VAAHAKA: Shakuwa
image
އައިމިނަތު ފަޒްނާ ރަޝީދު
1 ކޮމެންޓް
 

ވާހަކަ: ޝަކުވާ

(1 ވަނަ ބައި)
ވާރޭ ނުވެހި ގިނަދުވަސް ވެފައިވާ މަގުމަތީގައި ހިރަފުސް ބުރުވަމުން، ދުވެފައި ދިޔަ ކުޑަ ކުއްޖާގެ މޫނުމަތީގައި ވަނީ ހާސްކަމާއި ކަންބޮޑުވުމެވެ. އެ ކުއްޖާގެ ދެ ފައިތިލަ ހިރަފުހުގެ ފަށަލައަކުން ފޮރުވެމުން ދިޔައިރު ހޭވިފައިވާ އިސްތަށިގަނޑު ދެ އަތަށް ހޫރެމުން ދިޔައެވެ. އިރު އިރުކޮޅާ ނޭފަތް ފޮހެލުމަށްފަހު ބާވެ ހަސްވެފައިވާ ހެދުމުން އަތް ފޮހެމުން ދިޔަ ނަމަވެސް ދުވެލި މަޑެއް ނުވެއެވެ. މާނޭވާ ލަމުން އެ ކުއްޖާ ގޮސް ގެއެއްގެ ގޯތިތެރެއަށް ވަދެ އެ ގޭ ދޮރުގައި ބާރު ބާރަށް ތަޅަން ފެށިއެވެ.

އެ ވަގުތު ދޮރު ހުޅުވާފައި ނުކުތީ މެދު އުމުރުގެ އަންހެނެކެވެ. ފަލަ ނޫނަސް ހިއްކޭ ނުބުނެވޭ ވަރުގެ ރޫފައަކާއި މެދުމިނުގެ އިސްކޮޅެއްގެ ވެރިއެކެވެ. ލައިގެން ހުރީ ގަޔަށް ބާރު ހެދުމަކާއި ހަރުވާޅެކެވެ. ބޮލުގެ މެދަށް ހުޅިއެއް ޖަހާފައިވާ އިރު ކަރުގަޔާއި އަތުގައި ގަހަނާ އަޅާފައި ހުއްޓެވެ. ހިނދުކޮޅަކަށް އެ މީހާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. ނަމަވެސް އެ ކުއްޖާ ފެނުމާ އެކު އެ މީހާގެ ހައިރާންކަން ނުރުހުމަށް ބަދަލުވެ ދެ ބުމަ ގޮށްޖެހުނެވެ.

"ކީއްކުރަން؟" ރުންކުރު ރާގަކަށް އެ މީހާ އެހިއެވެ.

"ބޮޑުބެ ހޯދަން.. މަންމަ ވަރަށް ބަލި" ރޮވިފައި ހުރެ އެ ކުއްޖާ ބުންޏެވެ.

"ކަލޭގެ ބޮޑުބެއެއް މިގެއަކު ނޫޅޭނެ." ހަރުކަށިކަމާ އެކު މިހެން ބުނެފައި އެ ކުއްޖާގެ މޫނުމައްޗަށް އެ މީހާ ދޮރު ޖެހިއެވެ.

ސިއްސައިގެން ގޮސްފައި ނަވްޔާއަށް ހޭލެވުނެވެ. އޭރު އުނގުމަތީގައި އޮތް ޚަތިމުގެ ގަނޑުތައް ފަންކާގެ ވަޔާ އެކު އުކެމުން ދިޔައެވެ. ފަތިސް ނަމާދުކޮށްގެން ޤުރުއާން ކިޔަވަން އިންދާ ނަވްޔާއަށް ނިދި ޖެހުނު އިރެއް ވެސް ނޭނގެއެވެ. އިރުގެ އަލިކަން ކޮޓަރިތެރެއަށް ފޭދިފައިވާ ތަން ފެނުމުން އަވަސް އަވަހަށް ގަޑި ބަލައިލި އިރު ހައެއް ޖަހާ ބޮޑުވެއްޖެއެވެ. ހާސްވެފައި ނަވްޔާ ފުންމައިގެން ތެދުވިއެވެ. މޭޒުމަތީގައި ޚަތިމު ބާއްވާފައި ފާޚާނާއަށް ވަނީ މޫނު ދޮވެ ހަދައިލުމަށެވެ. ބޮޑުބެގެ އަންހެނުން ނަސީމާއްތަ ހޭލަންވާ އިރަށް ހެނދުނު ކުރަން ޖެހޭ ކަންތައްތައް ނުނިމިއްޖެނަމަ ނަވްޔާއަށް އެ ކަމުގެ ހަސްކާ ލިބޭނެކަން އެނގޭތީ ހިތް ނުތަނަވަސްވެފައިވާ ހާލުއެވެ.

