PROFILE: Teacherun buni gothah Saajin dhiyei mahah! Mihaaru ei Zuvaan Masveriyaa!
image
ހަސަން ސާޖިން--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ޓީޗަރުން ބުނި ގޮތަށް ސާޖިން ދިޔައީ މަހަށް! މިހާރު އެއީ "ޒުވާން މަސްވެރިޔާ"!

އެއް ގޮތަކަށް ވެސް ކިޔަވާކަށް ނޫޅެ އެވެ. ކިޔަވާ ހިތް ނުވެސް ވަނީ އެވެ. އޭރު ދަށް ކޮށްލުމުގެ ގޮތުން ޓީޗަރުން ވެސް ބުނަމުން އައީ ނުކިޔަވައިފި ނަމަ ދާން ޖެހޭނީ މަހަށް ކަމަށެވެ. ކަންވީ ވެސް އެހެންނެވެ. މިއަދު ޓީޗަރުން ބުނި ގޮތަށް އޭނާއަކީ "މަސްވެރި" އެކެވެ. މަސް ކަނޑަށް ފީނަން ނުކުތީ "މަޖުބޫރު" ވެގެންނެވެ. މިއީ މަސްވެރިކަމުގެ ރޮނގުން ކުރިއަށް ދިއުމުގެ އަޒުމުގައި މިހާރު ހުރި ގއ. ގެމަނަފުއްޓަށް އުފަން ހަސަން ސާޖިން، ނުވަތަ ޓްވިޓާގައި މަޝްްހޫރު ނަމުން ނަމަ "ޒުވާން މަސްވެރިޔާ" ގެ ވާހަކަ އެވެ.
ސާޖިން ބުނީ ސްކޫލަށް ދިޔަ ނަމަވެސް އޭނާ ކިޔެވުމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. ގިނަ ފަހަރަށް ސްކޫލަށް ދަނީ ވެސް ދޭ ފިލާވަޅުތައް ނުނިންމަ އެވެ. ކޮންމެއަަކަސް ސްކޫލު ދައުރުގައި އޭނާ ވަނީ ކިޔެވުމަށް ޝައުގުވެރިކަން ނެތުމުން ގްރޭޑް ނުވައެއްގައި ކިޔަވަމުން އައި އަހަރު ސްކޫލުން ކެނޑިފަ އެވެ. އެކަމަކު އޭނާގެ ނަސީބު ނިކަން ރަނގަޅެވެ. ސްކޫލުން ވަކިވިތާ ދެ ދުވަސް ނުވަނީސް އޭނާއަށް ވަޒީފާއެއް ހަމަޖެހުނެވެ. އެއީ އަޅަމުން އައި މިސްކިތެއްގެ ސައިޓް ސްޕަވައިޒަރު ކަމެވެ.

ހަތް ހާސް ރުފިޔާގެ މުސާރައާއެކު އެ މަސައްކަތަށް އޭނާ ނުކުތީ ވަރަށް ހިތްހަމަޖެހިގެން ހުރެ ކަމަށް ސާޖިން ބުންޏެވެ. ސަބަބަކީ އެހާ ހަގު އުމުރެއްގައި މަސައްކަތުގެ މައިދާނަށް ނިކުތުމާއެކު ރަނގަޅު މުސާރައެއް އެ މަސައްކަތުން ލިބޭތީ އެވެ. އަހަރެއްހާ ދުވަހު އެތަނުގައި މަސައްކަތް ކުރި އެވެ. އެކަމަކު ދުވަސްވާ ވަރަކަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވެ އަނގަޔާ އަތާ ދިމާނުވާ ހިސާބަށް ދާން ފެށުމުން ސާޖިން ނިންމީ އެހެން ދިމާލަކަށް މިސްރާބު ޖަހާށެވެ.

