Male City: Miadhu mi vanee kuni gondakah vefa!
image
މާލޭ މަގުމަތި-- ފޮޓޯ: މިހާރު
އަލީ ޖުމާން ފުއާދު
3 ކޮމެންޓް
 

މާލެ ސިޓީ: މިއަދު މިވަނީ ކުނި ގޮނޑަކަށް ވެފައި!

ވެރިރަށް މާލޭގެ މަގުތަކުގައި ބަލާލާ ކޮންމެ ދިމާލަކުން ފެންނަނީ ކުންޏެވެ. މާލޭ ސިޓީއަކީ 140،000 އަށް ވުރެ ގިނަ މީހުން ދިރި އުޅެމުންދާ ތަނެކެވެ. ރަށުގައި ހުންނަނީ ގާތްގަނޑަކަށް 3.5 މޭލެވެ. އާބާދީއާ ބަލާއިރު ކުޑަ ތަނެކެވެ. އެހެންކަމުން ކުނީގެ މައްސަލަ މި ކުޑަ މާލޭގައި ބޮޑެވެ.
އެންވައިރަމެންޓް މިނިސްޓްރީ މި އަހަރު ނެރިފައިވާ ރިޕޯޓަކުން އެނގޭ ގޮތުގައި މާލެ އާއި މާލެ ކައިރި ރަށް ރަށުން ދުވާލަކު މުޅިއަކު 774 ޓަނުގެ ކުނި އުފެދެ އެވެ. އަދި މި ކުންޏަކީ ކޮންމެ ދުވަހަކު ތިލަފުށީގައި އަނދާ އަޅިއަށް ބަދަލުވާ ތަކެއްޗެވެ.

ކުޑަ ބިންކޮޅެއްގައި ބޮޑު އާބާދީއެއް އުޅުމުން، އުފެދޭ ކުނި މަދު ކުރުމަށާއި، ކުނި ނައްތާލުމުގައި އަގުހެޔޮ ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދުން މުހިއްމެވެ.

ކުނި މަދު ކުރެވޭނީ ކިހިނެއް؟

އެންވާރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނީ ކުނި މަދު ކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

"ކުނި މަދު ކުރެވޭނީ އެންމެންގެ އެހީ ލިބިގެން. ކުންޏަށް ވާ އެތި ދެވަނަ ފަހަރަށް ބޭނުން ކުރުމަށް އާދަކޮށް، ތަކެތި އިސްރާފު ނުކޮށް ބޭނުން ކުރުމާއި، އެއް ފަހަރު ބޭނުން ކޮށްފަ އެއްލާ ނުލައި އޭގެ ބޭނުން ޖެހޭ އެހެން މީހަކަށް އެ ދިނުމާއި، ކިރިޔާ އެއްޗެއް ހަލާކުވާ އިރަށް އެއްލާނުލުން،" އީޕީއޭގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވި އެވެ.

ކުނި މެނޭޖު ކުރެވޭނެ ގޮތްކަކީ ކޮބާ؟

އީޕީއޭގެ އޮފިޝަލް ވިދާޅުވީ ކުނި މެނޭޖު ކުރެވޭނީ ކުނި އުފެދޭވަރު ބަލައި، ކުނި މަދުކޮށް، އިސްރާފުވާ ވަރު މަދުކޮށްގެން ކަމަށެވެ.

އެއް މިލިއަން މީހުންގެ އާބާދީ އާއެކީ ކެނެޑާގެ ކެލްގަރީ އަކީ ދުނިޔޭގެ އެންމެ ސާފު ތާހިރު ގައުމެވެ. ކެނެޑާގެ ސަރުކާރުން މިތަނުގެ ސާފުތާހިރުކަން ދަމަހައްޓަނީ މައިގަނޑު ފަސް ކަމަކަށް އަލި ބަލައިގެންނެވެ. އެއީ ފެނުގެ ސާފުތާހިރު ކަމާއި، ނަރުދަމާގެ ނިޒާމާއި، ޓްރެފިކާއި، ކުނި ނައްތާލުމާއި، ކުނި ރީސައިކަލު ކުރުމެވެ.

އެފަދަ ތަރައްގީވެފައިވާ ގައުމުތަކުން ކުނީގެ މައްސަލާގައި ގެންގުޅޭ ސިޔާސަތު އެޑްޕޮޓް ކުރުމަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ދިމާވަމުންދާ ކުނީގެ މައްސަލަ ހައްލު ކުރެވޭނެ މަގެކެވެ.