ތައްޔާރުވެ ނިމިގެން ގޯތި ތެރެއަށް ނުކުމެފައި ނަވްޔާއަށް ވަށައިގެން ބަލައިލެވުނެވެ. ގޯތީގެ މެދުގައި ހުރި ހިރުނދުގަހުގެ ފަތްތައް ބިންމައްޗަށް ފެތުރިފައިވެއެވެ. އެއް ފަރާތުގައި ހައްދާފައިވާ މާ ގަސްތަކުގައި ފޮޅިފައިވާ މާތަކުގެ މީރުވަސް ފަޒާގައި ހަރުލާފައި ހުއްޓެވެ. ޖެހެމުން ދިޔަ ނަލަ ނަލަ ވައިރޯޅިތަކުން ނަވްޔާއަށް ތާޒާކަން އިހުސާސު ކުރެވުނެވެ. ނަމަވެސް ހިތުގައިވާ ނުތަނަވަސް ކަމެއް ނުފިލިއެވެ. ފަން, ދިގު އިސްތަށިގަނޑުގައި ހުޅިއެއްޖަހާލުމަށް ފަހު އަތްމަތި އަވަސްކޮށްލާފައި ނަވްޔާ ކުނިކަހަން ފެށިއެވެ. އިލޮށިފަތިން ފަތްތައް އެއް ކުރަމުން ފަސްގަނޑު އޮމާން ކުރަމުން ދިޔައިރު ހިތަށް ސިފަވަމުން ދިޔައީ މާޒީގެ ދުވަސްތަކެވެ.

އެއީ މީގެ ބާރަ އަހަރު ކުރިއެވެ. ނަވްޔާގެ އުމުރުން އޭރު ވާނީ އެންމެ އަށް އަހަރެވެ. ހެނދުނު ނަވްޔާއަށް ހޭލެވުނީ މަންމަ ކެއްސާ އަޑަށެވެ. މަންމަ ބަލިވެ އުޅޭތާ އޭރު އެތައް ދުވަހެއް ވެއްޖެއެވެ. އެކަނިމާ އެކަނި އުޅެމުން ދިޔަ އެ ދެމައިންނަށް ކިރިޔާވެސް އެހީއެއް ވަނީ ޖެހިގެން ހުންނަ ގޭ ހަރީރާއެވެ.

"ފެން، ފެން ފޮދެއް." މަންމަގެ އަޑު އިވުމާ އެކު ނަވްޔާ އަވަސް އަވަހަށް ތެދުވިއެވެ.

ތައްޓަކަށް ފެންފޮދެއް އަޅާފައި މަންމައަށް ގެނެސް ދިނުމުން ކުޑަކޮށް ބޯ އުފުލައިލުމަށްފަހު މަންމަ ފެންފޮދެއް ބޮއިލިއެވެ. މަންމަ ފެން ބޮއި ނިމުމުން ތަށި ބަހައްޓާފައި ނަވްޔާ އައިސް މަންމަގެ މަގަތުގައި އިށީން އިރު މޫނުމަތީގައި ވަނީ ކަންބޮޑުވުމެވެ. ނަވްޔާއަށް ބަލައިލަމުށްފަހު ތުރު ތުރުލާ އަތަކުން ނަވްޔާގެ ބޮލުގައި މަންމަ ފިރުމައިލިއެވެ. ހީނލުމަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. އެއާ އެކު މަންމަގެ ލޮލުން ކަރުނަ އައެވެ.

"ދަރިފުޅާ،" މަންމަ އެއްޗެކޭ ބުނެވޭތޯ މަސައްކަތް ކުރިއެވެ.

"ބަސް.. ބަސް އަހައްޗޭ.. މަންމަ ..ވަރަށް.. ލޯބިވޭ."