ސާޖިން ބުނީ އޭނާއަށް މަހަށް ދާން މަޖުބޫރުވީ ނުކިޔަވާ ކުރެވޭނެ މަސައްކަތެއްގެ އަތްފުނާ އަޅަނިކޮށް މަސްވެރިކަމަކީ އެންމެ ރަނގަޅު މަސައްކަތް ކަމަށް ވިސްނި އިތުރު މަގެއް ނުފެނުނު ހިސާބުން ކަމަށެވެ. ކިޔެވުން ފުރިހަމަ ނުކުރެވޭތީ ކުރެވޭނެ މަސައްކަތެއްގެ ފިކުރުން އޭނާގެ ހަނދާންތައް އާވީ ސްކޫލު ދައުރުގައި ޓީޗަރުން ބުނަމުން އައި ވާހަކަތަކެވެ. ނުކިޔަވައިފި ނަމަ މަހަށް ދާން ޖެހޭނެ ކަމަށް ބުނެ އޭނާއަށް ކޮށްލި މަލާމާތްތަކެވެ. ވެހޭ ވާރެޔާއި ދޭހާ އަތްވެއްގައި، އެކަމަށް ބޯޓަށް ފުންމާލީ އެ ހިސާބުންނެވެ.

ސާޖިން އެ ދޯނީގައި މަސައްކަތް ކުރާ މަސްވެރިންނާއެކު--

"އޭރު ސްކޫލު ނިންމި ގޮތަށް ހަތް ހާސް ރުފިޔާގެ މުސާރައެއް ވީމަ އަސްލު ސަޅިތާ. އެކަމަކު އަހަރެއް ފަހުން ތަކެތީގެ އަގު ބޮޑުކަން އިހުސާސްވެ، ގިނަ އެއްޗެހި ގަންނަން ބޭނުންވެ، މުސާރަކޮޅު ކުޑަވީ. ދެން ހަނދާންވީ ޓީޗަރު ވެސް ބުނި ގޮތަށް ސާޖިންނޭ ދެން ދާން ޖެހޭނީ މަހަށޭ. އަސްލު އެ ގަޑީގަ އިނީ ޗޮއިސް ހުސްވެފަ. ނުކިޔަވާ ހުރީ. މަންމަމެން ވެސް ބުނި ސްކޫލުން ކެނޑުނީމަ ވެސް ކިޔަވަން، އެވެނި ކޯހެއް ހަދާށޭ، މިވެނި ކޯހެއް ހަދާށޭ. އެކަމަކު ކިޔެވުމަށް އެހާ ޝައުގުވެރި ކަމެއް ނެތްވިއްޔަ. ދެން ކިތަންމެ ބަޔަކު ބުންޏަސް، އިތުރު ޗޮއިސްއެއް ނެތް މަޖުބޫރުވެގެން މަހަށް ދިޔައީ،" މަސްވެރިކަމަށް ނުކުންނަން ޖެހުނު ގޮތް ކިޔައިދެމުން ސާޖިން ބުންޏެވެ.

މަސް ކަނޑަށް ސާޖިން ފުންމާލީ މީގެ ފަސް އަހަރު ކުރިންނެވެ. އޭރު އުމުރުން އެންމެ 16 އަހަރެވެ. ފަޅުވެރިއެއްގެ ގޮތުގައި އެކަމާ ކުރިމަތިލީއިރު އޭނާއަކީ ކަނޑު މައްޗަށް އެހާ ގަދަ މީހެއް ނޫނެވެ. ކޮންމެ ދުވަހަކު މަހުން އަންނައިރު އޭނާ އޮންނަނީ ހޮޑުލާލާ ހަލާކުވެފަ އެވެ. އެކަމަކު ވެސް ގޮތް ދޫނުކޮށް އެކަމާ އޭނާ ކުރިމަތިލީ މަސްވެރިކަމަކީ ދަށް ކަމެއް ކަމަށް ބުނެ އޭނާ ކަޑަކޮށްލި މީހުންނަށް އެއީ ސަޅި ކަމެއްކަން ދައްކަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

ސާޖިން--

އާދައިގެ ދޯންޏެއްގައި މަސްވެރިކަމަށް އޭނާ ނުކުތްއިރު ދޯނީގެ އިސް މީހަކަށް ގާތްގަނޑަކަށް 15000 ހާސް ރުފިޔާ ލިބެންޏާ އޭނާއަށް ލިބެނީ 1000 އެއްހާ ރުފިޔާ އެވެ. އެކަމަކު ވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. އެ ގޮތުގައި ހުރުމުގެ ނަތީޖާ ވެސް ފޮންޏެވެ.

