Jehi jehigen alifaanuge ethah haadhisaa eh: Ihthifaagehbaa?
image
ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --
0 ކޮމެންޓް
 

ޖެހިޖެހިގެން އަލިފާނުގެ އެތައް ހާދިސާއެއް: އިއްތިފާގެއްބާ؟

މި ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކީ މި މަހުގެ 20ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެވެ. ހ. ތިލަފުށި ނަމަކަށް ކިޔާ ގެއެއްގެ ތެރޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އެ ހާދިސާގައި އެތައް ގެއަކަށް އަލިފާން ފެތުރި އެތައް ގެއެއް އަނދާ ހުލިވިގެން ދިޔައެވެ.
ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއަށް ހަފްތާއެއް ވެސް ނުވަނީ ޖެހިޖެހިގެން އަލިފާނުގެ އެތައް ހާދިސާއެއް މިވަނީ ހިނގާފައެވެ. އެކި ވަރުގެ ހާދިސާތަކެވެ.

ހަފްތާއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާތައް:

* ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވުން
* އެފްއެސްއްއެމްގެ ތެޔޮ ބައުޒަރެއްގެ އިންޖީނުގަ ރޯވުން
* ކުނޫޒު ކައިރީގައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވުން
* މ. ސްލީޓް ވިލާ ގަ ރޯވުން
* ބިދޭސީން ދިރިއުޅޭ ގެއެއްގަ ރޯވުން
* ހެންވޭރު އޮތް ޕިކަޕަކުން ދުން އެރުން
* މ. ނަޔާ ގޭގައި ހުރި ކުނި ތަކެއްގައި ރޯވުން
* ޓީ ޖެޓީގައި ހިނގި އަލިފާނުގެ ހާދިސާ
* ހެންވޭރު ޕެޓްރޯލް ޝެޑުގައި ހިގާ ދިޔަ އަލިފާނުގެ ހާދިސާ

މި ނޫނަސް ގެޔަކުން ދުން އެރުމާއި ގާކޮށި ފްލެޓުގައި ފަޔާ އެލާމް އެޅުމާއި މިއީ ވެސް ހުސް ހަފްތާއެއްހާ ދުވަސް ތެރޭގައި ހިނގާދިޔަ ހާދިސާތަކެވެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަންނަނީ މި ހާދިސާތައް އިތުރަށް ތަހުގީގުކޮށް ބަލަމުންނެވެ. ނަމަވެސް މިފަދަ ހާދިސާތައް ގިނަވެގެން ދިއުމަކީ ގިނަބަޔަކު ކަންބޮޑުވާ ކަމެކެވެ.

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވީ ޖެހިޖެހިގެން މިފަދަ ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިގާތީ ކަންބޮޑުވާ ކަމަށެވެ. އަދި މިއީ އަލިފާނުގެ ހާދިސާއެއްތޯ ނުވަތަ ބަޔަކު ރާވައިގެން ހިންގާކަމެއް ތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ. އަލިފާނުގެ ހާދިސާތަކާއި ގުޅޭ ގޮތުން ޖާބިރު ވަނީ ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މި ހާދިސާތަކާއި ގުޅިގެން ވަރަށް ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާތައް ކައިރި ކައިރީގައި ހިނގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މި ހާދިސާތައް ތަހުގީގުކޮށް މި ކަންކަމަކީ ބަޔަކު މީހުން ރާވައިގެން ހިންގާ ކަމެއްތޯ ބަލަންޖެހޭ ކަމަށް ސިރާޖު ވިދާޅުވިއެވެ.

މިއީ ފުރިހަމަ ތަހުގީގުތަކެއް ކުރިއަށް ގެންދަންޖެހޭ ކަންކަމެވެ. އަލިފާނުގެ އެންމެ ހާދިސާއެއް ނޫނެވެ. އެތައް ހާދިސާއެކެވެ. ބޮޑު ދެ ހާދިސާއެވެ. މި މަސް ތެރޭގައި ހިނގާ މިދިޔަ ބޮޑު ދެ ހާދިސާއިން ވެސް އެތައް ބަޔަކަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. ކެމިކަލް ގުދަނުގައި ރޯވި އަލިފާނުގެ ހާދިސާގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ލިބިގެން ދިޔައެވެ. އެތައް ބައެއް މިހާރު ވެސް ވަނީ ވަގުތީ ބޯހިޔާވަހި ކަމުގައެވެ. މުޅި ޖުމްލަ 600 އެއްހާ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނެވެ. މިއީ ރާއްޖޭގެ ބައެއް ރަށްރަށުގެ އާބާދީއާ އެއްވަރުގެ އަދަދަދެކެވެ.

މިއަދު ޓީ ޖެޓީ ސަރަހައްދުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި އެތައް ބަޔަކު ފިހިގެން މިހާރުވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެކަކު އޮތީ ސީރިއަސް ހާލަތުގައެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް:

ބައެއް ފަރާތްތަކުން މިއީ ބަޔަކު ރާވައިގެން ހިންގާ ކަމެއްގެ ގޮތުގައި ސިފަ ކުރަމުން ދިޔަ ނަމަވެސް އެއްވެސް އަލިފާނުގެ ހާދިސާއަކާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން ނަފްސާނީ ވެއްޖެ. ހުވަފެނުން ވެސް އަލިފާން ފެންނަ ހިސާބަށް ކަންކަން ގޮސްފި. މިއީ ކިހިނެއް ހިނގާކަމެއްތޯ ސާފުކުރަންޖެހޭ،"

ފުލުހުން އެންމެ ފަހުންވެސް ބުނެފައި ވަނީ މާލޭގައި ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގާދިޔަ އަލިފާނުގެ ހާދިސާގައި "ރޯކޮށްލީތޯ ވެސް" ބަލަމުން އަންނަކަމަށެވެ. ޖަވާބެއް ލިބޭލީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު ނިމުމުންނެވެ.

ސިޔާސީ ގޮތުން މިހާ ބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތް ގައުމެއްގެ މާޒީއަށް ބަލާލުމުން ތަންތަނުގައި ރޯ ކުރުމާއި މިފަދަ ހާދިސާތައް ހިނގާފައިވާލެއް މަދެއް ނޫނެވެ. އެހެންކަމުން މިއީ އިއްތިފާގެއްތޯ ނުވަތަ ބަޔަކު ރާވައިގެން ގަސްތުގައި ކުރާ ކަމެއްތޯ މިވަނީ ސުވާލު އުފެދިފައެވެ.

ދާދިފަހުން އިނގިރޭސި ވިލާތުން އަޕްޓޭޓްކުރި ޓްރެވަލް އެޑްވައިޒަރީގަ ވެސް ދިވެހިރާއްޖެއަށް ޓެރަރިސްޓު ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތްކަމަށް އޮތް ބައި އުނިކޮށްފައެއްވެސް ނުވެއެވެ. އެހެންކަމުން އެގައުމުން ވެސް އަދިވެސް ދެކެނީ އެ ފުރުސަތު އެބައޮތްކަމަށެވެ.
ހިޔާލު