ނަމަވެސް ކެއްސަން ފެށުމުން މަންމަ ހުއްޓަ ހުއްޓާފައި ބުނަން ފެށި ވާހަކަ އިތުރަށް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ހަދާނެ ގޮތެއް ނޭގި އިނދެ މަންމަގެ މޭގައި ނަވްޔާ ފިރުމަމުން ގެންދިޔައެވެ.

"ދަރިފުޅާ..ބޮޑުބެ...ގެނެސްދީ." އިރުކޮޅެއްފަހުން ނޭވާ އުފުރި އަރަމުން ދިޔަ މަންމަ ވޭނާ އެކު ބުންޏެވެ.

ފަޔަށް ލެވުނުހާ ބާރެއް ލާފައި ނަވްޔާ ދުވެފައި ދިޔައެވެ. އެ ގެއަށް ދުވަހަކު ނުވަތް ނަމަވެސް ނަވްޔާއަށް ބޮޑުބެމެންގެ ގެ އެނގެއެވެ. ދުވަހަކު ވާހަކަ ނުދެއްކި ނަމަވެސް ބޮޑުބެ ވެސް އެނގެއެވެ. މަންމަ ކިޔައިދީފައިވާތީއެވެ.

ނަސީމާއްތަ ނަވްޔާގެ މޫނުމައްޗަށް ދޮރު ޖެހެމުން އަނެއްކާ ވެސް ނަވްޔާ ދޮރުގައި ތަޅަން ފެށިއެވެ. ރޮއި ރޮއިފާ ބޮޑުބެއަށް ގޮވަމުން ދިޔައެވެ. ހިސާބުގަނޑު މީހުން އެއްވާން ފެށުމުން ނަސީމާ އަނެއްކާ ދޮރު ހުޅުވިއެވެ.

"ނަސީމާއްތާ، ބޮޑުބެއަށް ގޮވާ ދީބަލަ." އާދޭސް ކުރަމުން ނަވްޔާ ބުންޏެވެ.

"ގެއަކު ނެތޭ ބުނެފީމެއްނު." ނަސީމާގެ ރާގަކަށް ބަދަލެއް ނައެވެ.

ނަމަވެސް ހިސާބުގަނޑުގެ މީހުން ކުރިމަތީގައި އަނެއްކާ ދޮރުޖަހާކަށް ނަސީމާއަކަށް ނުކެރުނެވެ. މީހުން ކިޔާފާނެ އެއްޗަކަށް ވިސްނާފައި ކުދި ކިޔަމުން ނަވްޔާމެންގެ ގެއާ ދިމާއަށް ބަރުހެލިކަމާ އެކު ހިނގައިގަތެވެ. ނަސީމާއްތައަށް ވުރެ ކުރިން ނަވްޔާ ދުވެފައި ދިޔައެވެ. އޭރު ހަރީރާ ދެލޯ ފޮހެމުން ނަވްޔާމެންގެ ގެއިން ނުކުންނަނީއެވެ. ނަވްޔާ ގެއަށް ވަންނަން އުޅެން ފެށުމުން ހަރީރާ ހިފެހެއްޓިއެވެ.

"ނަވްޔާ، ހިނގާ ބަލަ ހަރީރާއްތަމެންގެ ގެއަށް." ނަވްޔާގެ އަތުގައި ހިފަމުން ހަރީރާ ބުންޏެވެ.

"އެކަމަކު މަންމަ.." ހާސްވެފައި އެނބުރި ގެއާ ދިމާއަށް ބަލައިލަމުން ނަވްޔާ ބުންޏެވެ.

"ނަސީމާއްތަ މަންމަ ބަލާނެއޭ." ހަރީރާ ބުންޏެވެ.

އޭރު ނަސީމާ އަރާހަމަވަނީއެވެ. ނަވްޔާ ދާން ބޭނުން ނުވިޔަސް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެ ގެއަށް ގެންގޮސްފައި ނަވްޔާއަށް ސައިދެވޭތޯ ހަރީރާ އުޅުނެވެ. ނަމަވެސް ނަވްޔާއަކަށް މާ ރަނގަޅަކަށް ނުކެވުނެވެ. މަންމަ ގާތަށް ދާން ކެތްމަދުވެފައި ވީތީއެވެ.

"މަންމަ ކައިރިއަށް ދާން ބޭނުން." ސައިތަށި ދުރަށް ލަމުން ނަވްޔާ ބުންޏެވެ.

