Rilwan massalaigai NIC 241 Committee ah haaziru kuranee
image
ރިލްވާން--
0 ކޮމެންޓް
 

ރިލްވާން މައްސަލާގައި ފުލުހުންގެ އިހުމާލު އޮތްތޯ ބެލުމަށް 241 ކޮމެޓީއަށް އެންއައިސީ ހާޒިރުކުރަނީ

ނޫސްވެރިޔާ ރިލްވާން އަބްދުﷲ ގެ މައްސަލާގައި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ އިސްވެރިން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ރިލްވާންގެ މައްސަލާގައި ހިނގާދިޔަ ކަންތައްތައް 241 ކޮމެޓީން އަންނަނީ ބަލަމުންނެވެ. ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވެފައި ވޭތޯ ބަލާފައި ވާތީ އެ ކޮމިޝަންގެ މެންބަރުން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް އެ ކޮމިޓީއަށް އެންއައިސީގެ މެންބަރުން ހާޒިރު ކުރަން ނިންމިއިރު، އެންއައިސީން ބުނެފައި ވަނީ ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

އެންއައިސީން މިހެން ބުނެފައި ވަނީ ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އާއިލާ އިން 2014 ވަނަ އަހަރު ހުށަހެޅި މައްސަލައިގެ ޖަވާބުގައެވެ.

އެގޮތުން މި މަހުގެ ފަސްވަނަ ދުވަހު އެންއައިސީން ރިލްވާންގެ އާއިލާ އަށް ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމުގެ ހެއްކެއް އަދި ގަރީނާއެއް ވެސް ލިބިފައި ނުވާތީ ފުލުހުންގެ އިހުމާލެއް އެކަމުގައި ނެތް ކަމަށެވެ.

ފުލުހުންގެ އިހުމާލު ނެތް ނަމަވެސް މަރު ކޮމިޝަނުން ތަހުގީގު ކުރި ރިލްވާންގެ މައްސަލާގައި ރިލްވާން ސީރިޔާއަށް ގޮސް މަރުވެފައިވާ ކަމަށް ދެއްކުމުގެ ގޮތުން އޭރުގެ ކޮންޓްރޯލާ ހަސަން އަލީ އާއި އިންޓަލިޖެންސްގައި މަސައްކަތް ކުރަމުން ދިޔަ ދެ ފުލުހަކު ބައްދަލުކުރި ކަމަށް ވެއެވެ. އަދި އެ މައްސަލާގައި އެ ދެ ފުލުހުން ވަނީ މިހާރު ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފަ އެވެ.

މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ގަދަކަމުން ރަތް ކުލައިގެ ކާރަށް ރިލްވާން އެރުމަށް ފަހު އޭނާ ވަނީ ޑިންގީއެއްގައި ކަނޑު އުޅަނދަކާ ހިސާބަށް ގެންގޮސްފައި ކަމަށް ސުއޫދު ވިދާޅުވި އެވެ.

"އެގޮތުން އެ ރަތް ކާރަށް އެރުވިއިރު ކާރުގަ ކުރީގައި ތިބި ދެމީހުން، އަޅުގަނޑުމެނަށް އެދެމީހުން ވެސް އެނގޭ، އޭގެތެރެއިން އެކަކަކީ އާލިފް ރައުފް، ފަހަތުގަ އެހެން މީހަކުވެސް ހުރި، މިދެންނެވީ ގަދަކަމުން އެރުވި މީހާ، ދެން ފަހަތުން ސައިކަލުން އިތުރު ތިން މީހުން އާދޭ، ގޮސް ރިލްވާން އަރުވަނީ ޑިންގީ އަކަށް، ޑިންގީ އަކަށް އަރުވައިގެން ގޮސް ކަނޑުގަ ދުއްވާ އުޅަނދަކަށް އަރުވައިގެން އޭނާ ވަނީ މަރާލާފަ" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާން މަރާލުމުގެ ކުރިން އެމީހުން ވަނީ ޝަހާދަތް ލައިދީފައެވެ. އަދި ޝަހާދަތް ލައިދިނުމަށް ފަހު އޭނާ މަރާލާނެތޯ އެމީހުންގެ މެދުގައި ވެސް ދެބަސްވުންތައް އުފެދުނުކަން ފާހަގަކޮށް ސުއޫދު ވަނީ އެމީހުން ރިލްވާން މަރާލީ ދާއޮޅައިގެން ކަމަށް ވިދާޅުވެފަ އެވެ.
އެންއައިސީ ރިލްވާން
ހިޔާލު