ކުނީގެ މައްސަލައާ މެދު މިހާރު ގެންގުޅޭ ސިޔާސަތަކީ ކޮބާ؟

ކުނީގެ މައްސަލަ ހައްލު ކުރަން ވޭސްޓް މެނޭޖަމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ނަމުގައި ވަނީ ކުންފުންޏެއް އުފައްދާފަ އެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ ކުނީގެ ހުރިހާ ޒިންމާއެއް އޮތީ އެ ކުންފުންޏަށް ކަމަށެވެ. ނަމަވެސް ކައުންސިލުން ދަނީ އެ މަސައްކަތް ދާ ގޮތް ބަރާބަރަށް ބަލަމުންނެވެ.

ސާފު ނުވާ މަގުތައް ވެމްކޯއަށް ރިޕޯޓުކޮށް އެކަންކަން ރަނގަޅު ކުރަން މަސައްކަތްކޮށް ކައުންސިލަށް ދެވެން އޮތް އެއްބާރުލުމެއް ވެމްކޯއަށް ދެމުންނެވެ. މަގުތައް ސާފުކޮށް ބެހެއްޓުމަށް ކުރިން ވަނީ ބޮޑެތި މަގުތަކުގައި ޕަބްލިކް ޑަސްބިންތަކެއް ބަހައްޓާފަ އެވެ. އެކަމަކު މިހާރު އެ ޑަސްބިންތަކެއް ނެތެވެ.

ޑަސްބިންތަކަށްވީ ކިހިނެއް؟

މާލެ ސިޓީ ކައުންސިލުގެ މެމްބަރު އާދަމް ޝަރީފު ސީއެންއެމްއަށް ވިދާޅުވީ ޑަސްބިންތައް ނަގާފައިވީ އާންމުން އެޔަށް ނުބަލާތީ ކަމަށެވެ. އެ ޑަސްބިންތަކަށް ކޮންމެ ބާވަތެއްގެ ކުނި އަޅާ މައްސަލަ ދިމާވި ކަމަށާއި، އެގޮތަށް ވަނީ މާލޭގެ މަގުތައް ސާފުތާހިރުކޮށް ބަހައްޓަން ސަމާލުކަން ނުދޭތީ ކަމަށެވެ.

އެކަމަކު މީހުން ގިނައިން ޖަމާވާ ތަންތަނުގައި، އުސޫލުތަކާ އެއް ގޮތަށް ވަރަށް އަވަހަށް ޑަސްބިން ބަހައްޓަވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

"ކައިރި ގައުމުތަކުން ވެސް ކަންތައް ކުރާހެން، އުސޫލެއްގެ މަތިން ޑަސްބިންތައް ބަހައްޓާ މަޖުބޫރު ކުރެވޭނެ. އެކަމާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު ވެސް އެޅޭނެ،" މާލެ ސިޓީ ކައުންސިލަރު އާދަމު ޝަރީފު ވިދާޅުވި އެވެ.
ހިޔާލު

އަލްފާ ސިއެރާ

ގެދޮރު ހުންނަ ގޮތުން ގޭތެރޭގަ ކުނިކޮތަޅު ބަހައްޓާލާނެ ތަންނެތުމުން މަގުމަތީގަ ކޮތަޅުބައްޓަނީ. ބަހައްޓަނީ ކުނިއޮކަން ކުލިދައްކާފަރާތެއްތޯ ނޫންތޯ ބެލޭނެނިޒާމެއް ބޭނުން. މަގުމަތީ ބަހައްޓާ ކުނިކޮތަޅު އޮކުމަކީ ސަރިކާރުގެ ވާޖިބެއް ކަމަށް ދެކޭ ބަޔަކު އުޅޭ. ޕެކެޓު ބޯލާފަ މަގަށް އެއްލާތަން ފެނުމުން ސުވާލޮކުރުމުން "ކުނި އޮކާމީހުން ތިބޭނެ" މިހިން ބުނާމީހިން މަދެއްނޫން. މަގުމަތީގަ ކާބޮއެ ހަދާ ތަކެއްޗަށް ހައްލެއް ހޯދަންޖެހޭ. މުޅި މުޖްތަމައު ހޭލުން ތެރި ކުރުވައިގެން މެނުވީ ކުނީގެ ހައްލު ނުލިބޭނެ. ސްކޫލު ތަކުގަައި "ތިމާވެށި އަދި ފަރުދީ ޒިންމާ" ކިޔަވައި ދޭންވީ. އިންޝާ ﷲ ރަނގަޅު ވެދާނެ

ސސ

މާލެ އަކީ އިންސާނުން ދިރިއުޅެން ކަމުދާވަރު ތަނެއްނޫން ! ސިއްހީ ގޮތުންނާއި އިޤުތިސާދީ ގޮތުންބެލި ކަމުގައި ވިޔަސް ރައްކާތެރި ތަނެއްނޫން !

އަމާ

ޞާބަޙޭޭ ޞިޓިިިީ ކަުުަަުުުޢުޞިލޫ