Vazeefaa inn kandaalaane kamuge biraa eku Raees ah petition eh!
image
މިދިޔަ އަހަރުގެ ރަމަޟާން މަހު ފެށި އެއް ލަކިން ޕްރޮގްރާމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ހިދުމަތް ދެނީ-- ފޮޓޯ: ޕީއެސްއެމް
3 ކޮމެންޓް
 

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރާއެކު ރައީސަށް ޕެޓިޝަނެއް!

ވަޒީފާއިން ވަކި ކުރުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ޓްރާންސްޕޯޓު އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ފޮނުވައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ 48 މުވައްޒަފުން ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެފަދަ ސިޓީއެއް ލިޔަން ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ.

ވަޒީފާއިން ކަނޑާލަން ބޭނުންވާ މުވައްޒަފުންތަކެއްގެ ލިސްޓެއް އޮތް ކަމުގެ މައުލޫމާތު ޖުލައި މަހުގެ ތެރޭގައި ލިބުމާއެކު މުވައްޒަފުންގެ ޝުއޫރު އޮފީސް ތެރޭގައި ފާޅު ކުރަން ފެށި ކަމަށް ވެއެވެ. އެ ލިސްޓަކީ ހާޒިރީއާ ބެހޭ ލިސްޓެއް ކަމަށާއި، ވަޒީފާއިން ކަނޑާލުމުގެ ލިސްޓެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އޭގައި ބުނެފައި ވެއެވެ.

އޭގެ ފަހުން ވަގުތު ނޫހުގައި އަނެއްކާ ވެސް އެ އޮތޯރިޓީގެ މުވައްޒަފުން ކަނޑާލަން އުޅޭ ކަމުގެ ހަބަރު ޝާއިއު ކުރުމާއެކު މުވައްޒަފުން ކަންބޮޑުވެ، ހިނގަމުންދާ ކަންކަން ސާފު ކުރުމުގެ މަސައްކަތް ފެށި އެވެ.

ސީނިއާ ބައެއް މުވައްޒަފުންނަށް އެފަދަ ކަމެއް ހިނގާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެފައި ވާއިރު، އެކަމާ މަޝްވަރާ ކުރުމަށް ޕާމަނަންޓް ސެކެޓްރީއާ ވަނީ ބައްދަލުކޮށްފަ އެވެ. ސެޕްޓެމްބަރު 19 ގައި ބޭއްވި އެ ބައްދަލުވުމުގައި ޕާމަނަންޓް ސެކެޓްރީ ވިދާޅުވެފައި ވަނީ އެއީ ސައްހަ ވާހަކައެއް ކަމަށެވެ.

"... މިކަމުގެ ސައްހަ މައުލޫމާތު ދެއްވަން އެދުމުން، މިއީ ރަނގަޅު ވާހަކައެއް ކަމަށާއި، މި ލިސްޓު މިހާރު ސިވިލް ސާވިސްގެ ލަފާފުޅަކަށް އެފި ފޮނުވާފައިވާ ކަމަށް ޕާމަނަންޓް ސެކެޓްރީ ވިދާޅުވި އެވެ. އަދި ބައްދަލުވުން ބޭއްވުނު މަގްސަދު އެތައް ފަހަރެއްގެ މަތިން ބައްދަލުވުމުގެ ތެރެއިން ފާހަގަކޮށްފައިވީ ނަމަވެސް، ބައްދަލުވުމުގެ މަގްސަދު ގެއްލޭ ގޮތަށް ބައްދަލުވުން ނިމުނު އިރުވެސް މުވައްޒަފުން މި ބިރުވެރިކަމުގެ ތެރެއިން ނިކުމެވޭނެ ފަދަ ޖަވާބެއް ލިބިފައި ނުވާކަން ފާހަގަކުރަމެވެ،" ޕެޓިޝަނާއެކުވާ ސިޓީގައި ލިޔެފައި ވެއެވެ.

އޭގައިވާ ގޮތުން މުވައްޒަފުން ވަކި ކުރަން ނިންމި ސަބަބެއް ކަމަށް ބެލެވެނީ، ހާޒިރީގެ މައްސަލަ އެވެ. އެކަމަކު އެ މުވައްޒަފުން ބުނެފައި ވަނީ ގަޑިޖެހޭ މައްސަލަ ނުވަތަ ހާޒިރީ އެހެން މައްސަލައަކާ ގުޅިގެން ވެސް މީގެ ކުރިން ދުވަހަކު ވެސް ވާހަކަ ދައްކާފައި ނުވާ ކަމަށެވެ.

އަދި އެ ލިސްޓު އެކުލަވާލީ އިޖުރާއަތުތައް ފުރިހަނަ ނުކޮށް ކަމަށާއި، އެއޮތޯރިޓީން މުވައްޒަފުންނާ މެދު އިހުމާލުވާ ކަމަށް ވެސް ބުނެފައި ވެއެވެ.