"ތިން ހަތަރު މަހު މަހަށް ދިޔައިމަ އެނގިއްޖެ މިއީ ސަޅިކަމެއްކަން. އޭރުގަ އަހަރެމެން ދޯނީގަ އިސް މީހަކަށް ގާތްގަނޑަކަށް 15000 ހާސް ރުފިޔާ ލިބޭއިރު މަށަށް އޭރު ލިބޭނީ 1000 އަށް ރުފިޔާ. އެކަމަކު ފަހުން މަސައްކަތް ކުރަމުން އައިސް މަސް ބާނަން ދަސްވެ ދޯނި ތެރޭގަ ފިޓު މީހަކަށްވެ ހަމަ ނޭވާލެވުނީމަ މި އެނގުނީ މިއީ ލާރި ލިބޭ ސަޅި ކަމެއްކަން. މިހާރު ހަފުތާއަކު އެވްރެޖްކޮށް ވަރަށް ސަޅި އެމައުންޓެއް ލިބޭ،" ދޮށީގެ މަސްވެރިކަމުގައި އުޅޭ ސާޖިން ބުނި ގޮތުގައި ހަފުތާއަކު ކޮންމެ މީހަކަށް 25000 ރުފިޔާ ލިބޭ ދުވަސްވަރު ވެސް ދެއެވެ.

މަސްވެރިކަމުން ކުރިއަށް ދިއުމުގެ އަޒުމުގައި ހުރި ނަމަވެސް މިދާއިރާއާ ގުޅިގެން ވެސް ބޮޑު ކަންބޮޑުވުންތަކެއް އޭނާގެ އެބަ ހުއްޓެވެ. އެގޮތުން ބާނާ މަހަށް ހަމަ އަގު ނުލިބުމާއި މަސް ކިރޭނެ އިންތިޒާމުތައް ނެތުމުގެ އިތުރަށް މަސް ކިރުމުން ވަގުތުން ލާރި ނުލިބޭ މައްސަލަ އޭނާ ފާހަގަކުރި އެވެ.

ރާއްޖޭގެ އުތުރަށް މިދުވަސްވަރު މަސްވެރިކަން ރަނގަޅެވެ. އެކަމަކު ސާޖިން ވަނީ މަސްވެރިކަން އެންމެ ރަނގަޅުވާ ދުވަސްވަރު ރަނގަޅަށް އައިސް ލިބުމުގައި ވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް ބުނެފަ އެވެ. މާ ގިނައިން މަސް ބާނައިފި ނަމަ މަސް ނުކިރިދާނެތީ ވަރަށް ހާސްވާ ކަމަށް ވެސް ބުންޏެވެ. އެގޮތުން ބައެއް ފަހަރު ނުކިރޭނެކަން އެނގުމުން ބާނާ މަސްތައް ކަނޑަށް ދޫކޮށްލަން ޖެހޭ ފަހަރުތައް ވެސް ކުރިމަތިވެފައިވާ ކަމަށް ސާޖިން ބުންޏެވެ.

"މަސް ނުކިރިގެން ރައީސް ޔާމީނު އިރު އުޅެން ޖެހުނު. އެގޮތަށް ކޫއްޑޫގަ ތިބިން 48 ގަޑިއިރު. އަދި ނުވިތާކަށް މަސް ބާނަން ތިބެފަ ކެޔޮޅަށް މަސް ނުކިރޭނެކަން އެނގުނީމަ އެބަ މަސް ބާނަން ތިބެފަ ދުއްވާލަން. މަސް ބާނަން ތިބެފަ މަސްކޮޅު މި ދުއްވާލަނީ، އެނގޭ ކިތަންމެ ބައިވަރަށް ބޭނިޔަސް ނުކިރޭނެކަން. މިއަހަރު އަދި މަސްވެރިކަން އެހާ އެއް ނޫން. އެހެންވެ އަދި ދިމައެއް ނުވޭ އެކަހަލަ ކަމެއް،" ސާޖިން ކިޔައިދިނެވެ.

