REPORT: Male magu thakuga hingaafa ulhey goiy hadhanee?
image
ފޮޓޯ: ޝުއައިބް މުހައްމަދު އިގްބާލް، ރާއްޖެ.އެމްވީ
ޝަހްޒާ މުޙައްމަދު
4 ކޮމެންޓް
 

މާލޭ މަގުތަކުގައި ހިނގާފައި އުޅޭ ގޮތް ހަދަނީ؟

މާލޭގެ ބައެއް ސަރަހައްދުތަކުގައި ފައިމަގުގައި އުޅޭ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާ ވާހަކަ އިވުމާއެކު އާއްމުން ދިޔައީ އެކި ގޮތްގޮތަށް ހިޔާލު ފާޅުކުރަމުންނެވެ.
އެއް ބަޔަކު ބުނަނީ މާލޭގައި ހިނގާފައި އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ މާލޭގައި ބޮޑުވެފައިވާ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލަކަށް ނުވާނެ ކަމަށް އެމީހުން ދެކެ އެވެ.

މާލެއަކީ، މު ޅިދުނިޔޭގައި ވެސް އެންމެ ބޮޑު އާބާދީއެެއް އެންމެ ކުޑަ ސަރަހައްދެއްގައި ދިރިއުޅޭ ސިޓީއަށް ވާއިރު، މާލޭގެ ތޮއްޖެހިފައިވާ ޓްރެފިކަށް މި ވަނީ އަވަސް، ދާއިމީ ހައްލެއް ބޭނުންވެފަ އެވެ.

ހިނގާފައި އުޅޭ ގޮތް ހެދުމަކީ ޓްރެފިކަށް އޮތް ހައްލެއްތަ؟

މާލޭގެ ބައެއް ސަރަހައްދުތަކުގައި ފައިމަގުގައި އުޅެވޭ ގޮތް ހެދުމުން އެކަމުގެ ފައިދާ އެންމެންނަށް ވެސް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވި އެވެ.

ސީއެންއެމް އަށް ދެއްވި އިންޓަވިއު އެއްގައި ޝިފާ ވިދާޅުވީ މުޅި މާލޭގައި ދާއިމީ ގޮތެއްގައި ހިނގާފައި އުޅޭ ގޮތް ހެދުމަށް ކައުންސިލުން ނުވިސްނާ ކަމަށެވެ. ނަމަވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ކައިރި ތަންތަނަށް ހިނގާފައި ދާން ޖެހޭ ގޮތް ހެދުމަށް ވިސްނާ ކަމަށެވެ.

މިސާލަކަށް ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި ތަންކޮޅަކަށް ހިނގާލާފައި ބޭންކާ ހަމައަށް ދާ ނަމަ މަޖީދީމަގުގައި ޕާކުކުރާ ސައިކަލު ތޮއްޖެހުން ކުޑަވާނެ އެވެ.

ޕަބްލިކް ޓްރާންސްޕޯޓު މާލެއަށް ފުޅާ ކުރެވޭނެ ގޮތް ވުމަކީ ވެސް ޓްރެފިކަށް ލިބޭނެ ލުޔަކަށް ވާނެ އެވެ. މާލޭގެ ހުރިހާ ހިސާބެއްގައި ބަސް ސްޓޮޕެއް ނުބެހެއްޓޭނެ އެވެ. ބަސް ސްޓޮޕާ ހަމައަށް ހިނގާލާފައި ދާން ޖެހުމުން ކުދިން ގޯޅިތަކަށް ކޮންމެވެސް ވަރަކަށް ލުއި ލިބިގެން ދާނެ އެވެ.

ސްކޫލު ދަރިވަރުން ސްކޫލުން ނިމޭ ގަޑިއަކީ މާލޭގެ މަގުތަކުގައި އެންމެ ބާރު ބޮޑުވާ އެއް ގަޑި އެވެ. ސްކޫލު ދޮށަށް ކުދިން ބަލައި ސައިކަލުގައި ދިޔުމުން މަގުތައް ފުރެ އެވެ. މިކަމަށް ވެސް އޮތް ހައްލަކީ ދުރުގައި ސައިކަލު ޕާކުކޮށްފައި ހިނގާފައި ސްކޫލާ ހަމައަށް ދިޔުމެވެ.

ތިމާވެށީގެ ފައިދާ އާއި ސިއްހީ ފައިދާ

ވެހިކަލުތަކުން ބޭރު ކުރާ ދުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ ދައްކާ އިރު، އުޅަނދުތަކާ ދުރުވެ، ހިނގާފައި އުޅެން ފެށުމަކީ މުހިއްމު ކަމެކެވެ.

މޭޔަރު ޝިފާ ވިދާޅުވީ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ސޮއިކޮށްގެން ތިބޭއިރު، އެކަން އަމަލުން ދައްކަން ޖެހޭ ކަމަށެވެ. ކުޑަ ވަގުތުކޮޅަކަށް ވެސް ވެހިކަލްތަކުން ބޭރު ކުރާ ދުން މަދުވެއްޖެ ނަމަ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަވާނެ އެވެ.

