Moosumaai Salaamathaa gulhey ministerunge bahdhalu vumehga Shahid baiverive vadaigenfi
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

މޫސުމާއި ސަލާމަތާ ގުޅޭ މިނިސްޓަރުންގެ ބައްދަލުވުމެއްގައި ޝާހިދު ބައިވެރިވެވަޑައިގެންފި

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީއިން އިންތިޒާމްކޮށްގެން އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި މޫސުމާއި ސަލާމަތާއި ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފި އެވެ.
މި ބައްދަލުވުމުގައި މޫސުމާއި ސަލާމަތީ ކަންކަމާއި އޮތް ގުޅުން ބަޔާންކޮށް މިނިސްޓަރު ޝާހިދު ވަނީ ވާހަކަދައްކަވާފަ އެވެ. ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ އެއް ޤައުމުކަމަށް ވުމާއިއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ އާއި ގެދޮރު ގެއްލި، ފުރާނަ ގެއްލުމުގެ ބިރުވެސް އެބައޮތްކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލަމާތަށް އޮތް ނުރައްކާ ހާމަކޮށް، އެކަމަށް ހޭލުންތެރި ކުރުމަށް ގްރޫޕް އޮފް ފްރެންޑްސްގެ ފަރާތުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު އެ މަސައްކަތަށް ތައުރީފްކުރެއްވި އެވެ. ހަމައެއާއެކު، ޕެރިސް މުއާހަދާގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާކަން ޔަޤީންކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ރާއްޖެއިން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވީހާވެސް އަވަހަކަށް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރެއްވިއެވެ.

އޭގެ އިތުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިއުލާންކުރައްވާފައި ވާތީ، އެކަމަށް ވެސް މިނިސްޓަރު ޝާހިދު އަލިއަޅުއްވާލެއްވި އެވެ.

މި ބައްދަލުވުމަށް ފަހު ޝާހިދު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާއި ބެހޭ މައުލޫމާތާއި، އެ ނުރައްކާތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ ލަފާ މެމްބަރު ޤައުމުތަކާއި ހިއްސާ ކުރެއްވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލްއަށް ގޮވާލާ ޖޮއިންޓް ޕޮޒިޝަންގައި ސޮއިކުރައްވާފަ އެވެ.

ގްރޫޕް އޮފް ފްރެންޑްސް އޮން ކްލައިމެޓް އެންޑް ސެކިއުރިޓީ އުފެދުނީ 1 އޮގަސްޓް 2018 ގައެވެ. އެ ޖަމާޢަތުން މަސައްކަތް ކުރަމުން އަންނަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޤައުމުތަކުގެ ސަލާމަތަށް ކުރިމަތިވާ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ހޭލުންތެރިކަން އިތުރުކޮށް، އެދާއިރާއިން އދ.ގެ ބައިވެރިވުން އިތުރު ކުރުމަށެވެ. މި ގްރޫޕްގައި 27 މެމްބަރު ޤައުމު ހިމެނެ އެވެ.
ހިޔާލު