REPORT: Hong Kong ge boahiyaa vahi kamuge massala: Raajje ah filaavalheh!
image
ހޮންކޮންގައި މީހުން އުޅެމުން އަންނަ ހާލު--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ހޮންކޮންގެ ބޯހިޔާވަހިކަމުގެ މައްސަލަ: ރާއްޖެއަށް ފިލާވަޅެއް، އަވަސް ފިޔަވަޅު ބޭނުންވޭ!

ރާއްޖެއާ 4894 ކިލޯމީޓަރު ދުރުގައި އޮތް ހޮންކޮންގަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ތަނެކެވެ. ކުރު ގޮތަކަށް ހޮންކޮންގެ ބޯހިޔާވަހިކަމުގެ މައްސަލަ ކިޔައިދޭ ނަމެވެ. ދެމަފިރިއަކު ކައިވެނިކޮށްގެން އުޅެން ޖެހެނީ ދެ ތަނެއްގަ އެވެ. ގެދޮރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ، ކުޑަވަރެއްގެ ކޮއްޓެއްގައި ތިން ހަތަރު އާއިލާ ޕާޓިޝަން ޖަހައިގެން ދިރިއުޅެ އެވެ.
ލަންޑަނާއި، ޕެރިސް އަދި ސިންގަޕޫރު ފަދަ ތަންތަނަށް ވުރެން ހޮންކޮންގައި ގެދޮރު އަގު ބޮޑެވެ. ޔޫބީއެސް ރިއަލް އެސްޓޭޓް ބަބްލް އިންޑެކްސްއިން ދައްކާ ގޮތުން ވެސް ދުނިޔޭގެ ގެދޮރު އެންމެ އަގު ބޮޑު ތަންތަނުގެ އެންމެ ކުރީގައި ހިމެނެނީ ހޮންކޮންގެވެ. ޖުމްލަ 7.4 މިލިއަން މީހުން، ހޮންކޮންގައި އުޅެމުން އަންނައިރު އެ ގައުމު ރައްޔިތުން ބުނާ ގޮތުގައި އެމީހުން އުޅެމުން އަންނަނީ "ކުޑަ ގޮޅި [ޖަލު]" ގައެވެ. ކޮއްޓެއްގައި ބަންދުވެފައި އިންނަ ދޫނި ވެސް އެމީހުންނަށް ވުރެ އުފަލުގައި އުޅޭނެ ކަމަށް އެމީހުން ދެކެ އެވެ.

އަހަރެއްގެ މައްޗަށް 50،000 ޑޮލަރުގެ އާމްދަނީއެއް ލިބޭނަމަ، ހޮންކޮންގުން ގެއެއް ގަތުމަށް 18 އަހަރު މަޑުކުރަން ޖެހެ އެވެ. ސަބަބަކީ ގެއެއްގެ އަގު 900،000 [ނުވަ ލައްކަ] ޑޮލަރަށް އަރާތީ އެވެ. އެ މުއްދަތުގެ ތެރޭގައި އެ އަގަށް ގެއެއް ގަނެވޭނީ ކެއުމާއި ދަތުރު ކުރުމާއި މުނިފޫހިފިލުވުން ފަދަ އިތުރު އެއްވެސް ހަރަދެއް ނުކޮށް ދިރިއުޅޭ މީހަކަށެވެ.

އޭގެ އިތުރުން ކުދި އެޕާޓްމަންޓުތަކުގެ އަގަށް މަހަކު 3500 ޑޮލަރު ދައްކަން ޖެހެ އެވެ. އެ އެޕާޓްމަންޓުތަކުގެ ހާލަތު ވެސް ކުޑަ ގޮތަކަށް ކިޔައިދޭނަމެވެ. ތިރީހަކަށް ބުރި އަށް ނަގާފައި ހުންނަ ފްލެޓުތަކެއް އެއް ފުންޏަކަށް ޖަހާލާފައި ހުންނައިރު ދުރުން ބަލާލަން މަންޒަރު ވަރަށް ރީތި ވެދާނެ އެވެ.