އެ ތުއްތު އާދޭހުގެ އަޑު އިވުމުން ހަރީރާގެ ލޯ އަނެއްކާ ވެސް ކަރުނައިން ފުރުނެވެ. ނަވްޔާ ދުވެފައި ދާތަން ފެނިގެން ނަވްޔާމެންގެ ގެއަށް ހަރީރާ ވަނީ ވީކީއްތޯ ބެލުމަށެވެ. އޭރު ނަވްޔާގެ މަންމަ، ނިހާޔާ އެންމެފަހުގެ ނޭވާ ލަނީއެވެ. އެ ޚަބަރު ލިބިމުން ނަވްޔާއަށް ކުރާނެ އަސަރު ހިތަށްއަރާފައި ހަރީރާ ޖެހިލުންވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ނަވްޔާއަށް ދޭހަވާ ގޮތަށް، މަންމަ ނިޔާވި ވާހަކަ ބުންޏެވެ.

"ނޫން، މަންމަ ނުދާނެ. ނައްޔަ އެކަނިކޮށްފައި މަންމަ ނުދާނެ." ނަވްޔާ ރޮމުން ރޮމުން ބުންޏެވެ.

ހަރީރާގެ އެތައް މަސައްކަތުން، އެތައް އިރެއްވީ ފަހުން ނަވްޔާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ނަމަވެސް މަންމަގެ ކަށުކަމާކެމި ނިމި މޫނު ދައްކަން ވެއްދުމާ އެކު ނަވްޔާއަށް އަނެއްކާ ވެސް ރޮވެން ފެށުނެވެ. ދެން ދުވަހަކު ވެސް މަންމަ ނުފެންނާނެއޭ ހިތަށްއަރާފައި އެ ހިތް ކުދި ކުދި ވަމުން ދިޔައެވެ.

"މި ގޭގައި ބެހެއްޓިޔަސް އަހަރެންގެ ކުރިމައްޗަށް އަޔަ ދީގެން ނުވާނެ." އެރޭ ނަވްޔާ ގޮވައިގެން ބޮޑުބެމެންގެ ގެއަށް ހަރީރާ ދިޔުމުން ބޮޑުބެ ފަހު ބަސް އިއްވިއެވެ.

"އާން، އެންމެ ފަހުން އޭނާގެ ހަރާން ދަރި ވެސް ބަލަން މި ޖެހުނީ އަހަރެންނަކަށް ނު." ނަސީމާ ނުރުހިފައި ބުންޏެވެ.

އެއީ އެ ބަސް އެންމެ ފުރަތަމަ ނަވްޔާ އަޑުއެހި ފަހަރެވެ. ރޮއި ރޮއި ގިސްލެވެމުން ދިޔަ ނަވްޔާ އޭރު ހުރީ ހަރީރާގެ ފުރަގަހަށް ވަދެ އޭނާގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓައިގެންނެވެ.

ރަށުގެ ފޯރާ މީހުންގެ ތެރޭގައި ބޮޑުބެ ވެސް ހިމެނޭކަން ޒަމާނީ ފެންވަރަކަށް ހަދާފައި ހުރި އެ ބޮޑު ގެ ހެކިދެއެވެ. ނަމަވެސް ނަވްޔާ ނިދަން ނަސީމާ ދެއްކީ ބަދިގެ ފަރާތުގައި ހުރި ކުޑަ ކޮޓަރިއެކެވެ. ހީވާ ގޮތުން އެއީ ކުރީގައި ގުދަނަކަށް ބޭނުން ކުރި ތަނެކެވެ. އެނދަކާއި އަލަމާރިއެއްގެ އިތުރުން މޭޒެއް ބަހައްޓާފައި ނަމާދުކޮށްލާނެ ވަރުގެ ހުސް ޖާގަ ކޮޅެއް ވެއެވެ. ކުޑައިރު އެކަނި އޮވެގެން ނަވްޔާ ކިތަންމެ ބިރުގަނެ ހިތްދަތި ވިޔަސް ކުރެވޭނެ އެހެން ކަމެއް ނެތެވެ. ފުރަތަމަ ކޮޅު ނިދެނީ ވެސް ރޮއި ރޮއި ވަރުބަލިވެ ގިސްލެވިގެންނެވެ. ނަމަވެސް މަޑު މަޑުން އެކަނި ނިދަން ނަވްޔާއަށް އާދަވިއެވެ. ގޭގަ ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ވެސް ހޭނުނެވެ. އާދަ ނުވިކަމަކީ ނަސީމާގެ ހަޅޭއްލެވުމާއި އަނިޔާކުރުން ތަކެވެ. ނަސީމާގެ ވިހަ ގަދަ ބަސްތަކުންނާއި ކުރާ ގޯނާތަކުން އެ ހިތުގައި އެޅިފައި ހުރި ކޫރުންތައް ގުނާ އަދަދު ނުކުރެވޭނެއެވެ.

