Terrorism gaanoonuge beynun naajaaizu gothuga eh nuhifaanan: Imran
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ޓެރަރިޒަމް ގާނޫނުގެ ބޭނުން ނާޖާއިޒު ގޮތުގައެއް ނުހިފާނަން: ހޯމް މިނިސްޓަރު

ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގެ ބޭނުން ނާޖާއިޒު ގޮތުގައި ނުހިފާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފި އެވެ.
ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތައް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެކަމަށް މަރުހަބާ ދަންނަވައި މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް ގެންނަން ބޭނުންވި ބަދަލުތައް މަޖިލީހުން ފާސްވެގެން ދިއުމަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް، ހުށެހެޅުއްވި އެ ބިލު ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 53 މެމްބަރުންގެ ތެރެއިން 52 މެމްބަރުންގެ އަގުލަބިއްޔަތާއެކު އެވެ.

ބިލު ދިރާސާކުރި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ބިލު ދިރާސާ ކުރިއިރު 10 އިސްލާހެއް ބިލަށް ގެނެސްފައެވެ. އެގޮތުން ޓެރަރިޒަމުގެ ކުށުގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި 48 ގަޑިއިރު މީހުން ހައްޔަރުކޮށްފައި ބެހެއްޓުމާއި ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތް ކުރުމާއި އެކަމަށް ހިތްވަރުދޭ ފަދަ ވާހަކަތައް ދެއްކުމަކީ ވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ފުޅާ ދާއިރާއެއްގައި ޓެރަރިޒަމް މާނަ ކޮށްފައިވާ މި ބިލުގައި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާއްމުންނަށް ނުވަތަ އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ވެސް ޓެރަރިޒަމްގެ އަމަލެކެވެ.

ޓެރަރިޒަމް މާނަ ކުރުން ކަމަށް ބެލެވޭނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުމާއި އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުމުގެ އިތުރުން މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން ފަދަ ކުށެއް ކުރި ކަމަށްވާނަމަ އެވެ.

މި ކުށްތަކުގެ އިތުރުން ހަނގުރާމަވެރި ހަތިޔާރެއް ނުވަތަ ގޮވާތަކެތި ބޭނުންކޮށްގެން އެއްވެސް އަމަލެއް ކުރިނަމަވެސް އެއީ ޓެރަރިޒަމްގެ ކުށުގެ ގޮތުގައި ބެލެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލުގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމަކީ ނުވަތަ އެފަދަ ކަމެއް ކުރުމުގައި އެހީތެރިވެ ދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރިވުމަކީވެސް ކުށެކެވެ.

ބިލު ސަރުކާރުން މަޖިލީހަށް ހުށަހެޅިއިރު ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތައް ކޮމެޓީން ވަނީ ލުއިކޮށްފައެވެ. އެގޮތުން ސަރުކާރުން ބިލު ހުށަހެޅިއިރު ހަނގުރާމައަށް ދިޔަ މައްސަލައެއް ސާބިތު ވެއްޖެނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ކޮމިޓީއިން ބިލު ފާސްކުރި އިރު ހަނގުރާމައަށް ދާ މީހުންގެ އަދަބެއް ކަމަށް ބުނެފައި ވަނީ ނުވަ އަހަރާއި 12 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.

ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހެއްގައި ހުރިކަން ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ސަރުކާރުން ބިލު ހުށަހެޅި އިރު ބުނި ނަމަވެސް އެ އަދަބު ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ ޖަލު ހުކުމަކަށް ކޮމިޓީ އިން ވަނީ ބަދަލުކޮށްފަ އެވެ. ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް ހިތްވަރު ދިނުމަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެއް ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.

ރާއްޖޭގައި ދީނީ ހަރުކަށި ޖަމާއަތްތަކުން ހިންގާ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެއެވެ.
ހިޔާލު