އައިސް ލިބުމުގެ ދަތިކަމަކީ އަބަދުވެސް މަސްވެރިން ފާހަގަކުރާ ކަމެކެވެ. ސާޖިން ބުނީ އެކަން އެންމެ ބޮޑަށް ދިމާވީ މަސްވެރިކަން ސިޔާސީ ކުރި ހިސާބުން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ބޭރުން ކުދި އައިސް ޕްލާންޓުތަކެއް ގެނައި ކަމަށާއި އެކަމަކު އެއީ މިޒަމާނަށް އެހާ ފެތޭ އައިސް ޕްލާންޓުތަކެއް ނޫން ކަމަށެވެ.

"ވީގޮތަކީ ޗައިނާ ބާޒާރުން ކުދި އައިސް ޕްލާންޓުތަކެއް، ކާފަމެން ޒަމާނުގަ އަޅަން ޖެހޭ ވަރުގެ އައިސް ޕްލާންޓުތަކެއް، ހިފައިގެން އައިސް ރަށްރަށުގަ އަޅާފަ ބުނީ ހުވަދު އަތޮޅުގަ އެބައިނޭ އަށް އައިސްޕްލާންޓު އަޅާފަ. އެކަމަކު އޭގެ އައިސް ޕްލާންޓެއް ވޯކް ކުރަނީ ކޮންމެ އަހަރެއްގައި އެވްރެޖްކޮށް ދެ މަސް ވަންދެން. ބާކީ އޮތް 10 މަހު އޭތި އިންނަނީ ހަލާކުވެފަ. އެއިން އުފައްދަނީ ތިރީސް ޓަނު، 25 ޓަނު އައިސް. މީގެ ބޮޑު ދޯންޏަކަށް އެބަ ބޭނުންވޭ ރަނގަޅަށް މަސްވެރިކަން ކުރަންޏާ ދުވާލަކަށް ދިހަ ވަރަކަށް ނޫނީ އަށް ޓަނު އައިސް. ހުވަދު އަތޮޅުގަ އެބަ އުޅޭ 115 އެއްހާ ދޯނީ. ކިހިނެއް އެކަން ކުރާނީ،" ސާޖިން ބުންޏެވެ.

ސާޖިން ބުނީ، އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި އަޅާފައިވާ އައިސް ޕްލާންޓް ނެތް ނަމަ ދިވެހި މަސްވެރިން އުޅޭނީ ނިކަން ހާލުގައި ކަމަށެވެ. އޭނާ ވަނީ އެފަދަ ދެތިން އައިސް ޕްލާންޓް ހުވަދޫގައި އަޅައިފި ނަމަ އައިސް ނުލިބިގެން ޝަކުވާ ކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.

ސާޖިންނަކީ މަސްވެރި އާއިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. އެގޮތުން އޭނާގެ ބައްޕަ އާއި ކާފަމެން ވެސް އާމްދަނީ ހޯދުމަށް ކުރި މަސައްކަތަކީ އެއީ އެވެ. ނުވަ މެމްބަރުންގެ އާއިލާއަކަށް ނިސްބަތްވާ ސާޖިންނަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ވަޒީފާއަކަށް ދާކަމަށް ވާނީ ހަމައެކަނި ޓައި އަޅާފައި އޭސީ ކޮޓަރީގައި އިނުމަކުން ނޫނެވެ.


ސާޖިން އޭނާގެ އެއްބަނޑު ބޭބެ، އަލީ މިންހަންއާއެކު--

ޒަމާނަށް އަންނަ ބަދަލާއެކު މަސްވެރިކަން ކުރަމުން އައި ގޮތަށް ވެސް ބޮޑު ބަދަލުތަކެއް އަތުވެއްޖެ އެވެ. ކުރިން ރިޔަލު ދޯނީގައި މަސްވެރިކަން ކުރަމުން އައި ނަމަވެސް މިއަދު ބޮޑެތި ސަފާރީތަކާ މާބޮޑު ތަފާތެއް ނެތް ފަދަ އުޅަނދުތަކުގައި ދަނީ މަސްވެރިކަން ކުރަމުންނެވެ.

