Addu gai elhi Flat thah libey meehunge dhaaimee List aanmukohfi
image
ހިތަދޫގައި އަޅާފައިވާ ފްލެޓުތަކެއް--
0 ކޮމެންޓް
 

އައްޑޫގައި އެޅި ފްލެޓުތައް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އައްޑޫ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ވަނީ އައްޑޫ ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓު އިމާރާތްކޮށްފަ އެވެ.

ހިތަދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަ ކުރި 150 ފްލެޓަށް އެދި 446 ފަރާތަކުން ފޯމު ހުށަހަޅާފައި ވެއެވެ. އަދި މަރަދޫ އާއި މަރަދޫ ފޭދޫގައި ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ހާއްސަކުރި 30 ފްލެޓަށް އެދި 54 މީހަކު ފޯމު ހުށަހެޅިއިރު ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ބަދަލުވާން ބޭނުންވާ މީހުންނަށް ހާއްސަ ކުރި 50 ފްލެޓަށް 77 މީހަކު ފޯމު ހުށަހެޅި ކަމަށް ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން އާންމުކުރި ދާއިމީ ލިސްޓުގައިވާ ގޮތުން ހިތަދޫ ރައްޔިތުންނަށް ހާއްސަކޮށްފައިވާ 150 ފްލެޓަށް ޝަރުތު ހަމަވެގެން ދާއިމީ ލިސްޓްގައި 179 މީހަކު ހިމެނެ އެވެ. އަދި މަރަދޫ ފޭދޫގެ ރައްޔިތުންނަށް ހާއްސަ ކުރި ފްލެޓްގެ ދާއިމީ ލިސްޓުގައި 32 މީހުން ހިމެނޭއިރު ފޭދޫ ރައްޔިތުންނަށް ހާއްސަ ކުރި ލިސްޓުގައި ހިމެނެނީ 54 މީހުންނެވެ.

ސިޓީ ކައުންސިލުން ބުނީ ހިތަދޫ ރައްޔިތުންނަށް ހާއްސަ ކުރެވުނު ކެޓަގަރީގެ ދަށުން 34 ޕޮއިންޓު ލިބިގެން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ހިމެނުނު މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތަކުން ކަމަށެވެ.

އޭގެ އިތުރުން މަރަދޫ އާއި މަރަދޫ ފޭދޫ އަދި ފޭދޫގެ ރައްޔިތުންނަށް ހާއްސަ ކުރެވުނު ފްލެޓުތަކަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 29 ޕޮއިންޓު ލިބުން މީހުންގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައަޅާނީ ވެސް ގުރުއަތަކުންނެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުދޫގައި އިމާރާތް ކުރި 48 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ވެސް އާންމުކޮށްފަ އެވެ. އެގޮތުން ހުޅުދޫ އާއި ހުޅުމީދޫގެ ރައްޔިތުންނަށް ހާއްސަކުރެވުނު 23 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނެނީ 18 މީހުންނެވެ. އަދި ހުޅުދޫ/މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ހާއްސަކުރި 15 ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ދާއިމީ ލިސްޓްގައި ހިމެނެނީ ދެ މީހުންނެވެ.

އެ ފްލެޓުތަކުގެ ޑައުންޕޭމަންޓުގެ ގޮތުގައި 25000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި މަހު ފީގެ ގޮތުގައި ދައްކަން ޖެހެނީ 3000 ރުފިޔާ އެވެ.

ސިޓީ ކައުންސިލުން ބުނީ އެ ކެޓަގަރީއަކުން ފްލެޓު ލިބޭ މީހުންނާއެކު އެގްރީމެންޓް ހެދުމުގެ ކުރިން މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ޝަރުތު ހަމަވޭތޯ ބަލާ ޗެކް ކުރާނެ ކަމަށެވެ. ކުރިން ސިޓީ ކައުންސިލުން ވަނީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވެސް ފުރުސަތު ހުޅުވާލާފައެވެ.
އައްޑޫ ސިޓީ ފްލެޓް
ހިޔާލު