އެކަމަކު އެތަނުގެ އެތެރޭގެ ހާލަތު ނިކަން ވެސް ދެރަ އެވެ. އެންމެ އެޕާޓްމަންޓެއް ތިން ހަތަރު އާއިލާއަށް ބަހާލައިގެން ދިރިއުޅޭއިރު ވަރަށް މައްސަލަތައް ވެސް ޖެހޭނެ އެވެ. އެކަމަކު އެ ނޫން ގޮތެއް ވެސް އެމީހުންނަކަށް ނެތެވެ. މާމަ އާއި ކާފަ އެމީހުންގެ ދަރިންނާނައި ދަރިންގެ ދަރިންނާއި އަދި އެ ދަރިން ވެސް މީހުންނާ އިނދެގެން އެއް ތަނެއްގައި ދިރިއުޅެނީ ފޮތިގަނޑަކުން ޕާޓިޝަން ޖަހައި ވަކިކޮށްގެންނެވެ.

އަނެއް ބައި ތަންތަނުގައި ދޫނި ކޮށީގައި ހުންނަ ނަރުދާ ބޭނުންކޮށްގެން ކޮޓަރިތައް ވަކިކޮށްފައި ހުރެ އެވެ. ނިދަން އޮންނަ އެނދުގެ މަތީގައި ކައި ބޮއި ހަދާ އާއިލާތައް ވެސް މަދެއް ނޫނެވެ. އެމީހުންގެ އަލަމާރިއަކީ އެނދުގެ ދަށެވެ. ލާން ގެންގުޅޭ އަންނައުނުތަކުން ފެށިގެން ގޮސް ރީތިވާ ސާމާނު ވެސް ފޮރުވާފައި ހުންނަނީ އެތަނުގަ އެވެ.

- ހޮންކޮންގައި މީހުން އުޅެމުން އަންނަ ހާލު

މި ހާލަތުގައި ހޮންކޮންގެ ގިނަ ރައްޔިތުން އުޅެމުން އަންނަނީ އެއް ގޮތަކަށް ވެސް އެގައުމުގައި ބިމުގެ ދަތިކަން އޮތީމައެއް ނޫނެވެ. އެ ގައުމުގެ 75 އިންސައްތައަށް ވުރެ ބޮޑު ބަޔަކީ އަދިވެސް ހުސް ބިމެވެ. އެކަމަކު ރިއެލް އެސްޓޭޓް ކުންފުނިތަކުން ބޮޑެތި ފްލެޓުތައް އަޅަނީ އެންމެ ސަރަހައްދެއްގަ އެވެ. އެހެންވެ އެ ސަރަހައްދުގައި ބިމުގެ އަގު އިންތިހާއަށް އުފުލިފައި ވަނީ އެވެ.

- ހޮންކޮންގައި މީހުން އުޅެމުން އަންނަ ހާލު


މިއީ މިވަގުތު ހޮންކޮންގައި ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ހާލަތެވެ. ރާއްޖެއަކީ ވެސް ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާ ގައުމެކެވެ. ވަކިން ހާއްސަކޮށް ވެރިރަށް މާލެ އެވެ. ގާތްގަނޑަކަށް 9.27 އަކަ ފޫޓުގެ މާލެއަކީ ދުނިޔޭގެ ތޮއްޖެހިފައިވާ ސިޓީތަކުގެ ލިސްޓުގައި ހިމެނޭ ރަށެކެވެ. މާލޭގައި އެކަނި ވެސް ރާއްޖޭގެ އާބާދީގެ ތިން ބައިކުޅަ އެއް ބައި، 126،080 މީހުން ދިރިއުޅެ އެވެ.

ދިހަ ބާރަ ބުރިއަށް ކުދި ކުދި އިމާރާތްތައް ނަގައި އެތަންތަނުގައި އެތައް އާއިލާތަކެއް މާލޭގައި ވެސް ދިރިއުޅެ އެވެ. ހޮންކޮންގާ އެއްގޮތަށް އެތައް އާއިލާއެއް ކުޑަ ތަންތަންކޮޅުގައި އެކުގައި ދިރިއުޅެއެވެ. ދުވަހެއް ދުވަހަކަށް އިމާރާތަށް ދައްކަން ޖެހޭ ކުލީގެ އަދަދު ވެސް މައްޗަށް އަރަމުން އަންނައިރު ގޭގެ އެންމެން ވަޒީފާއަށް ގޮސްގެން ވެސް ކުލި ދައްކައިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅެވެން މިތާކު ނެތެވެ.

