Huthubaa ehge raagah vaahaka dhehkevumun Ghaazee ekan huttuvaifi
image
އާދަމް އާސިފް މިއަދުގެ ޝަރީއަތުގައި ވާހަކަދައްކަވަނީ--
0 ކޮމެންޓް
 

ހުތުބާއެއްގެ ރާގަށް ވާހަކަދެއްކެވުމުން ގާޒީ އެކަން ހުއްޓުވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އާދަމް އާސިފް ހުތުބާއެއް ކިޔާ ރާގުން ވާހަކަދެއްކެވުމުން އެކަން ޝަރީއަތުގެ މަޖިލީހުގައި އިންނެވި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ހުއްޓުވައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ކުރުމުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ކިތާބީ ހެކި ހުށަހެޅުމުގެ ކަންކަމެވެ.

އެގޮތުން އެންމެ ފުރަތަމަ ކިތާބީ ހެކި ހުށަހެޅުއްވީ ދައުލަތުގެ ފަރާތުންނެވެ. އަދި އޭގެ ފަހުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހެވެ. ވަކީލު އަލީ ޝާހު ބަޔާނުގައި އެއްބައި ވިދާޅުވުމަށް ފަހު ދެން ބަޔާން އިއްވުމަށް ފުރުސަތު ދެއްވީ ވަކީލް އާދަމް އާސިފަށެވެ.

ވަކީލް އާދަމް އާސިފް ފުރަތަމަ ބަޔާން ދެއްވަން ފެއްޓެވީ ވަރަށް މަޑުންނެވެ. ނަމަވެސް ބަޔާނުގެ ވަކި ހިސާބަކުން އޭނާގެ އަޑު ބާރުވެ، ރާގު ވެސް ބަދަލުވާން ފެށި އެވެ. ވަކި ހިސާބަކަށް ބަޔާން ދެއްވިތަނާ ގާޒީ ހައިލަމް ވަކީލް އާސިފް ހުއްޓުވި އެވެ. ހުއްޓުވުމަށް ފަހު ހައިލަމް ވިދާޅުވީ ބަޔާން ރަނގަޅަށް ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވަކީލް އާސިފަކީ އަލަށް ކޯޓަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ ވަކީލް އާސިފް ބަޔާން ދެއްވާއިރު ހީވަނީ ހުތުބާއެއް ދެއްވާހެން ކަމަށެވެ.

ގާޒީ އެފަދައިން ވިދާޅުވުމުން ވަކީލް އާސިފް ވިދާޅުވީ އެއީ އޭނާގެ އަޑު ހުންނަވާ ގޮތް ކަމަށެވެ. ނަމަވެސް އެކަން ދޮގު ކުރައްވާ ގާޒީ ހައިލަމް ވިދާޅުވީ އެއީ އަޑު ހުންނަވާ ގޮތް ނޫން ކަމަށާއި އާސިފަކީ ކްރިމިނަލް ކޯޓަށް އަލަށް ވަޑައިގެންނެވި ބޭފުޅެއް ނޫން ކަމަށެވެ.

"އަޑު އެކަންޏެއް ނޫން. ރާގު ވެސް ތިޔަ ގެންގުޅުއްވާ ގޮތާއި، ޚުތުބާއެއް ވިދާޅުވަނީހެން ވެސް ބައެއް ފަހަރު ހީވާނެ. އެހެން ނޫނީ ޑްރާމާއެއް ކުޅުއްވާހެން ވެސް ހީވާނެ،" ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގައި ފުރަތަމަ އޮތީ ޔާމީންގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކި ބަސް ނެގުމެވެ. ނަމަވެސް އަޒީމާ ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާ އެކަމަނާއަށް ހާޒިރުވެވެން ނެތް ކަމަށް ދަންނަވާފަ އެވެ. މިއަދުގެ ޝަރީއަތް ނިންމާލެއްވީ އަންނަ މަހުގެ 10 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވާނެ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އެވެ.
ހިޔާލު