Hadhamu dhaa imaaraathakun Cemical vas dhuvaa mahsala fuluhunge samaalukama genesfi
image
0 ކޮމެންޓް
 

ހަދަމުން ދާ އިމާރާތަކުން ކެމިކަލް ވަސްދުވާ މައްސަ ފުލުހުންގެ ސަމާލުކަަމަށް ގެނެސްފި

ހަދަމުން ދާ އިމާރާތަކުން ކެމިކަލް ވަސްދުވާތީ އެ ސަރަހައްދު މީހުން ފުލުހުންނަށް އެމައްސަލަ ރިޕޯޓުކޮށްފިއެވެ.
ފުލުހުން ވަނީ މ. ކޮޓޭޖުގައި ހުރި އެ ކޮންސްޓްރަކްޝަން ސައިޓަށް ގޮސް ކެމިކަލް ވަސް ދުވަނީ ކީއްވެތޯ ސާފުކޮށްފައެވެ.

ފުލުހުން ބެލި ބެލުމުން އެނގުނީ ކެމިކަލް ވަސް ދުވީ ހުކުރު ދުވަހުގެ ރޭ އެނދި ގުނދަނެއްގައި ހުރި ދަނގަޅު ހޮޅިތަކެއް ކޮންސްޓްރަކްޝަން ސައިޓަށް ގެންދިއުމުންނެވެ.

"އެނދި ތަނުގައި ހުރި ދުމަކީ ނުރައްކާތެރި ދުމެކޭ ކަމާބެހޭ އިދާރާތަކުން (އީޕީއޭ) އިން ބުނެފަ އޮއްވަ އެތަނުން ގެނައި ދަނގަޑު ހޮޅިތައް ގެނެސް މި އަޅާލަނީ މި ސަރަހައްދުގަ ހަދަމުން ދާ އިމާރާތަކަށް. ގެއަށްވެސް ވަނީ ވަރަށް ބޮޑަށް ކެމިކަލް ވަސް ވަދެފަ. އެމީހުން ޑިޓޯލް އަޅައިގެން ދޮންނަން މަސައްކަތް ކުރަނީ، އެކަމު ކީއްވެތޯ މިހާ ފަރުވާ ކުޑަކޮށް ކަންތައްތައް މި ކުރަނީ؟ ދޮވުނަސް ކެމިކަލްތައް ހުންނީ މި އިމާރާތަކު ނޫންތޯ؟" އެ ސަރަހައްދުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މާފަންނުގައި ހުންނަ އެ އިމާރާތަކީ 'ހާޒާ ކޮންސްޓްރަކްޝަން' އިން ހަދަމުން އަންނަ އިމާރާތެކެވެ.

މައުލޫމާތު ލިބޭގޮތުގައި ހުކުރު ދުވަހުގެރޭ އަބަދަށްފެހި މަގުގައި އެ ކުންފުނީގެ ގުދަނެއްވެސް އެނދިއެވެ.

އީޕީއޭއިން ދިރާސާ ކުރުމަށްފަހު އިއްޔެ ބުނެފައިވަނީ އަލިފާން ހިފި ސަރައްދަށް ބޭނުންމެއްނެތި ނުދިއުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި އެ ސަރަހައްދުގެ ވައިގެ ތެރޭގައި ނުރައްކާތެރި ކެމިކަލް އެބަހުރިކަމަށެވެ.

ސީއެންއެމްއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަގޮތުން އެ ހޮޅުތައް ކޮންސްޓްރަކްޝަން ސައިޓަށް ވެއްދި މީހުން ވެސް ތިބީ މާސްކު އަޅައިގެންނެވެ. އެހެންކަމުން އެ ހޮޅިތައް ވެއްދި އިރުވެސް އެއީ ވަސްދުވާ ތަކެއްތިކަން އެމީހުންނަށް އެނގެއެވެ.

އެ ގުދަން ސާފުކުރުމަށް ފުލުހުން އެ ކުންފުންޏަށް ވަގުތު ދިނުމަށްފަހު އެ ސަރަހައްދުން ނެރޭ ދަނގަޑު ފަދަ ތަކެތި ދޮވެ ސާފުކޮށްގެން ނޫނީ ބޭނުން ނުކުރުމަށް އެންގިއެވެ. ނަމަވެސް އެ ކުންފުނިން ދަނގަޑު ހޮޅުތައް ކޮންސްޓްރަކްޝަން ސައިޓަށް ގެންދިޔައީ އެވެސް ވަރަކަށް ސާފުނުކޮށެވެ.

ނަމަވެސް ފުލުހުންގެ އެންގުމަށް މިހާރު އެ ކުންފުނިން ގެންދަނީ ހޮޅިތައް ދޮވުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ދުންވަހާ ކެމިކަލް ވަސް ހިފާފައެވެ.
ހިޔާލު