Zimbabwe ge kureege Raees Mugabe ge Janaazaa baahvaifi
image
0 ކޮމެންޓް
 

ޒިމްބާބްވޭގެ ކުރީގެ ރައީސް މުގާބޭގެ ޖަނާޒާ ބާއްވައިފި

މިދިޔަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު އަވަހާރަވި ޒިމްބާބުވޭގެ ކުރީގެ ރައީސް، ރޮބަޓް މުގާބޭގެ ޖަނާޒާ ބާއްވައިފި އެވެ.
ޒިމްބާބުވޭގެ ރައީސްކަން 37 އަހަރު ވަންދެން ކުރެއްވި މުގާބޭ އަވަހާރަވީ ސިންގަޕޫރުގައި ސިއްހީ ފަރުވާ ހޯދަމުން ދަނިކޮށް އުމުރުފުޅުން 95 އަހަރުގައެވެ.

އަވަހާރަވިތާ ގިނަ ދުވަސްތަކެއް ފަހުން މުގާބޭގެ ޖަނާޒާ ބާއްވާފައި މިވަނީ، އޭނާގެ އުފަން އަވަށް، ކުޓަމާގައި ކުޑަ ގޮތަކަށް ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.

ފަހުގެ ތާރީހެއްގައި އެންމެ ގިނަ ދުވަހު ގައުމެއްގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާ މުގާބޭގެ ވެރިކަން ވެއްޓުނީ 2017 ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާ އިން ގެނައި ބަޣާވާތަކުންނެވެ.

މުގާބޭ އަކީ އިނގިރޭސީންގެ އަޅުވެތިކަމުން ޒިމްބާބުވޭ ސަލާމަތްވެ، މިނިވަން ގައުމެއްގެ ގޮތުން ބޭއްވި ފުރަތަމަ އިންތިހާބުގައި 1980 ވަނަ އަހަރު އެ ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެއަށް ފަހު 1987 ވަނަ އަހަރުން ފެށިގެން އަސްކަރީ ބަޣާވާތުން ވެރިކަން ވައްޓާލުމާއި ހަމައަށް ހުންނެވީ ރައީސްގެ މަގާމުގަ އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު މުގާބޭ ފާހަގަވެފައިވަނީ އެ ގައުމުގެ މެޖޯރިޓީ ކަމަށްވާ ކަޅު ނަސްލުގެ މީހުންނަށް އިނގިރޭސިންގެ އަޅުވެތިކަމުގައި ނުލިބި ހުރި ހައްގުތަށް ހޯއްދަވައިދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އެ މީހުންނަށް ބޭސްފަރުވާ އާއި ތައުލީމުގެ އިތުރުން ވެސް އަސާސީ ގިނަ ހައްގުތައް ހޯއްދަވައިދެއްވީ މުގާބޭގެ ވެރިކަމުގަ އެވެ.

އެކަމަކު ފަހުން މުގާބޭގެ ވެރިކަން ވަނީ ހުދުމުހުތާރުވެރިކަމަކަށް ބަދަލުވެ، އިދިކޮޅު ސިޔާސީ ވެރިންނާ މެދު ލާއިންސާނީ އަމަލުތައް ހިންގާ ސަރުކާރެއްގެ ގޮތުގައި ގައުމުތަކުން ފާހަގަ ކޮށްފަ އެވެ. އެގޮތުން ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ލާއިންސާނީ އަމަލުތައް ހިންގާ ކަމަށް ވެސް ތުހުމަތު ކުރެވިފައި ވެއެވެ.

އެ ހުރިހާ ކަމަކާއި އެކު ވެސް، މުގާބޭ އަކީ އެ ގައުމުގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ލީޑަރެކެވެ. އެކަން އެންމެ ބޮޑަށް ހާމަވަނީ، އަސްކަރީ ބަޣާވާތަށް ފަހު ވެސް މުގާބޭ އަށް ކުރާ އިހުތިރާމް އެ ގައުމުގެ ސަރުކާރުން ދެމެހެއްޓުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މުގާބޭ އަވަހާރަވީކަން ވެސް ހާމަކުރީ އެ ގައުމުގެ މިހާރުގެ ރައީސް އެވެ.
ޒިމްބާބްވޭ
ހިޔާލު