ސާޖިން ބުނީ އޭނާ މަސައްކަތް ކުރާ ދޯންޏެކޭ ފައިވް ސްޓާ ހޮޓަލަކާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ. އެގޮތުން އޭސީ ކޮށްފައި ހުންނަ އެ ދޯނީގައި ކޮންމެ މީހަކު ނިދުމަށް ވެސް ހާއްސަ އެނދެއް ހުރެ އެވެ. އަދި ކޮންމެ މީހަކަށް ވެސް ކަބަޑެއް ހުރެ އެވެ. ހަމައެއާއެކު ކޮންމެ ވަގުތެއްގައި ވެސް ކަނީ ކާމޭޒު ދޮށުގައި ތިބެގެންނެވެ. އަދި ޓީވީ ބެލެން ވެސް ހުރެ އެވެ.

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަން އެންމެ ފަސޭހަ އެއް ސަބަބެއްގެ ގޮތުގައި ސާޖިން ބުނީ ޗުއްޓީ ހޯދުމެވެ. އެގޮތުން ޗުއްޓީ އެއް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށާއި އާއިލާއާއެކު ވެސް ވަގުތު ހޭދަކުރަން ފުރުސަތު ލިބޭ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 21 އަހަރުގެ ސާޖިންނަކީ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ވަރަށް ޝައުގު ހުންނަ ޒުވާނެކެވެ. އެކަން ޓްވިޓާއަށް ބަލާލުމުން ވެސް އެނގެ އެވެ. މީހުން މަސްވެރިކަމަށް ލޯބި ޖެއްސުމަށް އޭނާ ކުރާ އެއް ކަމަކީ މަސްވެރިކަމުގައި އުޅޭއިރު ނަގާފައި ހުންނަ ކަނޑު އަޑީގެ ރީތި މަންޒަރުތަކާއި މަސްވެރިކަމުގެ މޮޅެތި ފޮޓޯތައް ސޯޝަލް މީޑިއާއަށް ހިއްސާކުރުމުވެ. އެ ފޮޓޯތަކަށް އެތައް ބައެއްގެ ސަމާލުކަން ވެސް ލިބެ އެވެ.

ސާޖިން މޫދު އަޑީގައި ނަގާފައިވާ ފޮޓޯއެއް--

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށް ލިބުނު އާމްދަނީއިން ފޮޓޯ ނެގުމަށް ބޭނުންވާނެ ސާމާނު ގަނެ އެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިކަން ދަށްކޮށްލި މީހުން ވެސް އެކަން ބަލައިގަންނަވަރު ކުރުމެވެ. އެކަމުން ރަނގަޅު ނަތީޖާއެއް ފެންނަކަމުގެ އެއް ހެއްކަކީ މިއަދު އޭނާއަކީ މަސްވެރިއެއް ކަމުން ދެރަކޮށްލި މީހުން ވެސް ހުސް ވަގުތެއް ލިބުމުން މަހަށް ދާން ފެށުމެވެ.

"ފޮޓޯ އާއި ވީޑިއޯއާ ނަގަން ޝައުގުވެރިކަން އައީ ކުރިން ރައްޓެހިވި މަންޖެ އާއި ޓީޗަރުންނަށް ވެސް ޝުކުރު އަދާކުރަން ބޭނުންވޭ. އެއީ އެމީހުން މަށާ ދިމާލަށް ކީ އެއްޗެހިތަކުން މަ އުފަލާއެކީގަ މިކަމަށް ޝައުގުވެރިކަން ޖެހުނީ. އެމީހުން މަށާ ދިމާލަށް ކުރި މަލާމާތާ، އަސްލު ކޮންމެ މީހަކު ވެސް ކަމެއް ދިމާވީމަތާ މީހަކަށް ވާން ބޭނުންވީ،" ސާޖިން ކިޔައިދިނެވެ.