މާލޭގެ ހަނި ގޯޅިގަނޑެއްގެ ތެރެއަށް ވަދެގެން ހިނގާފައި ދާއިރު އެއިން ކޮންމެ ގޯޅިއެއްގެ ތެރެއިން ވެސް އަށް ވަރަކަށް ގެ ފެންނާނެ އެވެ. އަދި އެއިން ކޮންމެ ގެއަކީ ވެސް ބިމުގެ ގޮތުން ކިތަންމެ ކުޑަ ތަންކޮޅެއް ނަމަވެސް ދިހަ ބާރަ ބުރިއަށް ނަގާފައި ހުންނާނެ އެވެ. އޭގެ ތެރެއިން ބައެއް ގެތަކަކީ އިންސާނުން އުޅެން ހެޔޮވާވަރަށް ވުރެ ހާލަތު ގޯސް ކޮށް ހުންނަ ގެތަކެވެ. އެކަމަކު އެތަންތަން ވެސް ބޮޑު އަގުގައި ކުއްޔަށް ދީފައި ހުންނައިރު އެތަންތަނުގައި މީހުން އުޅެނީ އިތުރު މަގެއް ފެންނަން ހަމަ ނެތީމަ އެވެ. އެންމެ އިމާރާތެއްގައި މަދުވެގެން ހައެއްކަ އާއިލާ އުޅޭނެ އެވެ.

- މާލޭގެ ގެއެއްގެ ތެރެ - ފޮޓޯ: އަޝްވާ ފަހީމް

"އަހަރެން މިއުޅެނީ 17000 ރުފިޔާ ދީގެން ކުޑަކުޑަ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގަ. ހަތް މީހުން މިތަނުގަ އުޅޭ. ދަރިންނަށް ކިޔަވައިދޭން ވެގެން މިއައީ އަހަރެމެން ވެސް މިތަނަށް. ވަރަށް ހާލުގަ މި އުޅެނީ. މިއަގު ތަންކޮޅެއް ބޮޑު ތަނެއް ނަމަވެސް ރަނގަޅު. ދެން އެހާ ފަސޭހައެއް ނޫން މިތަނަކުން ކުއްޔަށް ތަންތަން ހޯދާކަށް ވެސް. އެހެންވީމަ ލިބުން ތަންކޮޅެއްގަ ކީ އަގެއްގަ އުޅެން މަޖުބޫރުވަނީ އަހަރެމެންނަށް ވެސް،" މާލޭގައި އުޅޭ އަތޮޅު ތެރޭ މީހަކު ބުންޏެވެ.

މިއީ މާލޭގައި އުޅޭ އަތޮޅު ތެރޭގެ މީހުން އެކަނި ކުރަމުން އަންނަ ޝަކުވާއެއް ނޫނެވެ. މާލޭގެ ގިނަ ރައްޔިތުންނަކީ ވެސް ބޮޑު ކުލީގައި ދިރިއުޅެން ޖެހިފައިވާ މީހުންނެވެ. އެގޮތަށް އެމީހުންނަށް އުޅެން ޖެހެނީ ގޮތެއް ނެތިގެނެވެ. މަންމަ އަށް ނުވަތަ ބައްޕައަށް މާލެއިން ލިބިފައި އޮންނަ ކުޑަ ބިންކޮޅު މައިންބަފައިން ކުއްޔަށް ދިނުމުން ވަންނާނެ ގެދޮރެއް ނުހުންނަނީ އެވެ. ނުވަތަ މައިންބަފައިންގެ އެ ބިންކޮޅު އާއިލާގެ ހުރިހާ އެންމެންނަށް ބެހުމުން، އިތުރު އާއިލާއެއް ބިނާ ކުރާނެ ޖާގަ އެ ބިމުގައި ނޯންނަނީ އެވެ.

