Sarukaaruge furathama aharu, 129 mashroo havaalukoffi: Finance Minister vidhaalhuvee dhuveli rangalhu kamah!
image
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

ސަރުކާރުގެ ފުރަތަމަ އަހަރު، 129 މަޝްރޫއު: ފިނޭންސް މިނިސްޓަރު ވިދާޅުވީ ދުވެލި ރަނގަޅު ކަމަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރު ނިމުމަކާ ގާތް ވަމުން ދާއިރު، މިހާތަނަށް 129 މަޝްރޫއެއް ހިންގުމަށް އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 129 މަޝްރޫއެއް ހަވާލުކޮށްފައި ވާއިރު، ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި ހަވާލުކުރީ 70 މަޝްރޫއެއް ކަމަށެވެ.

އެހެންކަމުން ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރުގައި ވަނީ ކުރީ ސަރުކާރަށް ވުރެ 59 އިތުރު މަޝްރޫއު ފަށާފަ އެވެ. މިނިސްޓަރު އަމީރު އެފަދަ ގޮތަކަށް ވާހަކަދައްކަވާފައި ވާއިރު، މި ސަރުކާރުގެ ތަރައްގީގެ ދުވެލި ލަސް ކަމަށް ބުނެ އެކި ފަރާތްތަކުން ފާޑުކިޔާފައި ވެއެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ހަވާލުކުރި 129 ތަރައްގީގެ މަޝްރޫއުގެ ޖުމްލަ އަގަކީ 3.6 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ހުރިހާ މަޝްރޫއެއް ވެސް ހަވާލުކޮށްފައި ވަނީ ކުޑަ އަގުތަކެއްގައި ކަމަށާއި، ކުރީ ސަރުކާރާއި އަޅާ ބަލާއިރު، މި ސަރުކާރުގައި ކުންފުނިތަކުން ބިޑު ކުރުމުގައި ވާދަވެރިކަން ބޮޑު ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހިފައިވާކަން ފާހަގަކުރައްވަމުން، ފިނޭންސް މިނިސްޓަރު ވިދާޅުވީ އަލަށް ހަވާލު ކުރެވުނު މަޝްރޫއުތައް ފެށުމާއެކު އަލުން އިގްތިސާދީ ދުވެލި ކުރި އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެގޮތުން އެމްއެމްއޭ އިން ސެޕްޓެމްބަރު މަހު ނެރުނު ކުއާޓަލީ އިކޮނޮމިކް ރިވިއު ބިނާކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާ އާއި މިއަހަރުގެ ފުރަތަމަ ކުއާޓާއަށް ކަމަށާއި، އެ މުއްދަތުގައި އިގްތިސާދީ ކުރިއެރުން 4.1 އިންސައްތައިން 3.1 އިންސައްތައަށް ވެއްޓުނު ކަމަށް އަމީރު ވިދާޅުވި އެވެ.

އެހެން ދިމާވީ ރިޔާސީ އިންތިހާބަކާ ދިމާކޮށް ގިނަ މަޝްރޫއުތަކެއް ހިންގުމުން ކަމަށާއި، މިހާރު ހަވާލު ކުރެވިފައިވާ މަޝްރޫއުތައް ފެށުމުން އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ އަށް އެދެވޭ ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ ގުޅީފަޅުގެ ގިނަ މަޝްރޫއުތަކެއް މި އަހަރުގެ ނޮވެމްބަރުގައި ފަށާނެކަން މިނިސްޓަރު އިއުލާން ކުރެއްވި އެވެ.
ހިޔާލު

އަސްލު ހަގީގަތް

އަހަންނަކަށް ތިޔަ އެއްވެސް މަޝްރޫއެއް ފަށައިގެން ކުރިޔަށް ދާތަނެއް ނުފެނޭ. ކަންކަން ހަވާލުކުރެވިދާނެ. އެކަމަކު ބާރު ސްޕީޑުގައި އެކަންކަން ނިންމުން ބޮޑު މައްސަލަޔަކަށްވެފަ އޮންނަނީ. ފައިސާގެ ދަތިކަމާހެދި ގިނަ މަޝްރޫތަށް ކުރިޔަށްނުދަނީ. އަހަރުމެންގެ ރަށުގެ ނަރުދަމާ ފެށިތާ މިހާރު 2 އަހަރު މިވަނީ. އަދިވެސް ނިމޭތަނެއް ނާދޭ.