ސާޖިން މަސްވެރިކަމުގައި އުޅެމުން ނަގާފައިވާ ފޮޓޯއެއް--

ހަގު އުމުރެއްގައި ސާޖިން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނެވެ. އެކަމަކު އެ ގުޅުމަށް ނިމުމެއް އައީވެސް އޭނާ މަސްވެރިކަމަށް ނިކުތުމުންނެވެ. އެކަމާ ކިތަންމެ ދެރަވިޔަސް އޭނާ ހުރީ ފަހަތަށް ބެލުމުގެ ވިސްނުމަކު ނޫނެވެ. ކޮންމެ ދުވަހަކު ފެންނަ ގުދުރަތީ ރީތި މަންޒަރުތަކާއި މަސްވެރިކަމުން އެ ލިބޭ ހިތްހަމަޖެހުން އެއަށްވުރެ ބޮޑު ކަމަށް ސާޖިން ބުންޏެވެ.

"ޓީޗަރުން ވެސް މަސްވެރިއަކަށް ވީތީ އެއްޗެހި ގޮވަނީ. ރައްޓެހިވި މަންޖެ ވެސް މަސްވެރިއެކޭ ބުނީމަ ދެން ހީވަނީ އަހަރެމެން ތިބެނީ ދުވާލު ހަތަރުދަމު މުޅި ގައިގަ ލޭ ހާކައިގެން މަސްތައް ކަރުގަ އެލުވައިގެން ހެން،" ސާޖިން ބުންޏެވެ.

މިހާރު ސާޖިންގެ އެންމެ ބޮޑު އެއް އުއްމީދަކީ ސަރުކާރުތަކުން މަސްވެރިންނާ މެދުވި އިހުމާލު މި ސަރުކާރުން ނުވުމެވެ. ސާޖިން ބުނީ އަދި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު އެފަދަ ބޮޑު އިހުމާލެއް ވެދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަބަބީ މަސްވެރިކަމާ ބެހޭ ބިލެއް މަޖިލީހުން ފާސްކޮށް، އާ ގާނޫނެއް އައުމުންނެވެ. މިއީ މަސްވެރިންނާ ގުޅޭ ސަރުކާރެއްގެ ގޮތުގައި އަބަދުވެސް ވާނެ ކަމަށް އޭނާ ވަރަށް އުއްމީދު ކުރެއެވެ.

"މަސްވެރިންނަށް އަހަރެމެން ބާނާ މަހަށް މިއަށް ވުރެ ރަނގަޅު އަގެއް ލިބިފަ. އަހަރެމެން މަސް ބާނަން ތިބެފަ މަސް ނުކިރޭނޭ ކިޔާފަ، އައިސް ނުލިބޭނޭ މަސް ނުކިރޭނެތީ ދޫކޮށްލުމުގެ ބަދަލުގަ އަހަރެމެން ހިތްހަމަ ޖެހޭ ވަރަށް އައިސް އާއި މަސް ކިރޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުވާނެ ދުވަހެއް. އަދި ހަމަ މަސް ކިރާފަ ވަގުތުން ލާރި ލިބުމަކީ ވެސް ވަރަށް ދެކެން ބޭނުންވާ ކަމެއް،" ސާޖިންގެ އުއްމީދުތައް ހިއްސާ ކުރި އެވެ.
މަސްވެރިކަން
ހިޔާލު

މަސް

ސްކޫލަށް މަކަރު ހަދާ ކިޔުވުން ދޫކޮށް ކެޑިގެން ހުރުމަކީ މޮޅު ކަމެއް ކަން ދައްކަން ރަގަޅުވާނީ މޮޔައިންނަށް. ސާޖިން ކުރި ހިތްވަރަށް މަރުހަބާ.

އިހުސާނާ

މީ ވަރަށް ފައްކާ މީހެއް ކަމަށް ބެލެވެނީ އިނގޭ!