"ފާއިތުވި ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މުވައްޒަފުންގެ އެޕްރައިޒަލް ފުރިހަމަކޮށްފައި ނުވާ ކަމާއި، މުވައްޒަފުން ގަވާއިދާށް ހުރުމަތްތެރި ކުރުމަށް ނުވަތަ ހޭލުންތެރި ކުރުވުމަށް އިންޑަކްޝަން ޕްރޮގްރާމްތައް ހިންގާފައި ނުވާ ކަމީ އަޅުގަނޑުމެންނާ މެދު އިހުމާލުވެފައިވާ މިންވަރު ރަމްޒުކޮށްދޭ ކަންތަކެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރަން މަސައްކަތް ކުރަމުން ދާއިރު، އެ މުވައްޒަފުން ކޮށްދީފައިވާ މަސައްކަތްތަކާއި، އޮފީހުން މުވައްޒަފުންނާ މެދު އަމަލު ކުރި ގޮތަށް އެއްވެސް ބެލުމެއް ނެތް ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ބައެއް ކަންކަމަކީ:

1. 2018 ވަނަ އަހަރުގެ ރަމަޟާން މަހު އެއް ލަކިން ޕްރޮގްރާމް ހިންގިއިރު، މުވައްޒަފުންނަށް ލުޔެއް ނުދިނުން، ދަންވަރު ވެސް މަސައްކަތް ކުރަން ޖެހުނު، އެގޮތަށް ދެ މަހަށް ދެމިގެން ދިޔަ

2. މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ފުއްދުމަށް ހެލްމެޓް އެޅުމާ މެދު ހޭލުންތެރިކަމުގެ ޕްރޮގްރާމު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި، ހަފްތާ ބަންދަށް ބެލުމެއް ނެތި ވައުދުތައް ފުއްދުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު

3. އިތުރު ގަޑީގެ އުޖޫރައެއް ނުދޭ، އެކަމަކު އިތުރު ގަޑީގައި މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރަނީ ޝަކުވާ ކުރުމެއް ނެތި

4. އުޅަނދުތައް ޗެކްކޮށް، ގަވާއިދުތަކަށް ބޯލަނބާތޯ ބަލާ މުވައްޒަފުން ގިނައިން މަސައްކަތް ކުރަން ޖެހެނީ އިތުރު ގަޑީގައި، ވާރެއަކަށް އަތްވަކަށް ބެލުމެއް ނެތި

އޭގެ އިތުރުން ބުނެފައި ވަނީ ބާ އިމާރާތެއްގައި، ރައްކާތެރިކަމެއް ނެތް މާހައުލެއްގައި މަސައްކަތް ކުރަން ޖެހޭ މައްސަލަ ފާހަގަކޮށްފަ އެވެ. އެ ސިޓީގައިވާ ގޮތުން މުވައްޒަފުން ވަކި ކުރުމަށް ނިންމާފައި ވަނީ މަސައްކަތަށް ދަތިވި ނަމަވެސް، މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް ސޯލިހު ލަފާފުޅު އަރުވާފައި ވާތީ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވުމުން ކަމަށެވެ.

"މަނިކުފާނުގެ ޒައާމަތުގައި މިފަދަ ނިކަމެތިކަމެއް ރައްޔިތުންނަށް ލިބިދާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަމެވެ. އަދި ސަރުކާރު ބަދުނާމުވެ، ރައްޔިތުންގެ މެދުގައި ސަރުކާރަށް ނަފުރަތު އުފެދޭ ފަދަ ގޮތަކަށް، މިފަދަ އަޑުތައް އަރާ ކަމީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެކެވެ،" އޭގައި ވެއެވެ.

ސިޓީ ނިންމާލަމުން ބުނެފައި ވަނީ ރައީސް ސޯލިހުގެ ސަރުކާރެއްގައި ހައްގަކާއި ނުލައި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އިސްލާހުވާން ފުރުސަތެއް ނުދީ ފިޔަވަޅު އެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެ މައްސަލާގައި ރައީސްއާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެފައި ވެއެވެ.
ހިޔާލު

ޖަޒީރާ 07

ތީ ހަމަ އިސްލާހް ކުރަންޖެހިފައިވާ ތަނެއް.ޚާއްސްކޮށް ކައުންޓަރގައި މަސައްކަތް ކުރާމީހުން. އެމީހުން ވަރަށް ކޮރަޕްޓް. ކަސްޓަމަރުންނާއި ވާހަކަ ދައްކާއިރު ހީވަނީ އެމީހުންގެ އަމިއްލަ ކަމަކަށް އައިސް އެދިގެން އުޅޭހެން. އަވަހަށް އިސްލާހް ކުރޭ.

ލައިސަންސް

ތިތަނަކީ ޓެސްޓުތަކުން ފާސްނިުވިޔަސް އެއްގަމު އުޅަނދު ލައިސަންސް ހަދާދޭތަނެއް. މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެނގޭބާ! މުސްލިމުންނަށް ވެތިބެ ހަދާ ދޭމީހާވެސް މަކަރާ ހީލަތް އެހޯދާމީހާވެސް މަކަރުވެރި. ހެޔޮ ވިސްނުންދެއްވާދޭންވެ.

އިބްރާހިމް އަލީ

އިސްލާހް ވާން ރައީސް ޔާމީނާ ކޯޓުތަކުގައި ތިބި ޤާޟީންނަށްވެސް ދޭން ވީ، ވަގުންނަށްވެސް ދޭންވީ އަދި ހުރިހާ ކުށަްވެރިންނަށްވެސް ދޭންވީ. ސިވިލް ސަރވިސްގެ ވަޒީފާގައި އުޅޭއިރު ސިވިލް ސަރވިސްގެ ޤަވާއިދާ އެއްގޮތަށް ނޫޅޭނަމަ، ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކުރަންޖެހޭނެ. އަދި މުވައްޒަފުންނާމެދު ކުރިން ފިޔަވަޅު އަޅާފައިނުވާނަމަ، ސީނިއަރ ވެރިންނާއި ޕީއެސްގެ ވެސް އިހްމާލު އެބައޮތް. ވީމާ މިފަދަ ފަރާތްތަވެސް ވަކިކުރަންވީ.