ބޮޑުބެގެ ތިން ކުދިން ތިބެއެވެ. ނަވްޔާއާ ދާދި އެއް އުމުރެއްގެ އަޒްކާއާއި ދޮއްޓަށް ތިބޭ ދެ ފިރިހެން ކުދިންނެވެ. އިމާޒު އަޒްކާއަށް ވުރެ ދެ އަހަރު ދޮށި އިރު އިޔާދު ހަތަރު އަހަރު ދޮއްޓެވެ. އިޔާދު ގައިގައި މަޑުމައިތިރި ސީރިއަސް ގޮތްގަޑެއް ހުންނަ އިރު އިމާޒް އެއާ މުޅިން އިދިކޮޅެވެ. އަބަދުވެސް ގުރޫޕު ހަދާފައި ކޮންމެވެސް ސަކަރާތެއްގައި އުޅޭ އިރު ދޭތެރެއަކުން އައިސް ނަވްޔާއަށް ވެސް ޖެއްސުން ކުރެއެވެ.

އަޒްކާއަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެގެއިން ކިރިޔާ ވެސް ހިތްހަމަޖެހުމެއް ނަވްޔާއަށް ލިބެނީ އަޒްކާގެ ފަރާތުންނެވެ. ނަސީމާ ކިތަންމެ ރުޅި އައި ނަމަވެސް އެންމެ ކުޑައިރު ވެސް ދަނޑިވަޅު ބަލާފައި ނަވްޔާގެ ގާތަށް އަޒްކާ ދެއެވެ. ދެ ކުދިން އެއްކޮށް ކުޅެ ސަކަރާތްޖަހަން ތިއްބާ ނަސީމާއަށް ފެނިއްޖެނަމަ އަޒްކާ ދަމާފައި ގެންދާނެއެވެ. ނަމަވެސް އަނެއްކާ އަނެއްދުވަހު ވެސް ނަސީމާ ގޭގައި ނޫޅޭ ވަގުތު ބަލައިފައި ނަވްޔާގެ ގާތަށް އަޒްކާ ދެއެވެ. ބޮޑުވި ވަރަކަށް ދެ ކުދިންގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ. ނަވްޔާއާ ދޭތެރޭ ނަސީމާ ކަންތައް ކުރާ ގޮތުން ކިތަންމެ ދެރަވިޔަސް އަޒްކާއަށް ކޮށްދެވޭ މާ ބޮޑު ކަމެއް ނޯވެއެވެ. ނަވްޔާގެ ދިފާޢުގައި އެއްޗެއް ބުނި ނަމަވެސް އަޒްކާއާ ދިމާއަށް ވެސް ނަސީމާ ހަޅޭއްލަވައެވެ.

ޚިޔާލުތަކުން ދުރަށް ޖެހިލުމަށްފަހު ކަރުނައިން ފުސްވެފައިވާ ދެލޯ ނަވްޔާ ފޮހެލިއެވެ. އަވަސް އަވަހަށް އެއްކުރި ކުނިކޮޅު ނަގާފައި ކުނި ވަށިގަނޑަށް އަޅައިލިއެވެ. އަދި އެއާ އެކު ހިންދެމިލުމަށް ފަހު ނިތްކުރިމަތީގައި ހުރި ދާތިކިތައް ފޮހެލިއެވެ. އެ ވަގުތު ކުރި މަތިން ފެނުނު މަންޒަރަކުން ނަވްޔާގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި މޫނުމައްޗަށް އަތް ހުރަސް ކޮށްލެވުނީ ލިބިދާނެ ހަމަލައަކުން ރެކެން ވެގެންނެވެ.
ވާހަކަ
ހިޔާލު

ައަފާ

ރީތި ފެށުމެއް. ފުރަތަމަބައި ވ. ރީތި.