"އަހަރެން އުޅެނީ 12 ފޫޓުގެ ކޮޓަރިއެއްގަ. ދެކުދިންނާއި ދެމަފިރިންނާއެކު. އެއީ ފާހާނާ ވެސް އެތާ ހުންނާނީ، ކިޔެވުމާއި ކެއުމާ އެކަން ކަން ވެސް އެ 12 ފޫޓު ކޮޓަރީގަ. އެނދު ބަހައްޓަން ވެސް ރަނގަޅަށް ޖާގަ ނޯންނާތީ ގޮދަޑި ބިންމަތީގަ އަޅައިގެން ނިދަނީ ވެސް. އަހަންނަކީ ވެސް މާލެ މީހެއް. ގެ ބަހާފަ އޮތަކަސް ގެ ހަދަން ލޯނެއް ލިބެނީކީ ނޫން. އެއީ ވަކި ޕަސެންޓެއް އެބަ ބަހައްޓަން ޖެހޭ ލޯނު ހޯދަންޏާ. އެކަމަކު އެހާ ތަނަވަސްކަން ނެތީމަ އެ ލޯނު ވެސް ލިބޭކަށް ނެތް ބަޔަކާ ހަވާލުކޮށްގެން އެތަން ހަދަން އުޅުނަސް އެމީހުންނަށް ދޭންޖެހޭ ބައި ބޮޑު. އެކަމަކު ހެދިޔަސް އެމީހުންނަށް އެހާ ބޮޑު ބައެއްދީގެން އަހަރެމެން ވަކި އުޅެނީ ކިހިނެއް. އެހެންވެ މިގޮތަށް މިއުޅެނީ،" މާލޭ މީހަކު ސީއެންއެމްއަށް ކިޔައިދިނެވެ.

- މާލެ -- ފޮޓޯ: އަޝްވާ ފަހީމް

ދޭތެރެ ދޭތެރެއިން މާލޭގެ ކުލި ކޮންޓްރޯލު ކުރުމަށް ގޮވާލުމުގެ އަޑުތައް ވެސް ސޯޝަލް މީޑިއާގައި ގަދަވެއެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ މާލޭގެ ކުލި ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއަށް ދިމާވެފައިވާ އެކި މައްސަލަތަކާ ގުޅިގެން އަޑު އުފުލަމުން އަންނަ ނަވާނަވައި ޖަމިއްޔާގެ ތަރުޖަމާނު، ފާތިމަތު ޝާއިރާ ސީއެންއެމްއަށް ވިދާޅުވި ގޮތުގައި މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ އަސަރު އަތޮޅު ތެރޭގެ މީހުންނަށް ވެސް ކުރެ އެވެ.

އެގޮތުން ރަށްރަށުގައި އުޅޭ މީހުން ވެސް އެމީހުންގެ އާއިލާތައް މާލޭގައި ދިރިއުޅޭތީ ލިބޭ މުސާރަ ވެސް މާލެއަށް ފޮނުވާ ކަމަށެވެ.

"ރިޕޯޓުތަކުން ދައްކާ 80 އިންސައްތައަށް ވުރެ މަތިން އާމްދަނީގެ މި ހަރަދު ވަނީ ކުއްޔާއި ބިލްތަކަށް ކަމަށް. ދެން ވިސްނާލާ އަހަރެމެންގެ ދިރިއުޅުމުގެ ފެންވަރު ހުންނާނީ ކޮން ހާލެއްގަކަން. އާމްދަނީގެ ބޮޑު ބައި ކުއްޔަށް ދީފަ ފުރަތަމަ މި ދިރިއުޅެނީ ވެސް އެކަށީގެންވާ ތަންތަނަކު ނޫން. މިހާރު ކުއްޔަށް ދެނީ އަސްލު އެޕާޓްމަންޓެއް ނޫން. ކުޑަކުޑަ ތަންކޮޅެއް. މީހަކު ބޯ ޖައްސާލާ ނިދާލާނެ ތަންކޮޅެއް މިދެނީ ކުއްޔަށް ތިން ހަތަރު ހާހަށް. ގޭގޭގަ ކުދިން ބަހައްޓާ ގޭގޭ ވެސް މިހުންނަނީތާ. އެމީހުން އެ ކުއްޔަށް ދެނީ ހަމަ ސްޕޭސް ކޮޅެއް،" ޝާއިރާ ވިދާޅުވި އެވެ.

