައިގެން ހުއްޓާ އަނެއްކާ އަނެއް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ ކައިރީގައި އޮތް ކަމެކެވެ. ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިފަދަ ވާހަކަތައް ތަހުގީގު ކުރެވި ބަލަން ޖެހޭ ބެލުންތައް ބަލާ އަވަސް ފިޔަވަޅެއް މިކަމުގައި އަޅަން އެބަޖެހެ އެވެ.
ހިޔާލު