ތިމާވެށީގެ އިތުރުން ސިއްހީ ފައިދާތައް ހޯދުމަށް ވެސް ހިނގާފައި އުޅުން މުހިއްމެވެ. ސައިކަލުގައި ގިނަ ވަގުތު އިށީނގެދެން އިނުމުން މައިބަދައަށް އަސަރުކުރެ އެވެ.

ބުރަކަށްޓަށް ތަދުވުމާއި، މާބޮޑަށް ބަރުދަން އިތުރުވުމުގެ ސަބަބެއް ކަމުގައި ވެސް މިކަން ވެއެވެ. އެހެންކަމުން ޓްރެފިކަށް ލުއިވުމާއި، ތިމާވެއްޓަށް ފައިދާވުމުގެ އިތުރުން، އަމިއްލަ ސިއްހަތަށް ވެސް ފައިދާ ކުރާނީ ހިނގާފައި އުޅުމުންނެވެ.

ހިނގާފައި އުޅޭ ދިމާވާ އުނދަގޫތައް

ބައެއް މީހުންނަކީ ސިއްހީ ސަބަބުތަކާ ހެދި ހިނގާފައި އުޅެން އުނދަގޫވާ މީހުންނެވެ. އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ދުރަށް ހިނގުން، ނުވަތަ އަބަދު ހިނގާފައި އުޅުމަކީ ދައްޗަކަށް ވެދާނެ އެވެ.

ގަޑި ޖެހުމުގެ މައްސަލައަށް އޮތް ހައްލަކީ ވެސް ހިނގާފައި ނޫޅުން ކަމަށް ދެކޭ މީހުން އުޅެ އެވެ. އޮފީހާއި ސްކޫލަށް ގަޑި ނެޖުހި ދިޔުމަށް އެފަދަ ފަރާތްތަކަށް ސައިކަލު ވަރަށް މުހިއްމެވެ.

އެހެންވެ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ހިނގާފައި އުޅޭ ގޮތް ހެދުމަށް ވިސްނަމުން ދާއިރު، އެފަދަ ފަރާތްތަކަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އުސޫލެއް ކަނޑައަޅަން ޖެހޭނެ އެވެ.

މިއީ ދާއިމީ ގޮތެއްގައި ކުރެވިދާނެ ކަމެއްތަ؟

މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ ބައެއް މަގުތައް ކޮންމެ ހުކުރު ދުވަހަކު ބަންދު ކުރާ ގޮތަށް ނިންމާފަ އެވެ. އަދި މަހަކު އެއް ފަހަރު ފައިމަގުގައި އުޅޭ ދުވަހެއް ކަނޑައެޅުމަށް ވެސް ވިސްނި އެވެ.

އެކަމަކު އެކަންކަން ފުރިހަމައަށް ތަންފީޒުވެގެންދާ މަންޒަރެއް ނުފެނެ އެވެ. މާލޭގެ ބައެއް ސަރަހައްދުތައް ހިނާގައި އުޅޭ ގޮތް ހެދުމަށް ވިސްނަމުން ދާއިރު، އެކަން ދާއިމީ ގޮތެއްގައި ކުރެވޭނެ ގޮތްތައް ހޯދަން ޖެހެ އެވެ.

ހިނގާފައި ދާން ޖެހޭ ސަރަހައްދުތައް ހިމެނޭ ހިސާބުގަނޑގައި ގިނަ ވެހިކަލަށް ޕާކު ކުރެވޭނެ ފަދަ ރަނގަޅު ޒޯނެއް ނެތި އެކަން ވާނެ ކަމަކަށް ނުބެލެވެ އެވެ.
ހިޔާލު

ޙެޔޮނުވަާނެ

ހެޔޮނުވަާނެ މާލޭގަ ގިނަ ދުވަސް ވެފައި ވާ އުޅަނދު ތައް ނައްތާލަބަލަ

އިމޭޖިން

ހުރިހާ މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންނާއި ޝިފާވެސް އެގޮތަށް އަމަލްކުރާނަމަ އޯކޭ.

ޙެޔޮނުވަާނެ

ހެޔޮނުވަާނެ މާލޭގަ ގިނަ ދުވަސް ވެފައި ވާ އުޅަނދު ތައް ނައްތާލަބަލަ

ރަގަޅުކަމެއް

އެންމެ ބޮޑު މައްސަލައަކީ މަދަރުސާއަށް ގެންދާ ބަރު ދަބަސް. ހިނގާލާފަ ދާކަށް އުނދަގުލެއްނޫން.. އެކަމަކު ދަބަސް ބަރުކަމުން އެބަޖެހޭ ދުއްވާ އެއްޗަކަށް އަރަން. ކުރީގަ ވިއްޔާ ގްރޭޑް-8 ދިޔައީމަ އިންޓަވަލްއަށް ގެއަށް އާދެވޭ.އެހެންވެ ހެނދުނު ގެންދާނީ އިންޓަވަލް ކުރީގެ ފޮތްތައް. އިންޓަރވަލް އަށް އައިސްފަ އިންޓަވަލްފަހުގެ ފޮތްތައް ގެންދާނީ. ހިނގާގޮތް ހެދުން ރަގަޅު. އެކަމަކު ދަބަސް ކަންތަކާ ކޮންމެވެސް ހައްލެއްބޭނުން.