Raajjey gai license Malaysia beynun kurevey goi hadhanee
image
މިނިސްޓަރު ނަހުލާ އާއެކި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު---ފޮޓޯ:ޓްރާންސްޕޯޓު މިނިސްޓަރު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރާއްޖޭގެ ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެ ގޮތް ހެދުމާއި ގުޅޭގޮތުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލޯބް ނިއު ފޭކް އާއި މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ މަޝްވަރާ ކުރައްވައިފި އެވެ.
ކެނެޑާގެ މޮންޓްރިއާލްގައި މިހާރު ކުރިއަށްދާ އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ބޭއްވި ބައްދަލުވުޅުގައި ދެ ގައުމުގެ ދެމެދުގައި މިއުޗުއަލް ރިކޮގްނިޝަން އެގްރިމެންޓެއްގައި ސޮއި ކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައިވާއިރު، ކައިރި މުސްތަގުބަލެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ބުނެފައެވެ.

އެ އެއްބަސްވުމުގެ ދަށުން މެލޭޝިއާގެ ލައިސަންސް ރާއްޖޭގައި ބޭނުން ކުރެވޭއިރު ދިވެހި ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެ އެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ދިވެހި ދަރިވަރުން މެލޭޝިއާގައި ހަދާ އޭވިއޭޝަން ދާއިރާ އާއި ގުޅުން ހުރި ކޯސްތަކަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރެވޭ ފެންވަރުގެ ކޯސްތަކަކަށް ހެދުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފަ އެވެ.

ހަމައެހެންމެ މެލޭޝިއަން އޭވިއޭޝަން އެކަޑެމީ ގައި އޭޓީސީ ޓްރެއިނިންގެ އިތުރު ފުރުސަތުތައް ދިވެހިންނަށް ހޯއްދަވައި ދެއްވާނެކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެބައްދަލުވުގައި ވަނީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އާއި އެއްގަމު ދަތުރު ފަތުރާއި ގުޅޭ ގޮތުން އިތުރަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ހިޔާލު