ޝާއިރާ އިތުރަށް ވިދާޅުވީ ކުލި ކޮންޓްރޯލު ކުރުމަކީ ކުއްޔަށް އުޅޭ މީހުން ޔޫނިއަނެއް ހަދައިގެން ނިކުންނަން ޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް އަހަރުން އަހަރަށް ބޮޑުވަމުން ދާއިރު، ހޮންކޮން ފަދައިން ކައިވެނިކޮށްގެން ދެމަފިރިން ވަކިން އުޅެން ޖެހޭ ހިސާބަށް ކުރިއަށް އޮތް ތަނުގައި ދިޔުމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެ އެވެ. މާލެ ނޫން ހިސާބެއް ތަރައްގީ ކުރުމުގެ ސިޔާސަތު ނުގެންގުޅޭ ނަމަ، ކުރިއަށް އޮތް ތަނުގައި ހޮންކޮން އޮތް ހާލަތަށް ރާއްޖެ ދިޔުން ވަރަށް ގާތެވެ.

ރާއްޖެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމުން ގައުމީ ތަރައްގީގެ ޕްލޭން އެގޮތަށް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ވިސްނުމަކީ ރާއްޖެ މައިގަނޑު ފަސް ސަރަހައްދަކަށް ބަހާލައިގެން ތަރައްގީ ކުރުމެވެ. ޕްލޭންއާ އެއްގޮތަށް ރާއްޖެ ތަރައްގީ ކުރެވިއްޖެނަމަ މާލެ ތޮއްޖެހުމަށާއި ހޮންގް ކޮންގް މިއަދު ދެކެން ޖެހިފައިވާ ދުވަސް ރާއްޖެއަށް ތަޖުރިބާ ކުރަން ޖެހުން ދުރެވެ. އެހެންކަމުން ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަން ރާއްޖެއަށް މިވަނީ މަޖުބޫރުވެފަ އެވެ.
ހިޔާލު

އެތެރެކޮއިލު

އަޅުގަނޑު މި ކޮށި ހިތަށް އަރައެވެ. ރައްޔިތުންގެ މަޖިލީހެއް އެބަ އޮތެވެ. އެމަޖިލީހުގެ ސުޕާ މެޖޯރިޓީ އަކީ އަތޮޅުތެރެއިން އައިސްތިބި އަތޮޅުތެރޭ މެމްބަރުންނެވެ. އެމީހުން މި ރައްރަށު މީހުންނަށް މިހާލު ޖެހޭ އިރު ކުލިކޮންޓްރޯލު ކުރަން ބިލެއްވެސް ހަމަ ފަރުމާ ނުކުރެވެނީ ހެއްޔެވެ. ނުވަތަ ނުފޫޒު ގަދަ ބައެއްގެ ނުފޫޒުގަޖެހި އެއިން ނެއްޓެން ނެއްޓެން ނޭގިގެން އުޅެނީބާއެވެ. ހަމަ ގައިމު އަޅުގަނޑުމެން ގުދާރު ބިންދައިގެން ހޯދާހާ ލާއެއް ދޭން މިޖެހެނީ މާލޭގެ ބިންވެރިންނަށެވެ. މިއީ އަޅުގަނޑު ހިތުން އަވސް ހައްލު ހޯދަން ޖެހިފައިވާ ބޮޑު މުސީބާތެކެވެ..

ތުއްތުނާ

ދައުލަތުގެ މުއްސަދިކަން އެއްތަނަކަށް ހަރަދު ކުރަނީ.......ދެން ކޮން ތޮއްޖެހޭ ވާހަކައެއް ......