Kinolhohuge lafaafurumuge dhathikama gulheygothun naib raees aa mashvarakoffi
image
ނައިބު ރައީސް ކިނޮޅޮހު ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން---ފޮޓޯ:ރައީސް އޮފީސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ކިނޮޅަހުގެ ލަފާފުރުމުގެ ދަތިކަމާއި ނަރުދަމާ ނިޒާމުގެ މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

ރ. ކިނޮޅަަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމާއި ނަރުދަމާ ނިޒާމުގެ މައްސަލައަށް ހައްލު ހޯދުމާ ބެހޭ ގޮތުން އެ ރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއެކު މަޝްވަރާ ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ކިނޮޅަހު ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ރާވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ނައިބު ރައީސް އާ މަޝްވަރާކުރައްވާފައެވެ.

ކިނޮޅަހަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި އެ ރަށަށް ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަމާއި، ހުއްޓިފައިވާ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ހިމެނެއެވެ.

އޭގެ އިތުރުން ރަށުގެ ތަރައްގީއަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ކައުންސިލަރުން ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ކިނޮޅަހުގެ މުއްސަނދި ތާރީހު ދައްކުވައިދޭ "އިބްނު ބަތޫތާ މަންޒިލް" ގެ ނަމުގައި ކުޑަކުދީންނަށް ހާއްސަ ޕާކެއް ހެދުމުގެ މަޝްރޫއާއި، ރަށުގެ އާންމު ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސް ހިއްސާކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކިނޮޅަހުގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކައުންސިލުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހާއްސަކޮށް ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެހެންމެ ކިނޮޅަހު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވެސް ނައިބު ރައީބް ވިދާޅުވިއެވެ.
ހިޔާލު